އާއްމު ރައްކާތެރިކަމާ ގުޅޭ އެތައް މައްސަލައެއް، ވާނެ ގޮތެއް ވާން ދާނެ ގޮތަކަށް ދާން ދޫކޮށްލާފައި ބޭއްވުމަކީ މި ރާއްޖޭގައި އާ ކަމެއް ނޫނެވެ. ފުރަ މާލޭގެ މަގުތަކުގެ ހާލަތު އިންތިހާއަށް ދަށްވެ ދުއްވުމަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާ ހިސާބަށް ކަންކަން ގޮސްފައިވާއިރު، މިއީ ބިނާރާއި އާއްމު ރައްކާތެރިކަން ބެލެހެއްޓުމުގައި، ކަމާ ބެހޭ މުއައްސަސާތަކުގެ ދޯހަޅިކަން ހާމަވާ ސާފު ހެއްކެކެވެ. މުޅި މާލެއަށް ބަލާއިރު ވެސް ސަލާމަތްތެރިކަމާއި ހިތްހަމަޖެހުމާ އެކު ދުއްވައި، ހިނގައި ހެދޭނެ އެންމެ ތަންކޮޅެއް ވެސް ނެތޭ ބުނާހައިވެއެވެ. ގައު ނުވަތަ ތާރުގަނޑު ހަލާކުވުމުގެ ސަބަބުން މަގުގެ އެކި ހިސާބުތަކުގައި ހެދިފައިވާ ވަޅުގަނޑުތަކާއި، އުފުލި ނުވަތަ އަޑިއަށް ގޮސްފައިވާ ގައުތަކާއި، މަގުގެ ލެވަލަށް ވުރެ މާ ބޮޑަށް އުފުލިފައި ހުންނަ ޖަންކުޝަންތަކެވެ. އެކި ބޭނުމުގައި މަގު ކޮނެފައި، އެ ކަން ރަނގަޅުނުކޮށް އެތައް ދުވަހެއް ވަންދެން ބެހެއްޓުމެވެ. ކަމާ ބެހޭ ފަރާތްތަކުގެ އިހުމާލާއި ފަރުވާ ކުޑަކަމުގެ ސަބަބުންނާއި ޚިދުމަތް ކުރުމުގައި އެއްވެސް ކަހަލަ އިޚުލާސްތެރިކަމެއް ނެތުމުން، މާލޭގެ މަގުތައް ހަލާކުވެ، މަގު ބޭނުން ކުރާ ހުރިހާ ފަރާތްތަކެއް މި ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ.
މަގުތައް ހަލާކުވެ ފެންވަރު ދަށްވުމުގެ ސަބަބުން، ނުރައްކާތެރި ހާދިސާތަކާއި އެކްސިޑެންޓުތައް ހިނގުމުގެ ފުރުސަތު ބޮޑުވެއެވެ. ދުއްވާ މީހުންނަށާއި ވެހިކަލުތަކަށް ގެއްލުންތައް ލިބެއެވެ. އަދި, ހިނގާ މީހުންނާއި ދުވާ މީހުންނަށް ވެސް ބޮޑެތި ދަތިކާ ކުރިމަތި ވެ އެކި ވަރުގެ އަނިޔާތައް ލިބޭތަން އާދެއެވެ. ދިރާސާތަކުން ކަށަވަރުވާ ގޮތުގައި، މަގުގެ ފެންވަރު ދަށްވުމަކީ މަގު ބޭނުން ކުރާ މީހުންގެ ރައްކާތެރި ކަމަށާއި ދުއްވުމަށް ދޭންޖެހޭ ފުރިހަމަ ސަމާލު ކަމުން، ދުއްވާ މީހާ އެއްކިބާކޮށްލާ ސަބަބެކެވެ. (ކަވަމޫރާ، ޓޮމިޔާމާ، ޜޮސީ، 2017).
