ފޫހި ވަޒީފާއެއްގައި ހަތަރުދަން؛ އުފަލެއް ނެތް ދިރިއުޅުމެއް

އިމިގްރޭޝަންގެ ވަޒީފާއަށް ދަމާލާފައި އޮތް ބޮޑު ކިއު: ގިނަ ޒުވާނުން އުޅެނީ 'ފޫހި' ވަޒީފާއެއްގައި --- ފޮޓޯ/ އިމިގްރޭޝަން

އެއީ ބޭނުންވި ވަޒީފާއެއް ނޫނެވެ. ކިޔެވި ދާއިރާއެއް ވެސް ނޫނެވެ. އެކަމަކު، ކޮންމެ މަހަކު ވެސް ކުލި ދައްކައި، ކައިބޮއެ ހަދަން ޖެހެންޏާ ޖެހޭނީ މި ފޫހި ވަޒީފާއަށް ދާށެވެ. އިތުރު ގޮތެއް ނޯވެއެވެ.

"ކިޔެވީ ބިޒްނަސް ޑިވޮލޮޕްމަންޓް، މި އުޅެނީ ކުންފުންޏެއްގައި އެޗްއާރުގައި،" 26 އަހަރުގެ ޒުވާނަކު އޭނާގެ ވާހަކަ ކިޔައިދިނެވެ.

އެއީ އޭނާ އެކަނި އުޅޭ ހާލެއް ނޫނެވެ.

"ބޮސް ގާތުގައި އެދުނިން ކިޔެވި އެއްޗެހި ބޭނުން ނުހިފޭތީ އެހެން ތަނަކަށް ޗޭންޖްކޮށްދޭން ވެސް. އެކަމަކު، އަޅައެއް ނުލި. ދެން އެހެން ޖޮބެއް ލިބެންދެން ޖެހޭނީ މި ތަނުގައި އުޅެން ދޯ. އެޓް ދަ އެންޑް އޮފް ދަ ޑޭ އައި ހޭވް ޓު ޕޭ ރެންޓް،"

ގިނަ ސަރުކާރު އޮފީސްތަކެއް ހުންނަ ވެލާނާގެ: ވަޒީފާގައި ޒުވާނުން ފަރުވާކުޑަ ކުރާކަމުގެ ޝަކުވާ ބޮޑު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮންމެ ދުވަހަކު ހެނދުނު އެނދުން ތެދުވަނީ ބޭނުންވެގެންނެއް ނޫނެވެ. އެ ނޫން ގޮތެއް ނެތްކަން އެނގޭތީ، އެ މަޖުބޫރުގައެވެ. ދާހިތްނުވާ، ފޫހި ވަޒީފާއަކަށް ދަންޏާ ވާނީ ވެސް އެހެންނެވެ.

ކަންނެތް ޖީލަކީތަ؟

ރާއްޖޭގައި ވަޒީފާ ނުލިބޭ މާ ގިނަ ބަޔަކު ތިބި ކަމަކަށް އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބުތަކަކުން ނުދައްކައެވެ. އެކަމަކު، އެއީ 2022 އެވެ. އޭރުގެ ހިސާބުތަކުން އެނގޭ ގޮތުގައި ވަޒީފާ ނުލިބި ތިބީ 9،244 މީހުންނެވެ. އެއީ، ވަޒީފާ ހޯދަން އުޅެ، މަސައްކަތްކުރަން ބޭނުންވެ، ވަޒީފާ ނުލިބިފައި ތިބި މީހުންނެވެ.

އެކަމަކު، އެއަށް ވުރެ ބޮޑު މައްސަލައަކީ 'ރަނގަޅު' ވަޒީފާ ނުލިބުމެވެ.

