ހޯނޑެއްދުއާއި މަޑަވެއްޔަށް އުދައަރައި، ބައެއް ގެތަކަށް ފެން ވަދެއްޖެ

އުދައަރަނީ: ހޯޑެއްދޫއަށް އަންނަނީ އުދަ އަރަމުން ---- ފޮޓޯ/ މިނިސްޓަރު އާދަމް ޝަރީފް

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރަގައި ގދ. ހޯނޑެއްދޫއާއި މަޑަވެއްޔަށް އުދަ އަރައި، ބައެއް ގެތަކަށް ފެން ވަދެއްޖެއެވެ.

ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ގދ. އަތޮޅުގެ ބައެއް ރަށްތަކަށް އުދަ އަރަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ކައުންސިލްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އިތުރު ތަފުސީލު 'ސަން'އާ ހިއްސާކުރައްވައި މިނިސްޓަރު ވިދާޅުވީ، މަޑަވެއްޔާއި ހޯނޑޭއްދޫގެ އިތުރުން ރަތަފަންދުއަށް ވެސް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން، ހޯނޑެއްދުއާއި މަޑަވެއްޔަށް އުދަ އެރުން ކުޑަކުރެވޭނީ އެ ރަށްތަކުގައި ބޮޑު ހިލަ ޖެހިގެން ކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، އެ މަޝްރޫއުތަކަށް ބަޖެޓުކޮށްފައިވާއިރު، އަމަލީ މަސައްކަތް ފަށަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އެރަ ށްތަކުގެ ކައުންސިލްތަކުން އެކި އިދާރާތަކަށް ކަންކަން ހުށަހަޅާފައިވާ ކަމަށާއި އެކަންކަން ކޮށްދިނުމަށް އެ އިދާރާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަން "ސަން"އަށް ވިދާޅުވީ، އިއްޔެ އެ ރަށަށް ވަރަށް ބޮޑަށް އުދަ އެރި ކަމަށާއި މިއަދު މިހާތަނަށް އުދައިގެ އަސަރެއް ކޮށްފައިނުވާ ކަމަށެވެ.

"މިއަދު އުދައަރާފާނެ ކަމަށް ވަރަށް ބޮޑަށް އެމްއެންޑީއެފާއި ރަށުގެ ބައެއް މުއައްސަސާތައް ގުޅިގެން މަސައްކަތްތަކެއް ކޮށްފައި މިހިރީ. އެކަމަކު، މިއަދަކު ނަރާ، އިއްޔެ އެރި ވަރަށް ބޮޑަށް. 500އެއްހާ ފޫޓަށް އުދައެރި،" އޭނާ ވިދާޅުވިއެވެ.

ފިޔާޒް ވިދާޅުވީ، އެ ރަށަށް އުދައިގެ އަސަރު ކުރަނީ ކޯޒްވޭގެ ސަބަބުން ކަމަށެވެ. އަދި، އިއްޔެ އުދައެރީ މީހުން ދިރިއުޅޭ ސަރަހައްދަށް ކަމަށާއި ދެ ގެއަކަށް ފެން ވަދެފައިވާ ނަމަވެސް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ވެސް ވަނީ އެރަށުގެ ހާލަތު ކިޔައިދެއްވާފައެވެ. އެގޮތުން އިއްޔެއިން ފެށިގެން އުދައަރަމުން އަންނަ ކަމަށާއި ފެން ބޭރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ވާރިޝް ވިދާޅުވީ، އެރަށުގައި އޮންނަ ކުޅިއަށް ކޯރު ކޮނެގެން ފެން ހިންދުމާއި އުދަ އަރާ ސަރަހައްދުތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މީހުން ދިރިއުޅޭ ސަރަހައްދަށް ވެސް އެބަ އަރާ. ބޮޑަށް ފެން ވަދެފައި އޮތީ މީހުން ދިރިނޫޅޭ ސަރަހައްދަށް. ދިރިއުޅޭ ސަރަހައްދުގައި ވެލި ބަސްތާ ޖަހައި، މިވަގުތަށް އެހެރީ ޕްރޮޓެކްޓުކޮށްފައި، އަދި އެއްވެސް ގެއަކަށް ނުވަދޭ،" އޭނާ ވިދާޅުވިއެވެ.

މަޑަވެއްޔެކޭ އެއްގޮތަށް ރަތަފަންދުއަށް ވެސް މިއަދު އުދައިގެ އަސަރު ނުކުރާ ކަމަށް އެރަށު ކައުންސިލްގެ ރައީސް މުޙައްމަދު އަބްދުﷲ 'ސަން'އަށް ވިދާޅުވިއެވެ. އެ ރަށަށް އުދައެރީ އިއްޔެ ރޭ ކަމަށާއި އެއީ ރަށުގެ އެންމެ އުސް ހިސާބަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި، އުދައަރާނެ ކަމަށް ކަމާ ގުޅޭ މުއައްސަސާތައް ގުޅިގެން ތައްޔާރުވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ހޯމަ ދުވަހު މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް ފަސް ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވެ، އުދައަރާނެ ކަމަށް ލަފާކޮށްފައެވެ.

comment ކޮމެންޓް