ތަންކޮޅެއް ބޯކޮށް ވާރޭ ވެހިއްޖެ ނަމަ މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލަ އިންތިހާއަށް ބޮޑެވެ. މި ކަމަށް ވެސް ދާއިމީ ނުވަތަ އެންމެ ކުޑަ މިނުން އެކަށީގެން ވާ ހައްލެއް ހޯދުމަށް، މަސްއޫލުވެރީން ވަނީ ނުކުޅެދިފައެވެ. ކުރިން ބުނި ފަދަ ވަޅުގަނޑުތަކާއި އުފުލިފައި ހުންނަ ތަންގަނޑުގަނޑު އެހެން ހުއްޓައި، ވާރޭވެހި ފެން ބޮޑު ވުމުން، ދުއްވާ މީހުންނަކަށް އެ ތަންތަނެއް ނުފެންނާނެއެވެ. އެހެން ކަމުން ކުއްލިއަކަށް ގޮސް އެ ކަހަލަ ވަޅުގަނޑަކަށް ވެހިކަލު އެރުމުން ނުރައްކާތެރި ހާދިސާތައް ހިނގުމަށް މެދުވެރި ވެއެވެ. އަދި އެހެން ދިމާވާ ކޮންމެ ފަހަރަކު ޖިސްމާނީ ގޮތުން އަނިޔާއަކާ ކުރިމަތި ނުވި ނަމަވެސް، އެ ފަދަ ކަމެއް ދިމާވުމުން ނަފުސާނީ ގޮތުން ކުރިމަތިވާ ބިރުވެރި ކަމާއި ނުތަނަވަސްކަން އެއީ ވަކީން ކުޑަ ގެއްލުމެއް ނޫނެވެ.
ފެން ބޮޑުވެފައި ނެތް އާއްމު ހާލަތުގައި ވެސް، ދުއްވާފައިދާއިރު ކުރިމަތިން ފެންނަ އުސްގަނޑަކުން ނުވަތަ ވަޅުގަނޑަކުން ސަލާމަތްވުމަށްޓަކައި ވެހިކަލު ކުއްލިއަކަށް ބުރަކި ޖެއްސުން ނުވަތަ ފަހަތަށް ޖައްސައިލުން އަދި އެހެން ފަރާތަކަށް މިސްރާބު ކޮށްލުން ފަދަ ހާލަތްތަކުގައި ވެސް ނުރައްކާތަކާ ކުރިމަތި ވެއެވެ (ދީޕްތީ، އަޒްމީރާ، ޓަރަންގ، 2023). ދުއްވާ އެންމެންނަށް ވެސް އެނގޭނެ ފަދައިން، ވެހިކަލެއް ދުއްވަމުން ދާއިރު ދިމާވާ ކަންކަމާ ވިސްނައި، ގޮތް ނިންމުމަށް ލިބޭނީ މަދު ސިކުންތުކޮޅެކެވެ. އެ ކަމުގެ ސަބަބުން ހާލަތާ އެންމެ އެކަށީގެން ވާ ރަނގަޅު ގޮތް ނިންމުމުގައި ކުށް ހެދޭ ގޮތް ދިމާވެއެވެ (ހޯވިޓްޒް، 2001)، (ޒްޑޭނިކޯވް، އަބިންކް، މާކިއުލާ، 2020).
ރަނގަޅު ފެންވަރުގައި މަގުތައް ނުހެދުމާއި ހަލާކުވާ ތަންތަން މަރާމާތުކޮށް އެކަށީގެންވާ ގޮތުގައި ނުބެލެހެއްޓުމުގެ ސަބަބުން، ގެއްލުމާއި ތުރާ ކުރިމަތިވާ އަނެއް ބަޔަކީ ހިނގާ މީހުންނެވެ. މާލޭގެ މަގުތަކުގެ 82 އިންސައްތަ ވެހިކަލުތައް ބޭނުން ކުރާއިރު، ހިނގާ މީހުންނަށް އޮތީ އެންމެ 18 އިންސައްތައެވެ (ކޯޕަރޭޓްމޯލްޑިވްސް، 2024). ކަން މިހެން އޮތް އިރު، ހިނގުމަށް ޚާއްސަ ދުވާރެއް އަމުދުން ނުވެސް ނެތް މަގުތަކާއި ގޯޅިތައް މާލޭގައި އެބަ ހުއްޓެވެ. ދުވާރު ހަނިވުމުން ނުވަތަ ދުވާރެއް ނެތުމުން ނޫނީ ވިއްޔާ ދުވާރުގައި ހިނގޭނެ ގޮތް ނެތުމުގެ ސަބުން، ވެހިކަލުތައް ދުއްވާ ސަރަހައްދުން މީހުން ހިނގަން ޖެހުމަކީ ވަރަށް އާއްމު ކަމެކެވެ. ދުވާލެއްގެ މައްޗަށް އެތައް ހާސް ބަޔަކު މާލޭގައި މި ހިތްދަތި އަދި ނުރައްކާތެރި ހާލަތު ތަޖުރިބާ ކުރަމުން ދެއެވެ.