އެ ހިސާބުތަކުން ފެންނަ އެންމެ ބިރުވެރި މަންޒަރަކީ އަދި އެއެއް ނޫނެވެ. އުމުރުން 15 އަހަރާއި 24 އަހަރުގެ ދިވެހީންގެ ތެރެއިން ކޮންމެ ފަސް މީހަކުން އެކަކީ ވަޒީފާއަކަށް ނުގޮސް، ކިޔަވަން ވެސް ނޫޅޭ މީހުންނެވެ. އެއީ، 10،416 މީހުންނެވެ.

އެ ހިސާބުން އެނގޭ ކަމަކީ ޒުވާނުންގެ ތެރޭގައި ދިރާސާކުރަން ޖެހޭ، ހައްލު ހޯދަންޖެހޭ ބޮޑެތި މައްސަލަތަކެއް ހުރި ކަމެވެ.

އިމިގްރޭޝަންގެ 50 ވަޒީފާއަށް ކުރިމަތިލާން ހަދާފައި އޮތް ބޮޑު ކިއު -- ފޮޓޯ/ އިމިގްރޭޝަން

އޮފީހެއް ހިންގާ ވެރިއެއްގެ ގާތުގައި އަހަލައިފިއްޔާ ބުނާނީ ޒުވާނުން ކަންނެތް ވާހަކައެވެ. އެ މީހުން ފަރުވާކުޑަ ވާހަކައެވެ. އެ މީހުން ގަޑިއަށް ނާންނަ ވާހަކައެވެ. އެ މީހުން ސަލާމް ބުނާލެއް ގިނަ ވާހަކައެވެ. އެ މީހުންގެ ސަބަބުން ވިޔަފާރިއަށް ލިބޭ ގެއްލުމުގެ ވާހަކައެވެ. ބަރޯސާ ނުވެވޭތީ އެ ކަންބޮޑުވުމެވެ.

އެކަމަކު، ޒުވާނުން ދައްކަނީ އެހެން ވާހަކައެކެވެ.

"މައްސަލައަކީ ތި އެންމެން އުންމީދުކުރަނީ ޒުވާން ޖެނެރާޝަނުން 15 ގަޑިއިރު މަސައްކަތްކޮށްފައި، އަށް ގަޑިއިރު ނިދާފައި، އޮފީހުން ގެއަށް ގޮސް ފެންވަރަށް އެއް ގަޑިއިރު ހޭދަކުރަން،" ޒައިން ނަމަކަށް ކިޔައި ޒުވާނަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

ޒުވާނުން ބޭނުންވަނީ 'ވޯކް ލައިފް ބެލެންސް'އެވެ.

އެ ކުދިންގެ ބައްޕަމެން އެ ކުދިން ކުޑައިރު އަބަދު އުޅުނީ މަސައްކަތުގައެވެ. އޭރު އެ މަސައްކަތްކުރީ އެ ދަރިންގެ މުސްތަގުބަލުގެ ހައްގުގައެވެ. އެކަމަކު، އެ މުސްތަގުބަލެއް ނުފެނުނެވެ. އެ ކުދިންނަށް ވެސް އޮތީ އެ ކުދިންގެ ދަރީންނަށް ވަގުތު ނުދީ މަސައްކަތުގައި އުޅޭށެވެ.

އެ ޒުވާނާ ދެއްކި މައިގަނޑު ދެ ވާހަކައަކާ މެދު ގައުމީ ފެންވަރުގައި ވިސްނާލަން ޖެހެއެވެ.

ފޫހިވާ ވަޒީފާއެއްގައި ހަމައެކަނި ކުލި ދައްކަންޖެހޭތީ އެވާ މަޖުބޫރުން މީހުން އުފަލުގައި މަސައްކަތްކުރާނީ ކިހިނެއްހެއްޔެވެ؟އަނެއް ކަމަކީ، ރާއްޖެތެރޭ ރަށެއްގެ ހަމަހިމޭންކަމުގައި އާދައިގެ ދިރިއުޅުމެއް އުޅެން ބޭނުންވާ ޒުވާނާއަށް އިތުރު ގޮތެއް ނެތި، ރަށުގައި ކިޔެވޭނެ ގޮތެއް ވަޒީފާއެއް ނެތިގެން މަޖުބޫރުން މާލެ އައިސް އުޅޭއިރު ހިތްހަމަޖެހިގެން އުފަލުގައި އުޅޭނީ ކިހިނެއް ހެއްޔެވެ؟

ޒައިންގެ ތަޖުރިބާއަކީ މިއީއެވެ. އޭނާ މަސައްކަތްކުރީ ހަފުތާއަކު ހަ ދުވަހު 12 ގަޑިއިރެވެ. ފަސް އަހަރު ވަންދެން އުޅުނީ އެ ބުރައިގައެވެ. އެހާ ގިނައިރު ވަންދެން އޮފީހުގައި އުޅެފައި އައިސް ވެސް ބޯހަމަޖައްސައިލެވޭކަށް ނޯވެއެވެ. އުޅެންޖެހެނީ އޮފީހުގެ އެކިއެކި ކަންކަމުގައެވެ.

މިއީ ހަމައެކަނި އޭނާގެ ތަޖުރިބާއެއް ނޫނެވެ. އެތައް ޒުވާނުންގެ ދިރިއުޅުމުގެ ހަގީގަތެވެ.

"ކިރިޔަކިރިޔާ ވާ ވަރަށް މުވައްޒަފުން ނަގައިގެން އޮފީސްތައް ހިންގަނީ. އެ މީހުން ބޭނުންވާނީ ވީހާ ވެސް ބޮޑު ޕްރޮފިޓެއް ހޯދަން. އެކަމަކު، މަސައްކަތްކުރަން ތިބެނީ ވެސް އިންސާނުން ދޯ، ރޮބޮޓުންނެއް ނޫން،" އޮފީހެއްގެ އެކައުންޓްސްގައި މަސައްކަތްކުރާ ޒުވާން ރައްޓެއްސަކު ބުންޏެވެ.

އެކަމަކު، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އޭގެ އަނެއްކޮޅު ވެސް އޮތް ކަމެވެ.

ކުޑަ މައްސަލައެއް ނޫން

"ބައެއް މުވައްޒަފުން ދެކެނީ އޮފީހަކީ ދިރިއުޅުމުގެ އެހެން ހުރިހާ ކަމަކަށް ވަގުތު ހުސްކޮށްފައި ފްރީ ޓައިމްގައި ކުރަންޖެހޭ ކަމެކޭ،" މާލޭގެ އޮފީހެއްގެ މެނޭޖަރަކު އޭނާގެ ތަޖުރިބާ ހިއްސާކުރިއެވެ.

އެއީ ދޮގެއް ނޫނެވެ. ބައެއް މުވައްޒަފުން އިންތިހާއަށް ފަރުވާ ވެސް ކުޑައެވެ. އެ މީހުންގެ ސަބަބުން އެތައް ވިޔަފާރިއަކަށް ބޮޑެތި ގެއްލުންތައް ވެސް ލިބެއެވެ. އޭގެ އަނެއްކޮޅު، ކުރިން މި ފާހަގަކުރި ޒުވާނުންގެ ވާހަކައަކީ ވެސް ދައްކަންޖެހޭ މުހިންމު ވާހަކައެކެވެ.

"ހައްލަކަށް ވާނީ ހަމަ އޮފީސްތަކުން ވެސް ތަން ހިންގަން ބޭނުންވާ ވަރަށް މުވައްޒަފުން ނެގުން. މުވައްޒަފުން ވެސް ކުރާ ހިތުން، ޕެޝަންއާ އެކު ކޮމިޓްވެގެން މަސައްކަތްކުރުން،" އެ މީހާއަށް ފެންނަ ގޮތް ބުނެ ވެސް ދިނެވެ.

