ހިންދީ ސިނަމާގެ ލެޖެންޑު އެކްޓަރު ގުރޫ ދަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ބައޮގްރަފިކަލް ޑްރާމާއަށް އެކްޓަރު ވިކީ ކޯޝަލް ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމު އެކްޓަރެއްގެ އިތުރުން ގުރޫ ދަތު ފާހަގަކުރެވިފައި ވަނީ ފިލްމު ޑައިރެކްޓްކޮށް، ޕްރޮޑިއުސްކޮށް އަދި ބައެއް ފިލްމުތަކަށް ކޮރިއަގްރާފަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރި އެކްޓަރެއްގެ ގޮތުގައެވެ.
ފިލްމުފެއާގައި ބުނެފައިވާ ގޮތުގައި ކުރީގެ އެކްޓަރު ގުރޫ ދަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ މި ބައޮގްރަފިކަލް ޑްރާމާ އިއުލާނުކުރުމަށް ހަމަޖެހިފައި ވަނީ އެކްޓަރުގެ 100 ވަނަ އުފަންދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.

ވިކީ ފިލްމު "ޗާވާ"ގެ މަންޒަރެއްގައި--ފޮޓޯ/މިޑްޑޭ
ގުރޫ ދަތުގެ ބައޮގްރަފިކަލް ޑްރާމާ ގެނެސްދޭނެ ކަމަށް ބޮޑަށް ބެލެވެނީ ފިލްމަކަށްވުރެ ވެބް ސީރީސްއެއްގެ ގޮތުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމު "ޕިޔާސާ" އާއި "ކާގަޒްކޭ ޕޫލް" އަދި "ސާހެބް ބިވީ އޯރް ގުލާމް" ފަދަ ފިލްމުތައް ކުޅެފައިވާ އެކްޓަރުގެ ބައޮގްރަފިކަލް ޑްރާމާ ގެނެސްދޭނީ އަލްޓްރާ މީޑިއާ އެންޑް އެންޓަޓެއިންމަންޓް ގްރޫޕުންނެވެ.
އަލްޓްރާ މީޑިއާގެ ޑިރެކްޓަރު އަދި ޗީފް އޮޕަރޭޓިންގް އޮފިސަރު މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ކުރީގެ އެކްޓަރު ގުރޫ ދަތަކީ ހިންދީ ސިނަމާގެ ވަރަށް ވަރުގަދަ ޝަހުސިއްޔަތެއް ކަމަށެވެ. އެހެންކަމުން އެފަދަ ލެޖެންޑެއްގެ ވާހަކަ ސިނަމާތަކަށް ގެނައުމަކީ މުހިއްމު ކަމެއް ކަމަށާއި މިހާރުގެ އެކްޓަރުންގެ ތެރެއިން ގުރޫ ދަތުގެ ރޯލަށް އެންމެ އެކަށީގެންވާ އެކްޓަރަކީ ވިކީ ކޯޝަލް ކަމަށް ގަބޫލުކުރާ ކަމަށެވެ.
ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ"ގެ އެކްޓަރާ އެކު މި ބައޮޕިކްގެ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށާއި ވަރަށް އަވަހަށް މި ފިލްމު ރަސްމީކޮށް އިއުލާނުކުރުމަށް ނިންމާފައިވާ ކަމަށް ފިލްމުފެއާގައި ވަނީ ބުނެފައެވެ.