އިންސާނުންނަށް ލިބޭ ގެއްލުމާ އެކުގައި، ފުނޑުފުނޑުވެފައިވާ މަގުތަކުގައި ދުއްވާ އުޅަނދުތަކަށް ވެސް ގެއްލުންތައް ލިބެއެވެ. އޭގެ ތެރޭގައި، ފުރޮޅާއި، ޝޮކުތަކާއި، ކޮންޓްރޯލް އާމްސް އަދި އިންޖީނުގެ މައުންޓްތަކަށް ލިބޭ ގެއްލުންތައް ފާހަގަ ކުރެވެއެވެ. އެކަށީގެންވާ ގޮތުގައި މަގުތައް ހަދައި ބަލަހައްޓާ ނަމަ މި ފަދަ ގެއްލުންތައް ލިބޭ މިންވަރު ވަރަށް ބޮޑަށް ކުޑަވެ، މަރާމާތަށް ކުރަން ޖެހޭ ހޭދަ ކުޑަ ކުރެވޭނެއެވެ. މަގުގެ ފެންވަރު ދަށް ވުމަކީ އެ ތަނުގައި ދުއްވާ އުޅަނދުތަކުގެ މެއިންޓަނަންސް ޚަރަދު ބޮޑު ވުމާއި ތެލަށް ކުރަން ޖެހޭ ހޭދަ އިތުރު ވާ ކަމެއް ކަން ދިރާސާތަކުން ހާމަ ވެފައި ވެއެވެ (ދީޕްތީ، 2023).
އުޅަނދުތަކުން ބަރާބަރަށް އަހަރީ ފީ ނަގައެވެ. ގަވާއިދުން ރޯޑްވާދިނަސް ހަދަން މަޖުބޫރުއިރު، މަގުތަކަކީ ދުއްވުމާއި ހިނގާ ބިނގާވެ އުޅުމަށް އެކަށީގެންވާ ތަނެއްތޯ ބެލުމެއް ނޯވޭތޯ މީހުން ސުވާލު އުފައްދައެވެ. އަހަރީ ފީ ނުދައްކާ އޮތް ނަމަ ޖޫރިމަނާކޮށް ފިޔަވަޅު އެޅުމަށްޓަކައި ވަރަށް ފޯރިޔާ އެކު މަސައްކަތް ކުރެއެވެ.
ނަމަވެސް، އޭގެ މުޤާބިލުގައި ރައްޔިތުންނަށް އޮތީ ކޮން އެއްޗެއްތޯ ވެސް ސުވާލު ކުރެއެވެ. ފުނޑުފުނޑުވެ ކަފާސް ވެފައި ވާ ގައުތަކާއި ފޫ ގޮސް ވަޅު ހެދިފައިވާ ތާރުގަނޑުގެ އިތުރުން، ރައްކާތެރި ނޫން ގޮތުގައި ހަދާފައި ހުންނަ ސްޕީޑް ބްރޭކަރުތަކެވެ. މަގުތަކުގައި ހުންނަން ޖެހޭ ކުރެހުންތައް ފަނޑު ވެފައި ނުވަތަ އެއްކޮށް ފުހެވިފައި ހުރުމެވެ. ހިތްހަމަ ޖެހުމާއި ފަސޭހަ ކަމާ އެކު ދުއްވައި ހިނގާ ބިނގާ ވެ އުޅެވޭނެ ގޮތެއް ނެތުމެވެ. ޓެކްސް ޕޭޔަރުންނަށް ހައްގު މިންވަރަކީ މިއީ ހެއްޔެވެ؟
ގައުމުގެ މަގުތައް އަމާން ވެފައި ދަތުރުފަތުރު ފަސޭހަ ވުމަކީ ސިއްހީ، އިގުތިސާދީ، އިޖުތިމާއީ އަދި ތިމާވެށީގެ ގޮތުން ގިނަ ފައިދާތަކެއް ލިބޭނެ ކަމެކެވެ. އޭގެ ތެރޭގައި، އެކްސިޑެންޓްތަކާ ގުޅިގެން ކުރަން ޖެހޭ ހޭދަތައް ކުޑަ ކުރެވުމާއި، ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގައި ކުރަން ޖެހޭ (ލޮޖިސްޓިކްސް) ޚަރަދުތައް ކުޑަ ވުން ހިމެނެއެވެ (ގެންޓް، 1974). އަދި މަގުމަތީގެ ނުރައްކާތެރި ހާދިސާތަކުގައި