އެހެން ގައުމުތަކެކޭ އެއް ގޮތަށް ރާއްޖޭގައި ވެސް ވަޒީފާ އަދައިކުރާ މީހުންނާއި އަދި ވަޒީފާދޭ މީހާގެ ހައްގުތައް ވެސް ގާނޫނުގައި ލިޔެފައި އެބަހުއްޓެވެ. އެކަމަކު، އެ ކަންކަން ތަންފީޒެއް ނުވެއެވެ. ޚާއްސަކޮށް އަމިއްލަ ކުންފުނިތަކުގެ ވަޒީފާގައި އުޅޭ މީހުންނަށް އެ ހައްގުތަކެއް ނުލިބެއެވެ. ބައެއް ފަހަރު މުވައްޒަފުންގެ ހައްގު ވެސް ބޮޑުވެއެވެ.

ބިދޭސީއެއް މަގުމަތީގައި: އެ މީހުން ޚާއްސަކޮށް މުޅި ދުވަސް ވެސް ބައެއް ފަހަރު މަސައްކަތުގައި ހޭދަކުރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އޮފް ނުލިބެނީ،" މާލޭގެ ކުޑަކުޑަ ފިހާރައަކުން ވަރަށް ގިނައިން ދިމާވާ ބިދޭސީ މީހެއްގެ ގާތުގައި އެ މީހާގެ މަސައްކަތާ ގުޅޭ ގޮތުން ސުވާލުކޮށްލީމާ ކިޔައިދިނެވެ.

"ކޮންމެ ދުވަހަކު 7 ގައި ހުޅުވަނީ. މެންދުރު ކާން ދަނީ 1 ގައި. ކްލޯސް ކުރަނީ ރޭގަނޑު 11 ޖެހީމާ. އިތުރު މީހެއް ނުހުރޭ. އެކަނި މަސައްކަތްކުރަނީ. ޗުއްޓީ ނަގަނީ ދެ އަހަރުން [އެއް ފަހަރު] ކުޑަ ދުވަސްކޮޅެއް،"

އެއީ އެ މީހާގެ ފަރާތެވެ. އަނެއް ފަރާތް ބަލައިލީމާ އެނގޭނެއެވެ. ކިތަންމެ ބޭނުންވިޔަސް އިތުރު މީހަކަށް މުސާރަ ދީގެން ގެންގުޅެވޭ ވަރުގެ ފައިދާއެއް އެ ފިހާރައަކުން ނުލިބެއެވެ. އޭރަށް އެ ތަން ހިންގަން ޖެހޭނީ ގެއްލުމުގައެވެ.

އެހެންވެ، ސަރުކާރުތަކުން ހަމައެކަނި ގާނޫނުތަކެއް ހަދާލުމަކުން ނުފުދެއެވެ.

އެ ގާނޫނުތައް ތަންފީޒުކުރޭތޯ ވެސް ބަލަންޖެހެއެވެ. އެއީ، ކުރެވޭނެ ކަމެއްތޯ ވެސް ބަލަންޖެހެއެވެ. އެ ކަންކަން ކުރަން ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ވެސް ފޯރުކޮށްދޭން ޖެހެއެވެ.

މިއީ އެއަށްވުރެ ބޮޑު، ފުން މައްސަލައެކެވެ.

ގައުމީ ފެންވަރުގައި މި މައްސަލައަށް ހައްލުތަކެއް ހޯދަންޖެހެއެވެ. ވަޒީފާ ދޭ މީހާއާއި ވަޒީފާއަށްދާ މީހާގެ ހައްގު ވެސް ހިމާޔަތްކުރަން ޖެހެއެވެ. އަބަދު މަސައްކަތުގައި އުޅުމުން ދިމާވާ ނަފުސާނީ ގެއްލުމަށް ވެސް ފަރުވާ ހޯދައިދޭން ޖެހެއެވެ. ނޫން ނަމަ، އޮތީ ބަނަ ދުވަސްތަކެކެވެ.

comment ކޮމެންޓް