ހަމާސްއިން ޣައްޒާއަށް ކަނޑައަޅާފައި ހުންނަ ލީޑަރު، ޔަހްޔާ ސިންވާރުގެ ކޮއްކޮ މުޙައްމަދު ސިންވާރު އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
ނަތަންޔާހޫ އެކަން އިއުލާނުކުރުމުގެ މާ ކުރިން ވެސް މުހައްމަދު ސިންވާރު އަވަހާރަކޮށްލި ކަމުގެ ރިޕޯޓު ވަނީ ފެތުރިފައެވެ.
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މެއި މަހުގެ 13 ވަނަ ދުވަހު ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްއަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ސިންވާރު ވަނީ އަވަހާރަކޮށްލާފައެވެ.
"ހަސަތޭކަ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ހަގީގަތުގައި ވެސް މެދުއިރުމަތި ބަދަލުކޮށްލައިފިން. އަޅުގަނޑުމެންގެ ސަރަހައްދުން ޓެރަރިސްޓުން ދުރުކޮށް، ގަދަކަމުން ޣައްޒާއަށް ވަދެ، ދިހަހާސް ޓެރަރިސްޓުން ނައްތާލައިފިން. މުޙައްމަދު ސިންވާރު ވެސް މަރާލައިފިން،" ގާނޫނު ހަދާ މަޖިލީހުގެ ސެނެޓްގައި ވާހަކަދައްކަވަމުން ނަތަންޔާހޫ ވިދާޅުވިއެވެ.
އިސްރާއީލުގެ ޗެނަލް 12 ން ބުނިގޮތުގައި ސިންވާރު އަބަދު އުޅެމުން ދިޔައީ ހަމާސް އިން ރަހީނުކޮށްފައިވާ އިސްރާއީލު މީހުން ތިބޭ ތަންތަނުގައެވެ. އަދި އޭނާއަށް ހަމަލާދިނީ ރަހީނުން ނެތި ހަމާސްގެ ކޮމާންޑަރުންގެ ބަޔަކާ ބައްދަލުކުރެއްވި ވަގުތެއްގައެވެ.
އަދި ސިންވާރަށް ފާރަލަމުން ގެންދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، ނަމަވެސް ސިންވާރަށް ހަމަލާ ނުދެވެނީ އޭނާ އަބަދުވެސް އުޅެނީ ރަހީނުން ބަންދުކޮށްގެން ގެންގުޅޭ ތަންތަނުގައި ކަމަށް ވާތީ ކަމަށް އެ ޗެނަލުން ބުނެފައިވެއެވެ.
އިސްރާއީލުން މުޙައްމަދު ސިންވާރުގެ ބޭބެ ޔަހުޔާ ސިންވާރު މަރާލާފައި ވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހުގައެވެ.
މުހައްމަދު ސިންވާރު އޭނާގެ ބޭބޭއާއެކު ހަމާސްއާ ގުޅިވަޑައިގަތީ 1980 ގެ އަހަރުތަކުގެ ފަހުކޮޅުއެވެ. އެ ޖަމާއަތް ފުރަތަމަ އުފެދުނީ މުސްލިމް ބްރަދަހުޑްގެ ބައެއްގެ ގޮތުގައެވެ. ސިންވާރު ގުޅިވަޑައިގަތީ ގައްސާމް ބްރިގޭޑްސްގެ ނަމުން މަޝްހޫރު އެ ޖަމާއަތުގެ އަސްކަރީ ގޮތްޕާއެވެ.