މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް، ވ. އާރަށު މައްސަލައިގައި އޭރު ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފު އަޑުއެހުންތައް އެކި ގޮތްގޮތުން ލަސްކުރީ އޭރު އެ މަނިކުފާނުގެ ކެންޑިޑަސީ ގެއްލުވައިލަން ޕީޕީއެމްގެ އިސްވެރިންގެ އެދިވަޑައިގަތުމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް ކަމަށް ޔާމީން ރޭ ތުހުމަތުކުރައްވައިފިއެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ ޑިސެންބަރު 25، 2022 ގައެވެ.
ޖެހިގެން އައި އަހަރު ރިޔާސީ އިންތިޚާބުގައި ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އެ މަނިކުފާނަށް ރިޔާސީ ރޭހުގައި ވާދައެއް ނުކުރެއްވުނެވެ. އޭރު ސުޕްރީމް ކޯޓުން ހުކުމްކުރީ އެގޮތަށެވެ.

ކުރީގެ ރައީސް ޔާމީން ސުޕްރީމް ކޯޓުގައި --
ޔާމީން މިނިވަންކުރަން އޭރު ޕީޕީއެމްގެ އިސްވެރިން ވަރަށް ބޮޑަށް މަސައްކަތްކުރެއްވިއެވެ. ނަމަވެސް، އެކި ފަހަރުމަތިން ހައިކޯޓުގައި ކުރިއަށްދިޔަ އެ މަނިކުފާނުގެ އިސްތިއުނާފު މައްސަލަ އޮތީ ހުއްޓިފައެވެ. އޭރު ޔާމީނާއި އެ މަނިކުފާނުގެ ޕާޓީ، އަދި މިހާރު އުވާލާފައިވާ ޕީޕީއެމްއިން ތުހުމަތުކުރީ އެ މަނިކުފާނު މިނިވަންވެދާނެ ކަމުގެ ބިރަށް، ސަރުކާރުން އޮތީ ހައިކޯޓުގައި ކުރިއަށްދާ އެ މަނިކުފާނުގެ އިސްތިއުނާފު މައްސަލަ ހުއްޓުވާފައި ކަމަށެވެ.
ހައިކޯޓުގައި އިސްތިއުނާފް މައްސަލަ އޭރު ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ސަލީމެވެ.
އޭރު ޔާމީންގެ މައްސަލަ ލަސްވީ ފަނޑިޔާރު ސަލީމް ޗުއްޓީ ނެންގެވުމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ފަނޑިޔާރު ސަލީމް ސުޕްރީމް ކޯޓަށް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ނިންމައިފައވެ. އެގޮތަށް ނިންމީ، އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަރުތު ހަމަވޭތޯ ވެސް ސުވާލެއްގެ ތެރޭގައި އޮއްވައެވެ.
ރޭ ޕީއެންއެފްގެ ޖަލްސާގައި ޔާމީން ވަނީ އޭރު ހައިކޯޓުގެ އަޑުއެހުންތައް ލަސްވި މައްސަލައިގައި ފަނޑިޔާރު ސަލީމަށާއި، އޭރު ޕީޕީއެމްގެ އިސްވެރިން ނަމަވެސް މިއަދު ސަރުކާރުގެ އިސްވެރިންނަށް ވަރަށް ބޮޑަށް ތުހުމަތުކުރައްވައިފައެވެ.

ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: އޭގެ ތެރެއިން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފައި -- ފޮޓޯ/ ރައީސް އޮފީސް
މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، އިދިކޮޅުން ސުޕްރިމް ކޯޓަށް ވެއްދުމާ އެކު، ސުޕްރިމް ކޯޓުން އެ މައްސަލަ ބަލަނިކޮށް ބެންޗަށް ވަނީ ބަދަލު ގެނެސްފައެވެ. އެ މައްސަލައިގައި ސަސްޕެންޑުކުރި ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ތެރެއިން ހުސްނުއްސުއޫދު ވަނީ އިސްތިއުފާދެއްވައިފައެވެ. އެއަށް ފަހުން އަޒްމިރަލްދާއާއި މަހާޒް ވަނީ މަގާމުން ވަކިކޮށްފައެވެ.
މިހާރު ސަރުކާރުން ސުޕްރިމް ކޯޓުގެ ފަނޑިޔާރުކަމަށް ސަލީމް ގެންނަން އުޅޭ ކަމަށް ދަނީ އަޑުތައް ފެތުރެމުންނެވެ. ސަލީމްގެ އިތުރުން ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ނިންމައިފައެވެ.
ޔާމީން ވިދާޅުވީ، ސަލީމް އެ މަގާމަށް އެ ގެންނަވަނީ އެ ދުވަހު، އެ މަނިކުފާނުގެ އަޑުއެހުންތައް ލަސްކުރެއްވުމަށް ޕީޕީއެމްގެ އިސްވެރީންނަށް އެހީތެރިވުމުން ކަމަށެވެ.

ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ފްރަންޓް އޮފީސް ޖަލްސާ -- ފޮޓޯ/ މޫސާ ނަދީމް
"ޝަރީއަތް ބާއްވަން އުޅޭ ދުވަސް ދުވަހަށް ނުބޭއްވޭ. ޑރ. [މުހައްމަދު] ޖަމީލު [އަހުމަދު] ވަރަށް ރަނގަޅަށް ހަނދާންހުންނާނެ. ދެން އަޅުގަނޑުމެން އޭގެ ސިއްރު ދެނެގަނެފިން. ޕީޖީގެ މީހުން ނުފޮނުވަނީ. ޕީޖީއަކަށް ހުރީ [ހުސައިން] ޝަމީމް. ޝަމީމްގެ ވަރަށް ގާތް ޑެޕިއުޓީއެއް އޭރު އުޅުއްވާ އަޅުގަނޑުމެން ޕާޓީގައި. އެބޭފުޅާގެ ގުޅުމުގެ މަތިން ތާވަލުކުރެވިފައިވާ ޝަރީއަތަށް ޕީޖީގެ ޕްރޮސިކިއުޓަރުން ނުދަނީ،" ޔާމީން ވިދާޅުވިއެވެ.
"ތިންވަނަ ދުވަހާއި ހަތަރުވަނަ ދުވަހު ބުނީ ތިމަންނަމެންގެ މީހުން ވީ އައްޑު އަތޮޅުގައޭ. ބުނީމާ ފަނޑިޔާރުން ބުނީ މިހާރު ތިން ޖަލްސާ ކެންސަލްވެއްޖެއޭ. އޮންލައިންކޮށް ނަމަވެސް ކުރަންވާނެއޭ. އެއީ، އަޅުގަނޑުގެ ޕާޓީ [ޕީޕީއެމް] ތެރެއިން ކުރި ކަންތައް،"
ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ އަރިހުގައި އެ ވާހަކަ ވިދާޅުވީ ވެސް މިއަދު ކެބިނެޓުގައި އިންނަވާ ވަޒީރެއް ކަމަށެވެ. އަދި، އެ ކަމަށްޓަކައި އޭރު ސަލީމާ ގުޅުއްވީ ކޮން ބޭބޭފުޅުންނެއްކަން ވެސް އެނގިވަޑައިގަންނަވާ ކަމަށާއި، 'ލިސްޓު' އެ މަނިކުފާނުގެ އަތުގައި އެބައޮތް ކަމަށް ވިދާޅުވިއެވެ.
"ދެން ހަމަ ސީދާ ސަލީމަށް ގުޅީ ކޮން ވަޒީރެއްކަން ވެސް އެނގޭ. އެއަށްވުރެ މަތިން ދެން ސަލީމާ ގުޅީ ކާކުކަން ވެސް އަޅުގަނޑަށް އެނގޭ. އަދި، ސަލީމާ ގުޅި ބައެއް އެހެން މީހުންގެ ނަންތައް ވެސް އަޅުގަނޑުގެ އަތުގައި އެބަހުރި އެނގޭތޯ،" ޔާމީން ބޮޑެތި ތުހުމަތުތަކެއް ކުރެއްވިއެވެ.
"އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުގެ ޝަރީއަތުގެ ތެރެއަށް މި ބޭބޭފުޅުން އަތްބާނާފައި ހުރީ ވަކިވަރަކަށް ނޫނޭ. އެހެންވީމާ އަޅުގަނޑު ވެސް އެ ވާހަކަތައް ދައްކާ ހިސާބަށް ދިޔައީމާ ދައްކާނަމޭ. އެކަމަކު ވެސް މި ދެންނެވީ މި ހުންނަނީ އިއްތިފާގެއް ނޫނޭ،"

