ގާތްގަނޑަކަށް ދެގަޑިއިރެއްހާއިރު ފަހުން މާލޭގެ 53 އިންސައްތަ ސަރަހައްދަށް ކަރަންޓު ލިބެން ފަށައިފިއެވެ.
ކަރަންޓު ކެނޑުނީ މިއަދު މެންދުރުފަހު 12:30 ހާއިރެވެ.
"މިވަގުތު މުޅި މާލެއާއި ހުޅުމާލެ އޮތީ ބްލެކްއައުޓެއްގައި،" ސްޓެލްކޯއިން ބުންޏެވެ.
ކަރަންޓު ކެނޑުނުތާ ގަޑިއިރެއްފަހުން، 13:30 ހާއިރު ބުނީ ޓޯޓަލް ބްލެކްއައުޓަކަށް ވާތީ، މިހާރު ކުރަނީ ގްރޭޓާ މާލެ ގްރިޑް އެނަޖައިޒްކުރުމުގެ ކުރިން އިންޖީނުތަކުގެ ޗެކަޕް ހެދުމުގެ މަސައްކަތް ކަމަށެވެ. ޗެކަޕް ނިމުމުން، ޖެންސެޓުތައް އެނަޖައިޒްކުރާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ، މިހާތަނަށް ކަރަންޓު ދެވުނީ މާލޭގެ 53 އިންސައްތައަށް ކަމަށެވެ. ބާކީ ބަޔަށް ކަރަންޓު ދެވޭނީ ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑަށް ދިމާވި މައްސަލަ އެނަލައިޒްކުރެވުމުން ކަމަށާއި އެ މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެއާއެކު ދެންމެ ސްޓެލްކޯއިން ބުނީ، މިހާރު ބައެއް ސަރަހައްދުތަކަށް ކަރަންޓު ދީފައިވާކަމަށާއި، ނުލިބި ހުރި ތަންތަނަށް ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
މުޅި މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމާއެކު މި ތަންތަނުގެ ސްކޫލުތަކުގެ ކިޔެވުން މެދުކަނޑައިލައި، ދަރިވަރުން ވެސް ވަނީ ގެއަށް ފޮނުވައިލައިފައެވެ.
ކުއްލި ގޮތަކަށް މުޅި، މާލެއާއި ހުޅުމާލެއިން ކަރަންޓު ދިޔުމާއެކު ހޮސްޕިޓަލްތައް ފަދަ މުހިންމު ތަންތަނުން ވެސް ކަރަންޓު ދިޔައެވެ. ކަރަންޓު ކެނޑުނު ތަންތަނުގެ ތެރެއިން އެންމެ އިސްކަމެއް ދީގެން އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ކަރަންޓު ދިން ކަމަށް ސަރުކާރުން ބުންޏެވެ.
މި ކަން ސީރިއަސް މައްސަަލައެއްގެ ގޮތުގައި ބަލަން ވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އަންގަވައިފައެވެ.
"އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން," ރައީސްގެ ޕޯސްޓުގައިވެއެވެ.
މި ކަމާ ގުޅިގެން ފުލުހުން ވެސް އަންނަނީ، ޚާއްސަ ތަހުގީގެއް ހިންގަމުންނެވެ.