މާލެއިން ކަރަންޓު ދިޔަ މައްސަލަ ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ އަންގަވައިފިއެވެ.
މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ދިޔައީ މިއަދު މެންދުރު 12:35 އެހާކަންހާއިރެވެ.
އެ ކަމާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަން ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާ ކަމަށެވެ.
"އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން," ރައީސްގެ ޕޯސްޓުގައިވެއެވެ.
ކަރަންޓުގެ ޚިދުމަތް އަލުން ދޭން ސްޓެލްކޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކަރަންޓު ކެނޑުނު ތަންތަނުގެ ތެރެއިން އެންމެ އިސްކަމެއް ދީގެން އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ކަރަންޓު ދީފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި މާލޭ ސަރަހައްދުން ކަރަންޓު ކެނޑުނީ ހުޅުމާލޭ އިންޖީނު ގެއަށް ދިމާވި މައްސަލައެއްގެ މާލޭ އިންޖީނުތަކަށް ބާރުބޮޑުވެގެންނެވެ. މި ކަމާ ގުޅިގެން ސްޓެލްކޯއިން ރަސްމީކޮށް ބަހެއް ނުބުނި ނަމަވެސް ވީހާ ވެސް އަވަހަށް މައްސަލަ ހައްލުކުރަން މަސައްކަތްކުރާ ކަމަށް ވަނީ ބުނެފައެވެ.
މާލޭ ސަރަހައްދަށް އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ އިރެއް ނޭނގެއެވެ.