މި ފެށޭ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓް ޓެރިފް ރޭޓު ކުޑަކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު، ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފައިވާ ކަމަށް މިރޭ އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓް ޓެރިފަށް ގެންނަން އެންގެވި ބަދަލުތައް ހިއްސާކުރައްވައިފައެވެ.
އެ ބަދަލުތައް މި ފެށޭ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެނެސް، އެ ކަން ތަންފީޒުކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް އަންގަވައިފައިވާ ކަމަށް ވިދާޅުވިއެވެ.
އެއާއެކު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މި ކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި، ސްޓެލްކޯއަށާއި، ފެނަކައާއި، އެމްޑަބްލިއުއެސްސީއަށް އަންގާނެއެވެ.
ކަރަންޓު ބިލުކުރާއިރު، ބޭނުންކުރާ މިންވަރު ބަލަނީ ޔުނިޓުންނެވެ.
އާންމު ގޮތެއްގައި ބިލު ބޮޑުވަނީ ބޭނުން ކުރާ މިންވަރު 500 ޔުނިޓުން މަތިވީމައެވެ. އެގޮތުން ކުރިން 600 ޔުނިޓުން މަތިވުމުން އެވްރެޖުކޮށް ޔުނިޓަކަށް 4.25 ރުފިޔާ ބިލުކުރެއެވެ. ނަމަވެސް ޓެރިފް ރޭޓު ދަށްކުރުމުން، 3.80 ރުފިޔާއާ ހަމައަށް ދަށްވާނެއެވެ.
ކޮންމެ މަހެއްގެ ވެސް ކަރަންޓު ބިލު ލިބެން ފެށުމާއެކު މުޅި ސޯޝަލް މީޑިއާ ފުރެނީ، ކަރަަންޓު ބިލު އަގުބޮޑުވެގެން އާންމު ރައްޔިތުންގެ ޝަކުވާތަކާއެކުގައެވެ.
ކަރަންޓު ބިލު އާންމު ގޮތެއްގައި ބޮޑުވަނީ އެންމެ ހޫނު ދުވަސްވަރު ކަމަށްވާ، މާޗު، އެޕްރީލް ތެރެއެެވެ. އަދި ރޯދަ މަހު ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއެވެ.
އެހެންވެ، މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ފާއިތުވި ދެ ރޯދަމަހުގެ ކަރަންޓު ބިލުން ވެސް ބޮޑު ޑިސްކައުންޓެއް ދިނެވެ.
ސަރުކާރުން ފޯރުކޮށްދޭ ކަރަންޓަކީ، ބޮޑު އަގުގައި ބޭރުގެ ބާޒާރުން ރާއްޖެއަށް ތެޔޮ ގަނެގެން، ވަރަށް ބޮޑު ސަބްސިޑީއެއް ދީގެން އާންމުންނަށް ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތެކެވެ.