ގަދަ ކަނޑަށް ދޫކުރި ހިބަރުވަދުގައި ޖެހުނީ 131 ކިލޯގެ ބޮޑު މަސް ހިބަރެއް!

ފާއިޒް އަބްދުﷲ ބޭނި މަސް ހިބަރާއެކު --

ގަދަ ކަނޑުގައި، ހއ. ފިއްލަދޫ ކައިރިއަށް ހިބަރު ބާނަން އެކަނި ނުކުތް ޒުވާނަކު 131 ކިލޯގެ ބޮޑު މަސް ހިބަރެއް ބާނައިފިއެވެ.

މިހާ ބޮޑު ހިބަރެއް ބޭނިފައިވަނީ ހއ. ބާރަށަށް އުފަން ފާއިޒް އަބްދުﷲ ހިބަރު ބާނަން، ޑިންގީއެއްގައި ފިއްލަދޫ ކައިރި އުޅެނިކޮށެވެ.

"ސަން"އާ ވާހަކަދައްކަމުން ފާއިޒް ބުނީ މަސްވެރިކަމަކީ އޭނާގެ ދިރިއުޅުމުގައި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ކަމަށެވެ. އަދި ގަދަވެ ސަލާމަތުން ހުރި ދުވަހެއްނަމަ، އެ ދުވަހަކު އޭނާ މަހަށް ދާ ކަމަށެވެ.

ނަމަވެސް އިއްޔެ އޭނާ ހުރީ މަހަށް ދިއުމާމެދު ދެ ވިސްނުމެއްގައި ކަމަށާއި ނުދާން ހުރެފައި ވެސް ދިޔައީ ކަމަށް ބުންޏެވެ.

''ކޮންމެ ދުވަހަކު ވެސް ދަނީ ހިބަރަށް. އިއްޔެ ވަރަށް ގަދަ. އިއްޔެ ދެން އަނެއްހެން މީހުނެއް ވެސް އެވަރަކަށް ނެތް. ދެތިން ދޯނި އޮތީ،" ފާއިޒް ބުންޏެވެ.

ފާއިޒް ބުނީ، މެންދުރާ ހަމައަށް ދިޔައިރު ތިން ފަން ހިބަރު ބޭނުމުން ދެން ދަތުރު ފެށީ ރަށާ ދިމާއަށް ދިއުމަށް ކަމަށެވެ. އެއިރު ވެސް ހިބަރު ވަދު ދޫކޮށްފައި އޮތްއިރު މަސް ހިބަރެއް އޭގައި ގަތީ އެ ވަގުތު ކަމަށް ފާއިޒް ބުންޏެވެ.

އޭނާ ބުނީ އެކަނި އެ ބަރު، މަސް ހިބަރު ޑިންގީއަށް އެރުވޭ ގޮތް ނުވުމުން ގުޅީ އޭނާގެ ބޭބެއަކަށް ކަމަށެވެ.

"އެކަނި ނުއެއް ނެގުނު. އެހެންވީމާ އެ އޮތް ދިމާލުން ފިއްލަދޫއާއި ދައްޕަރާ ދިމާލަށް ކައިރި ކުރީ. ކައިރި ކޮށްފައި ބޭބެއަށް ގުޅީ. ގުޅައިފައި ބުނެފިން މި އެއްޗެއް ނުއެއް ނެގޭނޭ މަށަށް އެކަނި. ފިއްލަދޫގައި ރައްޓެއްސަކު ހުރިއްޔާ ބުނާށޭ، ކައިރިކޮށްލީމާ އަރުވައިދޭށޭ،" ފާއިޒް ބުންޏެވެ.

ފާއިޒް އަބްދުﷲ ބޭނި މަސް ހިބަރު ޑިންގީއަށް އަރުވައިފައި --

އޭގެ އިރުކޮޅެއްފަހުން، ބޭބެ ގުޅައި، ފިއްލަދޫއަަށް ވަދެވޭވަރަށްވުރެ ފަޅު ތެރެ ގަދަކަމަށް ބުނުމުން ފިއްލަދޫ ބޭރުގައި މަޑުކޮށްގެން ހުއްޓައި އިތުރު ޑިންގީއެއްގައި އޭނާގެ ދެ ބޭބެއަކު ކައިރިކޮށް އެ މަސް ހިބަރު ފާއިޒުގެ ޑިންގީއަށް އެރުވީކަމަށް ފާއިޒް ބުންޏެވެ.

އެ ހިބަރު ޑިންގީއަށް އެރުވޭވަރު ވީ ތިން ގަޑިއިރެއްހާއިރުން ކަމަށާއި، ރަށަށް އާދެވުނީ 4:30 ހާއިރު ކަމަށް ފާއިޒް ބުންޏެވެ.

ފާއިޒް ބުނީ އެ ހިބަރު އޭނާ ވިއްކައިލީ ކިލޯއަކަށް 25 ރުފިޔާއަށް ކަމަށެވެ. އެއީ މުޅި މަހަށް ބަލައިނަމަ 3،275 ރުފިޔާއެވެ.

ފާއިޒް ބުނީ މިއީ، މި ފަހުން އެ ރަށުން މީހަކަށް ބޭނުނު އެންމެ ބޮޑު ހިބަރަށް ވާނެ ކަމަށެވެ.

comment ކޮމެންޓް