މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ, ފާތިމަތު ނަހުލާގެ 'ސޮރީ'ގެ ބެލުންތެރިންނަށް ފިލްމު ބެލުމުގެ ކުރީން ވަރުގަދަ އިންޒާރެއް ދީފިއެވެ.
މިއީ ނަހުލާގެ ފޭނުން ބަލަން ކެތްމަދުވެފައިވާ ފިލްމަކަށްވާއިރު، ފިލްމު ރިލީޒް ކުރާ ތާރީޚު ކައިރިވާއިރު ޕްރޮޑަކްޝަނުން އަންނަނީ ފިލްމުގެ ގިނަ ޓްރެއިލަރާއި އެ ނޫން ވެސް ޕްރޮމޯޝަނަލް ތަކެތި އާންމުކުރަމުންނެވެ.
ސޮރީއަކީ ބެލުންތެރިންނަށް ވަރަށް އަސަރު ކުރާނެ ފިލްމެއް ކަމަށް ޕްރޮޑަކްޝަނުން ބުނާތާ ދުވަސްތަކެއް ވެއްޖެއެވެ. މި ފިލްމަކީ ބެލުންތެރިން ހަނދާނުން ނެތިގެން ނުދާނެ ވަރު ފިލްމެއް ކަމަށް ނަހުލާ ވެސް އެކި ފަހަރު މަތީން ބުނެފައިވެއެވެ.
ދާދި ފަހުން ޕްރޮޑަކްޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ފިލްމު ބެލުންތެރިންނަށް ވަރުގަދަ އިންޒާރުތަކެއް އެބަ އޮތެވެ. އެގޮތުން, މި ފިލްމަކީ ހިތަށް ތަދުކޮށްލާނެ އެތައް މަންޒަރުތަކެއް ހުންނާނެ ފިލްމެއް ކަމުގައި ޕްރޮޑަކްޝަނުން ބުނެއެވެ.
އެހެންކަމުން ބެލުންތެރިން ޓިޝޫ ގެނައުމަށް ޕްރޮޑަކްޝަނުން ލަފާ ދެއެވެ. އަދި, ފިލްމުގެ ސަބަބުން ރޮވި މޭކަޕު ހަޑިވުން ފަދަ ކަންތައްތައް ވުމަކީ ޕްރޮޑަކްޝަނުން ޒިންމާ ނަގާނެ ކަމެއް ނޫން ކަމުގައިވެސް ބުނެއެވެ.
މި މަހުގެ 17 ވަނަ ދުވަހު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ މަރިޔަމް އައްޒައާއި ޔޫސުފް ޝަފީއުގެ އިތުރުން ނަހުލާގެ ހަގު ދަރިފުޅު ލާލިއާއި ނަހުލާގެ މާމަ ދަރިފުޅު އެވެލީއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ޝީލާ ނަޖީބާއި ހުސައިން ސޮބާހު ވެސް ފެންނާނެއެވެ.
ސޮރީއަކީ ނަހުލާ ފިލްމު ޕްރޮޑިއުސް ކުރުމުން ބޮޑު ބްރޭކެއް ނެގުމަށް ފަހު އާންމުންނަށް ދޫކޮށްލާ ފުރަތަމަ ފިލްމެވެ.
ނަހުލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެއް އެންމެ ފަހުން ނެރެފައިވަނީ 2017ވަނަ އަހަރެވެ. އެއީ، ލޯބީގެ ރަހަތައް ހިމެނޭ ފިލްމު "ބޮސް"އެވެ. އެއަށް ފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފައެވެ. "ހުވާ" ކިޔާ މި ޝޯ 2018 އިން 2020އަށް ދެއްކިއެވެ.