ލިބޭ ގެއްލުންތައް މަދު ކުރެވުމާއި، ފަސޭހަ ކަމާ އެކު ހިނގޭނެ ފުރުސަތާއި ބައިސްކަލު ދުއްވޭނެ ފުރުސަތު ލިބުމުން މީހުންނަށް ސިއްހީ ގޮތުން ދުޅަހެޔޮ ކަން ލިބޭނެއެވެ (ކިއުއެޑަން، ވިލިއަމްސް، ބްރީން، 2021). ހަމަ މިއާ އެކު، ކިޔެވުމާއި ވަޒީފާއަށް ދިއުމަށް އަދި ސިއްހީ ފަރުވާ ހޯދުމަށް ފަސޭހައިން ވާސިލުވުމަށްޓަކައި، ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް އޮތުމުގެ ބޭނުންތެރި ކަން ބޮޑެވެ (ވެރްމާ، ޑޫން،ޓިރަޗިނީ، 2023).
ރަނގަޅު ފެންވަރަށް މަގުތައް ހަދައި އެކަށީގެންވާ ގޮތުގައި ބަލަހައްޓާ ނަމަ، އެތައް ގެއްލުން ތަކަކުން ސަލާމަތްވެ، އެތައް މަންފާތަކެއް ލިބުނު ނަމަވެސް، ރައްޔިތުންގެ މި އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުތައް ވަނީ ނުކުޅެދިފައެވެ. ސިޔާސީ ބޭނުމުގައި ކަމެއް ކުރާކަން މީހުންނަށް ދެއްކުމަށްޓަކައި، މަގެއްގެ ތަންކޮޅެއް ހާވައިލާފައި ހީލަތްތެރި ކަމާ އެކު ކޮންމެ ވެސް މަސައްކަތެއް ކޮށްލުން އެއީ މައްސަލައަށް ހަގީގީ ހައްލެއް ހޯދަނީ ނޫންކަން އެންމެންނަށް ވެސް އެނގޭނެއެވެ. ޕޮލިޓިކަލް ތިއަރިސްޓު ޖޯން ކިންގޑަން (1984) ވިދާޅުވާ ގޮތުގައި، "އަހަރެމެން ކުރާނަން" ، "ކުރަން ފަށަނީ" ފަދަ ބުނުންތަކާއި "ރިބަން ކެނޑުން" ފަދަ ޢަމަލު ތަކަކީ މީހުންގެ ސަމާލު ކަން ހޯދުމަށް ޓަކައި ސަރުކާރުތަކުން ބޭނުން ކުރާ ސްޓްރެޓެޖީ ތަކެވެ. ނަމަވެސް މި ޢަމަލުތަކުގައި ހަގީގީ ކުލަ ޖެހޭނީ ވަރަށް މަދު ފަހަރެއްގައެވެ. މާލޭގެ މަގުތައް މަރާމާތު ކުރުމުގައި ވެސް މި ބުނި ގޮތަށް ކަން ހިނގާތަން ފެނެއެވެ.
އެންމެ އެކަށީގެންވާ ގޮތުގައި ޚިދުމަތްތައް ފޯރުކޮށް ދިނުމާއި، ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށް ދިނުމާއި، އިގުތިސާދީ ސިއްހީ އިޖުތިމާއީ އަދި ތިމާވެށީގެ މައްސަލަތަކަށް އަވަސް ހައްލު ގެނެސް ދޭނެ ކަމަށް ބުނެ މޮޅެތި ވައުދުތަކާ އެކު ކޮންމެ ފަސް އަހަރަކުން ސަރުކާރުތައް ބަދަލު ވި ނަމަވެސް، މަގުމަތީގެ ރައްކާތެރިކަން ފަދަ، ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައި ވާ ހަގީގީ މައްސަލަތައް ހުންނަނީ ހަމަ ހުރި ގޮތަށެވެ. އެއަކަށް ހައްލެއް ނާދެއެވެ.