ކިއު ކުޑަކުރުމަށް އައިޖީއެމްއެޗުގައި ރޭގަނޑު އޯޕީޑީގެ ޚިދުމަތް ފަށައިފި

އައިޖީއެމްއެޗް ކުރިމަތި: އެ ހޮސްޕިޓަލުގައި ވަނީ ރޭގަނޑު އޯޕީޑީގެ ޚިދުމަތް ދޭން ފަށާފައި -- ފޮޓޯ/ މާނިއު މުހައްމަދު

ޑޮކްޓަރަށް ދެއްކުމަށް އޮންނަ ކިއު ކުޑަކުރުމަށް އައިޖީއެމްޗުގައި ރޭގަނޑު އައުޓް ޕޭޝަންޓް ޑިޕާޓްމެންޓް (އޯޕީޑީ)ގެ ޚިދުމަތް ދޭން ފަށައިފިއެވެ.

އައިޖީއެމްއެޗުގައި އެކި ބަލިތަކަށް ޑޮކްޓަރަށް ދައްކަން ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހޭއިރު، ޑޮކްޓަރަށް ދެއްކުމަށް ބޮޑު ކިއުއެއް އޮވެއެވެ.

'ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި' ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވީ، އެ ހޮސްޕިޓަލުގައި ރޭގަނޑު އޯޕީޑީގެ ޚިދުމަތް ދޭން ފެށުމުން އެންމެ ގިނައިން ބަލިތަކަށް ފަރުވާ ހޯދަން ޖެހިފައި އޮތް ކިއޫ ކުޑަކުރެވޭނެ ކަމަށެވެ.

"މިހާރު ނައިޓް އޯޕީޑީ ފެށިފައި އެ ވަނީ އައިޖީއެމްއެޗުގައި. އޭގެ ސަބަބުން ވަރަށް ބޮޑަށް ކިއޫ ކުޑަވެގެންދާނެ. އެންމެ ގިނައިން ފަރުވާ ހޯދާ ބަލިތަކުގެ ކިއޫ ކުޑަކޮށްލުން މީގެ ތެރެއިން ހާސިލުވާނެ،" ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، އެޑުމިޓުކޮށްގެން ފަރުވާ ދޭ މީހުންނަށް ފަސޭހައިން ބޭސް ލިބޭނެ ގޮތްތައް ހަމަޖައްސައިދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހުރިހާ ސަރަހައްދެއްގައި ސިއްހީ ޚިދުމަތް ވަރުގަދަ ކުރުމަކީ ވަރަށް އިސްކަން ދެއްވާ ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ދާއިރާއަށް 200 އަށް ވުރެ ގިނަ މީހުން އިތުރުކުރުމަށް ފުރުސަތަށް ހުޅުވާލާފައިވާ ކަމަށެވެ.

އެހެންވެ، މި އަހަރާއި އަންނަ އަހަރު ތެރޭ ސިއްހީ ދާއިރާ ވަރަށް ބޮޑަށް ރަނގަޅު ވެގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ވަނީ 75 އެނދާ އެކު، އައިޖީއެމްއެޗުގައި މަލްޓި ސްޕެޝަލިޓީ ސާޖިކަލް ވިންގެއް ވެސް މި ނިމުނު ހަފުތާގައި ހުޅުވައިދެއްވައިފައެވެ. އެތަނުގައި ގާއިމުކޮށްފައި ވަނީ:

  • ޖެނެރަލް ވޯޑުގައި 44 އެނދު
  • ހައި ޑިޕެންޑެންސީ ޔުނިޓުގައި 15 އެނދު
  • ޕްރައިވެޓް ރޫމްގެ ގޮތުގައި 14 ކޮޓަރި
  • ބާން ޔުނިޓުގެ ގޮތުގައި ފުރަތަމަ ފަހަރަށް ދެ އެނދު
comment ކޮމެންޓް