ދުނިޔޭގެ ސްކައުންޓް ބެޖު ރައީސް ޑރ. މުޙައްމަދު މުއިއްޒަށް މިއަދު އަރުވައިފިއެވެ.
ގައުމީ ސްކައުޓު ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ބެޖު ރައީސަށް އެރުއްވީ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ނަޒީފެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވަނީ ސްކައުޓް ކައުންސިލް މެންބަރުންނަށް މަގާމުގެ ލިޔުމާއި ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް އެވޯޑު ހާސިލުކުރި ހަތް ސްކައުޓުންނަށް، އެވޯޑު ހަވާލުކޮށްދެއްވާފައެވެ.

ގައުމީ ސްކައުޓު ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ---- ފޮޓޯ/ ރައީސް އޮފީސް
އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، ސްކައުޓުގެ ހަރަކާތަށް ސަރުކާރުގެ ތެރެއިން ވަރަށް ގިނަ ކަންކަން ކުރަން ޖެހިފައި އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެގޮތުން އެ ހަރަކާތަށް ބޭނުންވާ ކަންކަމަށް، މާލީ ގޮތުންނާއި އުމްރާނީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ އަހަރު ތަކުގައި ސްކައުޓަށް ދިމާވި ގޮންޖެހުންތަކުން އަރައިގަނެވޭނެ މަގުފަހިކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ވަރަށް ގިނަ ޗެލެންޖުތަކުގައި އުޅެން ޖެހިފައި [ސްކައުޓުންނަށް] ވަނީ. ވަންނާނެ އިމާރާތެއް ނެތި ބާވެފައި ހުންނަ އިމާރާތްތަކުން އެއް ތަނުން އަނެއް ތަނަށް ބަދަލު ވަމުން ދަނީ، އެއީ އެކަން ވާން ޖެހޭނެ ގޮތެއް ނޫން
އިތުރަށް ރައީސް ވިދާޅުވީ، މިދިޔަ 69 އަހަރު ތެރޭ ސްކައުޓު ހަރަކާތުގެ ތެރެއިން މުޖުތަމައުއަށް އެތައް ފައިދާތަކެއް ކޮށްދީފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ---- ފޮޓޯ/ ރައީސް އޮފީސް
ރާއްޖޭގައި މި ހަރަކާތް ދިރުވައި، އާލާކުރުމަށް އެމަނިކުފާނު ވަރަށް ބޭނުންފުޅުވާ ކަމަށާއި އެކަމަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހިންގަވާ މިކަމުގެ އިތުރު ތަފުސީލުތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ދާން. މިސާލަކަށް ދާއިމީ ގޮތެއްގައި އިދާރީ ކަންކަން ހިންގުމާއި ހަރަކާތްތައް ހިންގުމާއި ކޭންޕިންއާއި އެކި ކަންކަމުގައާއި އަދި ޖުމުލަކޮށް އެހެން ހުންނަ ކަންކަމުގައި ކުރެވިދާނެ ކަންކަން ބަލައި، އެ ކަންކަމަށް ރަނގަޅު ހައްލެއް ގެންނަން
އެކަންކަމަށް މުސްތަގުބަލުގައި އެންމެން ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް އުންމީދުކުރައްވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.