ގައުމީ މަސްލަހަތަށްޓަކައި ޚާރިޖީ ސިޔާސަތު ބަދަލުކުރުމަކީ ޒިންމާދާރު ވެރިކަމެއްގެ ނިޝާނެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިލޯން ޓުޑޭއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވަނީ، މި ސަރުކާރުން އިންޑިއާއާއި ޗައިނާއާއި އެމެރިކާއާ މެދު ގެންގުޅޭ ޚާރިޖީ ސިޔާސަތު ބަދަލުކުރުމާ ގުޅޭ ސުވާލަކަށް ޖަވާބު ދެއްވައިފައެވެ.
މި ސަރުކާރުން ވެރިކަމަށް އައީ 'އިންޑިއާ އައުޓް'ގެ ނަމުގައި ދިގު މުއްދަތަކަށް ކުރިއަށްގެންދިޔަ ކެމްޕޭނަކަށް ފަހު، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގައުމަށް ފޮނުވާލާނެ ކަމުގެ ވައުދާއެކުގައެވެ. އޭގެ ސަބަބުން މި ސަރުކާރަކީ 'ޕްރޯ ޗައިނާ' ސިޔާސަތެއް ގެންގުޅޭ ސަރުކާރެއްގެ ގޮތުގައި ސިފަވެފައި އޮތްއިރު، ވެރިކަމުގެ ތިން ވަނަ މަހު، ނައިބު ވަޒީރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމުގެ ރައްޔިތުންނަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ވާހަކަދެއްކިއެވެ.
ހަމަ އެ މަހު ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅަކަށް ފަހު އެނބުރި ވަޑައިގެން، އިންޑިއާއަށް އިޝާރާތް ކުރައްވައި، ރާއްޖެއަކީ އެއްވެސް ގައުމެއްގެ 'ބެކްޔާޑް'އެއް ނޫން ކަމަށާއި ރާއްޖެ ކުޑަޔަސް ބުލީ ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
އެ މައްސަލައިގައި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލައި އިންޑިއާގައި ކެމްޕޭނެއް ވެސް ކުރިއަށްގެންދިޔައެވެ. ނަމަވެސް އޭގެ ފަހުން މި ސަރުކާރުން އިންޑިއާއާ ގުޅުން ބަދަހި ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން، މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވެސް ރައީސް ވަޑައިގަތެވެ.
އޭގެ ފަހުން އިންޑިއާއާއި ދިވެހި ސަރުކާރުން ވެސް ވަނީ ދެ ގައުމުގެ ގުޅުން އާންމު ހާލަތަށް ރަނގަޅުވެފައިވާ ކަމަށް ބުނެފައެވެ.

ރައީސް ޑރ. މުޙައްމަަދު މުއިއްޒު ޗައިނާގައި، އެގައުމުގެ ރައީސް ޝި ޖިންޕިންއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ޒިންހުއާ
އެ ބަދަލުތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބިނާވެފައި އޮތީ ސިޔާސީ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި، ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށެވެ.
"އެއީ ހަލުވިކަމާއެކު ބަދަލުވަމުން އަންނަ ޖިއޮޕޮލިޓިކަލް މާހައުލެއްގައި، މަދު ވަސީލަތްތަކެއް އޮތް ކުޑަ ޖަޒީރާ ދައުލަތެއްގެ ހައިސިއްޔަތުން، ގައުމީ މަސްލަހަތާ އެއްގޮތަށް ސްޓްރެޓީޖިކް ބަދަލުތައް ގެނައުމަކީ ކުރަން ޖެހޭ ކަމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގައުމަށް ދިމާވާ ގޮންޖެހުންތަކާއި އެހެން ގައުމުތަކުގެ ސިޔާސީ ހަގީގަތްތަކަށް ވެސް ބަލައި، އެ ކަންކަމަށް ހޭނުމަކީ ބަލިކަށިކަމެއް ނޫން ކަމަށެވެ.
"އިންޑިއާއާއި ޗައިނާ އާއި އެމެރިކާއަކީ އެތައް އަހަރެއް ވަންދެން ރާއްޖޭގެ މުހިންމު ތަރައްގީގެ ބައިވެރިންގެ ގޮތުގައި އޮތް ގައުމުތައް. ރާއްޖެއަށް އެހީ ބޭނުންވި އެތައް ފަހަރަކު އެ ގައުމުތަކުން ދީލަތިކަމާއެކު އެހީ ފޯރުކޮށްދީފައިވޭ، އެކަމަށް އަޅުގަނޑުމެން އަބަދުވެސް ޝުކުރުވެރިވަން،" ރައީސް ވިދާޅުވިއެވެ.
އެހެންވެ، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކޮށްފައި ވަނީ އެ ގައުމުތަކާއި އެ ނޫން ވެސް އެކުވެރި ގައުމުތަކާ ގުޅިގެން، ރާއްޖޭގެ މަސްލަހަތު އިސްކޮށްގެން ކުރިއަށްދާ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރަކީ 'ޕްރޯ ޗައިނާ' ސަރުކާރެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި ނަމަވެސް، ރައީސް ވަނީ އެއީ ހަގީގަތެއް ނޫން ކަމަށާއި، އެ މަނިކުފާނު ގެންގުޅުއްވަނީ 'ޕްރޯ މޯލްޑިވްސް' ސިޔާސަތު ކަމަށް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައެވެ.