މޯލްޑިވްސް ނެޝަނަލް ސާވިސް (ގައުމީ ޚިދުމަތުގެ ޕްރޮގްރާމު)ގެ މަސައްކަތްތައް ހިންގަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ޑިފެންސް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސް އެގޮތަށް ހަމަޖެއްސުމާ ގުޅިގެން އެ ޕްރޮގްރާމުގެ މަސައްކަތްތައް މިނިސްޓްރީގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެގޮތުން، އެ ލިސްޓަށް އިތުރުކުރި ކަންކަމަކީ:
-
ގައުމީ ޚިދުމަތުގެ ޕްރޮގްރާމާ ގުޅޭގޮތުން އެކުލަވައިލަންޖެހޭ އުސޫލުތައް އެކުލަވައިލައި ތަންފީޒުކުރުން
-
އެ ޕްރޮގްރާމަށް މީހުން އެންރޯލްކުރުމާ ގުޅޭ އެންމެހައި ކަންކަން ރާވައި އިންތިޒާމުކުރުން
-
ޕްރޮގްރާމަށް އެންރޯލްކުރެވޭ މީހުން ރަޖިސްޓްރީކުރުން
-
މޯލްޑިވްސް ނޭޝަނަލް ސާވިސްގެ މެންބަރުންނާ ގުޅޭ އިދާރީ ކަންކަން ބެލެހެއްޓުން
-
ޕްރޮގްރާމުގެ ތަމްރީނުގެ ނިޒާމު އެކަށައަޅައި، ތަންފީޒުކުރުން
-
ނިޒާމުގެ ދަށުން ހިންގާ ތަމްރީނުތައް ހިނގާ ނުހިނގާގޮތް ބެލުން
-
އެ ނިޒާމު ތަރައްޤީކުރުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުން
ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކޮށް، ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނު ކުރުން ހިމެނެއެވެ.
އެ ޕްރޮގްރާމުގައި ބައިވެރިވާން މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު، އަންނަ މަހު އެކެއްގެ ނިޔަލަށް އެ ފުރުސަތު އޮންނާނެއެވެ.
މިދިޔަ އާދިއްތަ ދުވަހު ރައީސް މުއިއްޒު ވިދާޅުވީ، ގައުމީ ޚިދުމަތުގެ ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން، 658 ޒުވާނުން ޕްރޮގްރަމުގައި ބައިވެރިވާން ކުރިމަތިލައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.