އިޓާލިއަން ސެރީއާގެ އޭސީ މިލާންގެ ކޯޗުކަމުން ސާޖިއޯ ކޮންސެއިސާއޯ ވަކިކޮށްފިއެވެ.
ކޮންސެއިސާއޯ މިލާންގެ ކޯޗުކަމުން ވަކިކޮށްފައިވަނީ މަގާމާ ހަވާލުވިތާ ހަ މަސް ފަހުންނެވެ. އުމުރުން 50 އަހަރުގެ ކޮންސެއިސާއޯއާ މިލާންގެ ކޯޗުކަން ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އޭރު އެ މަގާމުގައި ހުރި ޕައުލޯ ފޮންސޭކާ ވަކިކުރުމަށް ފަހެވެ.
އޭނާ ވަނީ މިލާނާ އެކު އޭރު 18 މަސް ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ކޮންސެއިސާއޯވަނީ އޭނާ ޕޯޗުގަލްގެ ޕޯޓޯއާ އެކު ހަ އަހަރުގެ ތެރޭގައި 11 ތަށި ކާމިޔާބުކޮށްފައެވެ. އަދި، މިލާންގެ ކޯޗުކަމާ ހަވާލުވުމަށް ފަހު މާ ގިނަ ދުވަހެއްނުވެ، އޭނާވަނީ އެ ޓީމަށް އިޓާލިއަން ސުޕާ ކަޕް ވެސް ކާމިޔާބުކޮށްދީފައެވެ.
ނަމަވެސް، އޭގެ ފަހުން މި ސީޒަން ކުރިއަށް ގޮސްފައިވަނީ މެނޭޖްމަންޓުން އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ.
މިގޮތުން، ލީގުގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު ކޮޕާ އިޓާލިއާގެ ފައިނަލްގައި ބޮލޯނިއާ އަތުން ވެސް މިލާން ވަނީ ބަލިވެފައެވެ. ކޮންސެއިސާއޯގެ ކޯޗުކަމުގެ ދަށުން މިލާނުން މިދިޔަ ސީޒަން ނިންމާލީ އަށްވަނައިގައި އޮވެގެންނެވެ. އެހެންކަމުން އަންނަ ސީޒަންގައި މިލާންގައި ޔުރަޕްގައި ކުޅުމުގެ ފުރުސަތު ވެސް މިވަނީ ގެއްލިފައެވެ.
މިލާނުން އާންމުކުރި ބަޔާނެއްގައި އެ ކްލަބުންވަނީ ކޮންސެއިސާއޯ އެ ޓީމަށް ކޮށްދިން ޚިދުމަތަށް ޝުކުރު އަދާކޮށްފައެވެ. އަދި، ކުރިމަގުގައި ކޮންސެއިސާއޯއަށް ކާމިޔާބަށް އެދޭކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން މިލާނުން މިހާރުދަނީ މައްސިމިލިއާނޯ އެލެގްރީ އެ ޓީމުގެ ކޯޗު ކަމަށް ގެނައުމަށްޓަކައި މަޝްވަރާކުރަމުންނެވެ. އެލެގްރީއަކީ މިލާންގެ ކޯޗުކަން ކުރިން ކޮށްފައިވާ އެ ޓީމަށް ކާމިޔާބީތަކެއް ހާސިލުކޮށްދީފައިވާ ކޯޗެކެވެ.