"މީރާގެ ސެންޓަރުގެ އަގުތައް ފެނިފައި ވެސް ބަލި ރަނގަޅުވާނެ"

ބޮލީވުޑް އެކްޓަރު ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުތް--ފޮޓޯ/ފޭސްބުކް

ބޮލީވުޑް އެކްޓަރު ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުތު ދާދިފަހުން ހުޅުވި ވެލްނެސް ސެންޓަރު "ދުން ވެލްނެސް"އިން ދޭ ޚިދުމަތްތަކުގެ އަގު ފެނިފައި ވެސް ބަލި ރަނގަޅުވެއްޖެ ކަމަށް އާއްމުންގެ ގިނަ ބަޔަކު ބުނެފިއެވެ.

އަމިއްލަ ބިއުޓީ ލައިންއެއް ވެސް ތައާރަފްކޮށްފައިވާ މީރާ އަކީ އަމިއްލަ ނަފުސުގެ ދުޅަހެޔޮކަން އިސްކުރުމަށް އަބަދުވެސް ވަކާލާތުކޮށް އާއްމުން އެކަމަށް ހޭލުންތެރި ކުރުމަށް މަސައްކަތްކުރާ މީހެކެވެ.

އެގޮތުން މުމްބާއީގެ ހަލަބޮލި މާހައުލުން ސަލާމަތްވެ ހަމަހިމޭންކަން ހޯދުމަށް މީރާ ދާދިފަހުން ހުޅުވި "ދުން ވެލްނެސް" ސެންޓަރަކީ އެންމެ އެކަށީގެންވާ ތަން ކަމަށް މީރާ ވަނީ ބުނެފައެވެ. މިދިޔަ ހުކުރު ދުވަހު މި ސެންޓަރު ރަސްމީކޮށް ހުޅުވާފައިވާއިރު އެ ތަނުންދޭ ޚިދުމަތްތަކުގެ އަގުތައް ވެސް ވަނީ އާއްމުކޮށްފައެވެ.

މީރާ އަދި ޝާހިދު އިންޑިއާގެ ކުރީގެ ބަތަލާ ރޭކާއާ އެކު 'ދުން ވެލްނެސް' ސެންޓަރުގައި--ފޮޓޯ/ހިންދުސްތާންޓައިމްސް

މިއުޒިކާ އެކު ގުދުރަތީ ވަސީލަތްތައް ބޭނުންކޮށް އަމިއްލަ ނަފުސުގެ ދުޅަހެޔޮކަން އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުން ހުޅުވި މި ސެންޓަރުގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުގައި ހަމައެކަނި ފަސް ދުވަހުގެ ޕްރޮގްރާމެއް ނިންމާލާއިރު 1.75 ލައްކަ ރުޕީސް (2،108.43 އެމެރިކާ ޑޮލަރު) ޚަރަދުކުރަން ޖެހެއެވެ.

މި ސެންޓަރުން ސްޓްރެސް މެނޭޖްމަންޓް ސެޝަންތައް ނަގައިދޭ އަގު ފެނުމުން ހުރިހާ ސްޓްރެސްތައް ފިލާފައިވާ ކަމަށް ވެސް އިންޓަނެޓުގައި މިކަމާ ގުޅިގެން ކުރިއަށްދިޔަ ބަހުސެއްގައި މީހަކު ވަނީ ބުނެފައެވެ.

މީގެކުރިން ވެސް އާއްމުންގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައިވާ މީރާ ކަޕޫރު، ހުޅުވު ސެންޓަރަކީ ހަމައެކަނި އިންޑިއާގައި މިލިއަން އާމްދަނީ ލިބޭ މީހުންނަށް ހުޅުވި ތަނެއް ކަމަށާއި މިއީ އާއްމުންނަށް އެހީތެރިވުމުގެ މަޤްސަދުގައި ހުޅުވި ތަނެއް ނޫން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް