ނިއުކްލިއާ އެއްބަސްވުމަކަށް ދެވޭނީ ފިޔަވަޅުތައް ލުއި ކޮށްދޭނެ ކަމުގެ ޔަގީންކަން ދިނުމުން: އީރާން

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލު ބަޣާއީ. ފޮޓޯ/އޭއެފްޕީ

އީރާނާއެކު ނިއުކްލިއާ އެއްބަސްވުމަކަށް އަލުން އައުމަށް ބޭނުންނަމަ، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ކަމުގެ ޔަގީންކަން އެމެރިކާއިން ދޭން ޖެހޭ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ އެގޮތަށް ވިދާޅުވީ އާ އެއްބަސްވުމަކަށް ދިއުމަށް އެމެރިކާއިން ހުށަހަޅާފައިވަނިކޮށެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެ ހުށަހެޅުމަށް އީރާނުން ނުރުހެއެވެ.

"އެމެރިކާ ފަރާތުން މިކަމުގައި ބޭނުންވާ ތަފުސީލާއި ޔަގީންކަން އަދި ނުދޭ،" އޭނާ ވިދާޅުވިއެވެ.

ނިއުޔޯކް ޓައިމްސްއާ ހަވާލާދީ ބައެއް މަސްދަރުތަކުން ބުނެފައިވާ ގޮތުގައި އެމެރިކާއިން ހުށަހެޅި ހުށަހެޅުމުގައި އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުން ޝަރުތެއްގެ ގޮތުގައިވެއެވެ.

ނަމަވެސް އީރާނުން "ސުލްހަވެރި" ބޭނުމަކަށް ޔޫރޭނިއަމް މުއްސަނދިކުރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެ ގައުމުން ބުނެއެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން ހަތް ހަފުތާގެ މަޝްވަރާތަކެއް ދެ ފަރާތުން ކުރިއަށް ގެންގޮސްފައިވާއިރު، އެ އެއްބަސްވުން ސުލްހަވެރި ގޮތެއްގައި ނިންމުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެމެރިކާއިން ބުނެއެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި އީރާނަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް ބޮޑު ގެއްލުންތަކެއް ލިބިފައިވާއިރު، އާ ނިއުކްލިއާ އެއްބަސްވުމާއެކު ލުޔެއް ލިބޭނެ ކަމަށް އެ ގައުމުން އުއްމީދު ކުރެއެވެ.

އެހެންވެ، އެއްބަސްވުމެއް ހެދުމުގެ ކުރިން، ފިޔަވަޅުތައް އުވާލުމާ ގުޅޭ ތަފުސީލުތައް ދިނުމަށް އީރާނުން ދަނީ އެދެމުންނެވެ.

އީރާނާއެކު ހަދައިފައިވާ ނިއުކްލިއާ އެއްބަސްވުން ބާތިލުކުރީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައި، 2018 ވަނަ އަހަރެވެ. އެއީ އީރާނުން އެއްބަސްވުމާ ޚިލާފުވާ ކަމަށް ބުނެއެވެ. ނަމަވެސް ދެވަނަ ދައުރު ފެށުމަށް ފަހު ޓްރަމްޕްގެ ސަރުކާރުން އަންނަނީ އެއްބަސްވުން އަލުން ހެދުމަށް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް