ސަރުކާރުން ކުދިމެދުފަންތީގެ ވިޔަފާރިތަކާ ދެކޮޅަށް 'ހަނގުރާމަ' އިއުލާނުކޮށްފި: އަމީރު

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވާހަކަދައްކަވަނީ: ވިދާޅުވީ ސަރުކާރުން ކުދިމެދުފަންތީގެ ވިޔަފާރިތަކާ ދެކޮޅަށް 'ހަނގުރާމަ' އިއުލާނުކޮށްފި ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ދެކޮޅަށް 'ހަނގުރާމަ' އިއުލާނުކޮށްފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅުން އެންމެ ބޮޑަށް ތުހުމަތުކުރާ އެއް ކަމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މި ސަރުކާރުން މާ ބޮޑު އަޅާލުމެއް ނުދިނުމެވެ. އޭގެ ސަބަބުން އެ ވިޔަފާރިތައް ހުއްޓުމަކަށް އަންނާތީ އެމްޑީޕީން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. ހަމައެއާއެކު ޕްރައިވެޓް ކުންފުނިތަކަށް މަޝްރޫއުތައް ނުދީ، ހަމައެކަނި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މަޝްރޫއުތައް ދިނުމަކީ ވެސް އެފަދަ ވިޔަފާރިތައް ނުހިނގާނެ ކަމެއް ކަމަށް އެ ޕާޓީން ބުނެއެވެ.

މީގެ އިތުރުން, ސަރުކާރުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ކޮށްފައިވާ މަސައްކަތްތަކަށް ދައްކަންޖެހޭ 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށާއި، އެ ފައިސާ މިހާރު ދޫކުރަން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި އަހަރުގެ ޖަނަވަރީ ހަތެއްގައި ވިދާޅުވެފައެވެ. ނަމަވެސް އަދިވެސް އެ ފައިސާ ދޫކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.

https://sun.mv/201086

'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ، ރައީސް މުއިއްޒު ނުކުމެވަޑައިގެން ރާއްޖޭގެ ވިޔަފާރިވެރިންނާ ޖައްސާލުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

މިއަދު ރާއްޖޭގެ އިގުތިސާދީ އަދި މާލީ ސިޔާސަތު ވަނީ ފެއިލްވެ، 'ފާލުން ނެއްޓިފައިވާ' ކަމަށް އަމީރު ސިފަކުރެއްވިއެވެ. އިގުތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގާބިލުކަމެއް މި ސަރުކާރުގައި ނެތުމުން، ސަރުކާރުން ނުކުމެ ވިޔަފާރިތަކާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުމަކީ ނުރައްކަލެއް ކަމަށް އަމިރު ވިދާޅުވިއެވެ.

ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ އެތައް ބިލިއަން ރުފިޔާ ނުދީ ހިފަހައްޓައި، ވިޔަފާރިތައް ވަނީ ބަނގުރޫޓުކޮށްލާފައި ކަމަށާއި، ލޯނު ލިބުންވަނީ ދަތިވެފައި ކަމަށް އަމީރު ވިދާޅުވިއެވެ. އަދި، ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަނީ މަތިވަމުން ކަމަށް އަމީރު ވިދާޅުވިއެވެ. ހަމައެއާއެކު ސަރުކާރުގެ އަމަލުތަކުން އެނގިގެންދަނީ އެ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ވިސްނުމެއް ވެސް ނެތްކަން ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ އުފެއްދުންތެރިކަމުގެ ހިސާބުތަކަށް ބަލާއިރު، ސީދާ ސަރުކާރުން އުފެއްދުންތެރިކަމަށް 'ކޮންޓްރިބިއުޓް' ކޮށްފައި ހުރީ 8.6 އިންސައްތަ ކަމަށާއި، އެއީ ޖުމްލަ 101 ބިލިއަން ރުފިޔާގެ ތެރެއިން 8.8 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ގައުމީ އުފެއްދުންތެރިކަމުގެ 91.4 އިންސައްތަ 'ވެލިއު އެޑް' ކުރަނީ ސީދާ ޕްރައިވެޓް ސެކްޓަރުގެ މަސައްކަތުންކަން ފާހަގަކުރެއްވިއެވެ.

ޕްރައިވެޓް ސެކްޓަރުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ވަނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަލާކުކޮށްލުން. އަދި އޭގެ ބަދަލުގައި ސަރުކާރުން މިހާރު ކުރަމުންދާ އިސްރާފަށް ޖާގަދިނުން،
އިބްރާހީމް އަމީރު ވަނީ ސަރުކާރުގެ ޚަރަދު ކުޑަކުރުމެއްނެތި، ސިޔާސީ މުވައްޒަފުން ހައްދެއް ނެތި އިތުރުކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި، އެގޮތަށް ވިޔަފާރިވެރިންނާއި 'ޖައްސާލުމަކީ' އިގުތިސާދަށް މި ސަރުކާރުން ގަސްތުގައި ދޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އަމީރު ވިދާޅުވިއެވެ.

comment ކޮމެންޓް