އާރްޓީއެލްއަށް ކާޑުން ފައިސާ ދެއްކުމުން އެ ތަފުސީލު މިހާރު ފެންނާނެ

އާރްޓީއެލް ބަހެއްގައި ހަރުކޮށްފައިވާ ކާޑު މެޝިނެއް: ބަހާއި ފެރީ ދަރުތުތަކަށް ބީއެމްއެލް ކާޑުން ފައިސާ ދައްކާ ފަރާތަކަށް އެ ތަފުސީލު ފެންނަގޮތް ހަދައިފި -- ސަންފޮޓޯ/ ނާއިލް ހުސައިން

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތަށް ބޭންކް އޮފް މޯލްޑިވްސްގެ ކާޑުން ފައިސާ ދެއްކުމުން އެ ތަފުސީލު ފެންނާނެ އިންތިޒާމު އެމްޓީސީސީން ހަމަ ޖައްސައިފިއެވެ.

އާރްޓީއެލްގެ ދަށުން ބަހާއި ފެރީގެ ޚިދުމަތް ފޯރުކޮށްދެނީ އެމްޓީސީސީންނެވެ.

އެމްޓީސީސީން ބުނީ މި ޚިދުމަތަކީ އާރްޓީއެލްގެ މުޢާމަލާތްތަކާ ގުޅިގެން ދަތިތަކާ ކުރިމަތިލާންޖެހޭ ކަސްޓަމަރުންނަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ.

އެމްޓީސީސީން މިހާރު ވަނީ އާރްޓީއެލް ވެބްސައިޓް މެދުރިކޮށް، ކާޑުން ކުރާ މުއާމަލާތްތަކުގެ ތަފުސީލު ފެންނާނެ އިންތިޒާމު ހަމަޖައްސާފައެވެ.

އެގޮތުން ކާޑުން ފައިސާ ދެއްކުމުން ފޮނުވާ މެސެޖުގައިވާ ރިފަރެންސް ނަންބަރު ބޭނުންކޮށްގެން ދަތުރުގެ ތަފުސީލުތައް އާރްޓީއެލްގެ ވެބްސައިޓު މެދުވެރިކޮށް ޔަޤީންކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ނަމަވެސް މިވަގުތު މި ޚިދުމަތް ލިބެން ހުންނާނީ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްގެ ކާޑު ބޭނުންކުރާ ފަރާތްތަކަށް އެކަނި ކަމަށާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ކާޑު ބޭނުންކުރާ ފަރާތްތަކަށް ވެސް މި ޚިދުމަތް ފޯރުކޮށްދިނުމަށް އެމްޓީސީސީން މަސައްކަތްކުރާކަަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

comment ކޮމެންޓް