ޢަރަފާތު ދުވަހު ރޯދަހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި، އަންނާން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ 'ޢަރަފާތު ދުވަހުގެ މާތްކަން'، މި މައުޟޫއުގެ މައްޗަށެވެ.
ޢަރަފާތު ދުވަހަކީ ޙައްޖުމަހުގެ ނުވަވަނަ ދުވަހެވެ.
މިއަދުގެ ޚުތުބާގައި ބުނީ އަހަރެމެން ވޭތިކުރަމުން މި ދަނީ ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތައް ކަމަށާއި، އެއީ ހެޔޮކަމުން ފުރިގެންވާ ބަރަކާތްތެރި ދުވަސްތަކެއް ކަމަށެވެ. އެއީ ތަގުވާވެރިވުމާއި ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވުމުގެ ދުވަސްތަކެއް ކަމަށާއި، ހެޔޮ އަމަލުކުރުން ގިނަކޮށް، އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރަންވީ ދުވަސްތަކެއް ކަމަށް ޚުތުބާގައި ބުންޏެވެ.
މި ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ޙައްޖު ދުވަސް ނުވަތަ ޢަރަފާތު ދުވަހެވެ. އެ ދުވަހު ޢަރަފާތުގެ ބިމަށް ޖަމާވެފައިވާ ޙައްޖުވެރިންގެ ގިނަގުނަ ފާފަތައް މާތްﷲ ފުއްސަވައިދެއްވާނެ ކަމަށާއި، އެއީ ފާފަފުއްސެވުމާއި، ޢަފޫކުރެއްވުމުގެ ދުވަސް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެއީ ނަރަކައިން ދިންނަވައި، މުއްތިކުރެއްވުމުގެ ދުވަސް ކަމަށާއި، އެ ދުވަހަކީ މާތްﷲ އެކަލާނގެ އަޅުތަކުންގެ ކިބައިން ޢަހުދު ކަށަވަރު ހިއްޕެވި ދުވަސް ކަމަށް ޚުތުބާގައި ބުންޏެވެ.
މާތްﷲ ގެ އޯގާވަންތަކަމާއި، ތަނަވަސް ރަހުމަތުން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުން ވެސް އެ ދުވަހުގެ ސަވާބުން މަހުރޫމު ނުކުރައްވާކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ ޙައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން ޢަރަފާތު ދުވަހު ރޯދަހިފުން މޮޅު އިތުރުވެގެންވާ ކަމަށެވެ. އަދި ޢަރަފާތު ދުވަހު ރޯދަހިފުމަކީ ފާއިތުވި އަހަރާއި، އަންނާން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއްކަމުގައި ރަސޫލާގެ ޙަދީޘުން ސާބިތުވާ ކަމަށެވެ.

ހައްޖުވެރިން އަރަފާތު ބިމުގައި -- ސަން ފައިލް ފޮޓޯ/ މުޖްތަބާ
ޚުތުބާގައި ވަނީ ޢަރަފާތު ދުވަހު ފާފަފުއްސެވުން އެދި ދުޢާކުރުމަށް ނަސޭހަތްތެރިވެފައެވެ. ޢަރަފާތު ދުވަހަކީ ދުޢާ އިޖާބަކުރެއްވުމުގެ ދުވަސް ކަމަށާއި، ޢަރަފާތު ދުވަހު ޛިކުރުކޮށް ދުޢާކުރުން ގިނަކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.
މި މައްސަރުގެތެރޭގައި އަންނަ އަނެއް ދުވަހަކީ އަޟުޙާ ޢީދު ދުވަހެވެ. އަޟުޙާ ޢީދު ދުވަހަކީ އެހެން މީހުންނަށް ހެޔޮކަން ފޯރުވައި އެހީތެރިވުމުގެ ދުވަސް ކަމަށާއި އަދި އެއީ އުޟުޙިޔާ ކަތިލުމުގެ ދުވަސް ކަމަށް ޚުތުބާގައި ބުންޏެވެ.
އެއީ ކީރިތި ނަބިއްޔާ އެ ކަމަށް ބާރުއަޅުއްވައި، އެކަލޭގެފާނު ޢަމަލީ ގޮތުން އެ ކަން ކުރައްވައި ނަމޫނާ ދައްކަވައިފައިވާ ކަމެއް. އުޟުޙިޔާ ކަތިލުމަކީ، ޙައްޖު މަހުގެ ދިހަވަނަ ދުވަހު އިރު އެރީއްސުރެ ތޭރަވަނަ ދުވަހުގެ އިރު އޮއްސިއްޖައުމަށް ދާންދެން ގެރި ބަކަރި، ޖަމަލު ފަދަ ނަޢަމްސޫފި ﷲގެ މަގުގައި ގުރުބާންކުރުން. އުޟުޙިޔާ ކަތިލުމަކީ ތަނަވަސްކަން ލިބިގެންވާ މީހުންނަށް ގަދަވެގެންވާ ސުންނަތެއް. ގިނަގުނަ ދަރުމައާއި ސަވާބު ހުރި ކަމެއް، ހުކުރު ޚުތުބާ
ޚުތުބާގައި ބުނީ ޙައްޖުގެ ބުރަ އަޅުކަމަށް ފަހު، އަންނަނީ އަޟުޙާ ޢީދުގެ އުފާވެރި ދުވަސްތަކެއް ކަމަށެވެ. އެއީ ކެއިންބުއިމާއި، ޒީނަތްތެރިވެ އިސްލާމީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުޅިވަރުކުޅުމާއި، އުފާ ފާޅުކުރުމުގެ ދުވަސްތަކެއް ކަމަށް ޚުތުބާގައި ބުންޏެވެ. ނަމަވެސް އިސްލާމްދީނުގައި މިއިން ކޮންމެ މުނާސަބަތެއް ވެސް ފާހަގަކުރެވެނީ މާތްﷲއަށް ކުރެވޭ މަތިވެރި އަޅުކަމަކުން ކަމަށާއި އެއީ ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ނަމާދެއް ކަމަށް ޚުތުބާގައި ބުންޏެވެ.

މާލޭގައި ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަނީ --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
އެހެންކަމުން ޢީދު ނަމާދަކީ ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދީންނާއި، ދަތުރުވެރީންނާއި، ރަށުގައި ގާއިމުވެ ތިބޭ މީހުން ކުރުން ސުންނަތްކަން ގަދަވެގެންވާ ނަމާދެއް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އަންހެނުންގެ ތެރެއިން ޢީދުނަމާދުގައި ބައިވެރި ނުވެވޭ އުޒުރުވެރީން ވެސް ޢީދު ޚުތުބާ އަޑުއެހުމަށް، ރަސޫލާ ވަނީ ބާރު އަޅުއްވައިފައެވެ.
ޢީދު ދުވަހަކީ މުސްލިމުން އުފާ ފާޅުކުރުމުގެ ދުވަސް. ރީތި ހެދުންލައި ޒީނަތްތެރިވުމުގެ ދުވަސް. އެކަކު އަނެކަކަށް ޒިޔާރަތްކޮށް، ތަހުނިޔާކިޔުމުގެ ދުވަސް. ޢީދު ދުވަހު މުސްލިމުން އެކަކު އަނެކަކާ ބައްދަލުވެ، ހެޔޮ ދުޢާއާއި އުފާވެރިކަމުގެ ޝުޢޫރުތައް ފާޅުކުރާން ޖެހޭ. ޢީދު ދުވަހަކީ އެކަކު އަނެކަކާ ސަލާމްކޮށް އެކަކު އަނެކަކަށް ޒިޔާރަތްކުރުމުގެ ދުވަސް، ހުކުރު ޚުތުބާ
ޢީދު ނަމާދަށްފަހު ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރީންނަށް ޒިޔާރަތްކޮށް، ޢީދުގެ ތަހުނިޔާކިޔުމާއި ޢީދު ސަލާމްކުރުން މުސްތަޙައްބުވެގެންވާ ކަމަށާއި، ސަލާމްކުރުމާއި ހިތްހެޔޮކަމުގެ ޝުއޫރުތައް ފާޅުކުރުމަކީ ރަޙުމަތްތެރިކަމާއި އެކުވެރިކަން އިތުރުވާ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ޢީދު ދުވަހު އުފާކުރުމާއި އުފާފާޅުކުރުމަކީ ހުއްދަކަމެއް ނަމަވެސް ޢީދު ދުވަހު ކުޅިވަރުތައް ކުޅެ، އުފާ ފާޅުކުރާން ޖެހޭނީ އިސްލާމީ ހަމަތަކާއި އަޚުލާގީ އިމުން ބޭރުނުވާ ގޮތަށް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި އުފާފާޅުކުރަންވާނީ ތިމާގެ އަމިއްލަ ނަފުސަށް ވެސް އަދި އެހެން މީހުންނަށް ވެސް ގެއްލުމާއި އުނދަގޫތައް ނުވާނޭ ގޮތަކަށާއި، އާއްމު މަސްލަހަތަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ ވެސް ޚިލާފު ނުވާ ގޮތެއްގެ މަތީން ކަމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.