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
ޔާމީން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިހުގައި ތިއްބަވާ ބޭފުޅުންގެ އަރިހުން އެ މަނިކުފާނަށް މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށެވެ. ރައީސް މުއިއްޒުގެ ގާތް ބައެއް ބޭފުޅުން ސީދާ ސަލީމާ ގުޅުއްވިއިއިރު، އެތާ ކައިރީ އެ ވަގުތު އިންނެވި ބޭފުޅަކު ފުރަތަމަ އެ ވާހަކަ އެ މަނިކުފާނަށް ކިޔައިދެއްވި ކަމަށް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑާ ހަމައަށް އާދޭ އެނގޭތޯ އެ ވާހަކަ. އެހެންވީމާ އެއްގޮތަކަށް ވެސް ގަބޫލުނުކުރައްވާ ތި ދައްކަވާ ވާހަކަ މީހުންނަށް އަޑުނީވޭނެ ކަމަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ފަނޑިޔާރުންގެ ތެރޭ ތިއްބަވާ ބޭފުޅުންގެ ތެރެއިން އެންމެ ނާގާބިލު ބޭފުޅަކީ ސަލީމުކަމަށް ޔާމީން ވިދާޅުވިއެވެ. އަދި، އެ މަނިކުފާނުގެ ކެންޑިޑަސީއަށް ހުރަސްއެޅީ ވެސް ސަލީމް ކަމަށް ތުހުމަތުކުރެއްވިއެވެ.
"ސަލީމަކީ ކޮންތާކުން ހޯދި މީހެއްތޯ؟ އެކަމަކު އޭނާގެ ހަމައެކަނި ޝަރުތަކީ ރައީސް ޔާމީންގެ ކެންޑިޑަސީ ގެއްލޭ ވަރަށް ޝަރީއަތް ލަސްކޮށްލާފައި، ފުރައިގެން ގޮސް، ދޮޅު މަސްކޮށްލުން. އެންމެ ފުރަތަމަ އޭނާ ފުރުވާލީ އެމްޑީޕީގެ އިސް ސަފުން. އޭގެ ފަހުން ހުރިހާ ކަމެއް ކޮށްދިނީ ޕީޕީއެމްގެ އިސް މީހުން،" ޔާމީން ވިދާޅުވިއެވެ.

ޔާމީން މިނިވަން ކުރެއްވި ދުވަހު، ރައީސް ޑރ. މުޢިއްޒު އެމަނިކުފާނު އަރިހުގައި -- ސަން ފޮޓޯ/ މުހައްމަދު މާހިލް
ޔާމީނަށް ރިޔާސީ ރޭހުގައި އޭރު ވާދަނުކުރެއްވުމާ އެކު އެ މަނިކުފާނު ބޭނުންފުޅުވީ ރިޔާސީ އިންތިޚާބު ޕީޕީއެމް/ޕީއެންސީން 'ބޮއިކޮޓް' ކުރުމަށެވެ. ނަމަވެސް، އޭރު އެ މަނިކުފާނާ އެންމެ އަރިސް، އަދުގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ޕީޕިއެމް ސެނެޓުން ނިންމެވީ ޔާމީންގެ ނިންމެވުމާ ޚިލާފަށް ރިޔާސީ ރޭހަށް ޕީއެންސީގެ ޓިކެޓުގައި ބޭފުޅަކު ނެރުމަށެވެ.
ފަހުން ޔާމީން ވެސް ވަނީ އެ ކަމަށް ތާއީދުކުރައްވައިފައެވެ.
އެތެރޭގެ އިންތިޚާބުން ރައީސް މުއިއްޒު، ރިޔާސީ ރޭހަށް ނެރުއްވައި، އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ. ރައީސް މުއިއްޒު އިންތިޚާބު ކާމިޔާބުކުރެއްވުމާ އެކު އޭރުގެ ސަރުކާރުން ޔާމީން ގެކޮޅަށް ބަދަލުކުރެއްވިއެވެ. ނަމަވެސް، ރައީސް ހުވައިކުރެއްވި ދަރުބާރަށް ވެސް ވަޑައިނުގެން، ޔާމީނާއި ރައީސްގެ ގުޅުން ގޯސްވިއެވެ. އެއަށް ފަހު ސަރުކާރާ ފެޔަށް ޖެހިވަޑައިގެން ޔާމީން ވަނީ އަމިއްލަފުޅު ޕާޓީ ޕީއެންއެފް އުފައްދަވައިފައެވެ.
އޭގެ ފަހުން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ވަނީ ޕީޕީއެމް އުވާލައި، ވެރިކަމުގައި އޮތް ޕީއެންސީ މިހާރު ވަނީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހަދައިފައެވެ.