ޕޮލިސް ކޮމިޝަނަރުކަމަށް ކުރިމަތިލީ ނަވީން، ފަރުހާދު އަދި ޝަމީމް

ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވި ތިން ބޭފުޅުން: ކޮމިޝަނަރަކު އައްޔަންކުރައްވާނީ ރައީސް --

ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ވަގުތު ހަމަވީއިރު، އެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ވަގުތު ހަމަވީ، މިއަދު 12:00ގައެވެ. މި ވަގުތު ހަމަވީއިރު މަގާމަށް ކުރިމަތި ލައްވާފައިވަނީ:

  • މިހާރު ވަގުތީގޮތުން ފުލުހުންގެ އިދާރާ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން
  • ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ
  • ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް

މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވައިލީ، މިދިޔަ އަންގާރަ ދުވަހުއެވެ. ހޯމް މިނިސްޓްރީން ކުރި އިންޓާނަލް އިއުލާނެއްގައި ވަނީ، މި މަގާމަށް ކުރިމަތި ލެވޭނީ ފުލުހުންގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު ކަނޑައެޅުމުގެ ކުރިން، އެ މަގާމަށް ކުރިމަތިލާ މީހުންނާ ޕޮލިސް ބޯޑުން އިންޓަވިއުކުރެއެވެ. އެއަށް ފަހު ކޮމިޝަނަރަކު އައްޔަން ކުރާނީ މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީމް މަހުގެ 26ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އޭނާ އިސްތިއުފާދެއްވީ، މިދިޔަ މާޗު މަހުގެ 18ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތަށް ފާޑުކިޔުން އަމާޒުވެ، ޝުޖާއުގެ އިސްތިއުފާއަށް ޒުވާނުން ގޮވާލައިފައި ވަނިކޮށެވެ.

https://sun.mv/205245

ޝުޖާއު އިސްތިއުފާ ދެއްވުމުން އެންމެ ފުރަތަމަ އެކްޓިން ކޮމިޝަނަރަކަށް އައްޔަން ކުރެއްވީ ފަރުހާދު ފިކުރީއެވެ. ނަމަވެސް, އޭގެ ގަޑިއިރެއް ފަހުން ވަނީ އޭނާގެ އަތުން މަގާމު ނަގައި އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އައްޔަން ކުރައްވައިފައެވެ.

މި ސަރުކާރުން އެންމެ ފުރަތަމަ ޕޮލިސް ކޮމިޝަނަރަކަށް ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ވާދަ ކުރެއްވީ ވެސް ޝުޖާއުއާއި ނަވީންއެވެ.

comment ކޮމެންޓް