މޯލްޑިވްސް ޕޯސްޓްގެ ނަމުގައި މެސެޖެއް ފޮނުވައި، ސްކޭމް ކުރަމުންދާތީ ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް ޕޯސްޓްއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ، އެ ކުންފުނީގެ ނަމުގައި ފޮނުވާ މެސެޖު ހިއްސާކޮށްފައެވެ.
އެ މެސެޖުގައި ވަނީ، ޕެކޭޖެއް ގެންގޮސްދޭން ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް، އެޑްރެސް ނުބައިކޮށް ދީފައިވާތީ ގެންގޮސްނުދެވޭ ކަމަށް ބުނެފައެވެ.
އެހެންވެ، އެ މެސެޖުގައި އޮތް ލިންކަށް ފިތައި، ހަ ގަޑިއިރުތެރޭ މައުލޫމާތު އަދާހަމަ ކުރުމަށް މެސެޖުގައިވެއެވެ. އަދި މައުލޫމާތު އެ ވަގުތު އަދާހަމަ ނުކުރާނަމަ، ޕެކޭޖް ނުފޮނުވި އޮންނަ މުއްދަތަށް އިތުރަށް ފައިސާ ނަގާނެ ކަމަށް ބުނެފައިވެއެވެ.
މޯލްޑިވްސް ޕޯސްޓުން ވަނީ، ޕެކޭޖެއްގެ ޑެލިވަރީ އެޑްރެސް ހޯދުމަށް ޕޯސްޓްއިން އެއްވެސް ކަސްޓަމަރަކަށް މެސެޖެއް ނުކުރާނެ ކަމަށް ބުނެފައެވެ. އަދި ޒާތީ މައުލޫމާތާއި މާލީ މައުލޫމާތު ރައްކާތެރިކުރުމަށްޓަކައި، އެފަދަ ލިންކްތަކަށް ނުފިތުމަށް އެ ކުންފުނިން އެދިފައިވެއެވެ.
ސްކޭމްގެ މައްސަލަތައް އިތުރުވަމުން އަންނައިރު، މަކަރާއި ހީލަތް ހަދައިގެން ހިންގި ސްކޭމްތަކުގައި މިދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް 2.5 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.