ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ހުޅުވައިފި

ރާއްޖޭގައި އޮސްޓްރޭލިއާ ހައިކޮމިޝަން ހުޅުވަނީ ---- ސަން ފޮޓޯ/ މޫސާ ނަދީމް

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ހުޅުވައިފިއެވެ.

އޮސްޓްރޭލިއާގެ ހައި ކޮމިޝަން ހޮޓެލް ޖެންގައި މިއަދު ހުޅުވައިދެއްވީ އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސްއާއި ރާއްޖޭހެ އެގްރިކަލްޗާ އެންޑް އެނިމަލްވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮތީ، އެއް ގައުމަށް އަނެއް ގައުމަށް އިޙުތިރާމު ކުރުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމަށާއި ރާއްޖޭގައި އެ ގައުމުގެ ހައި ކޮމިޝަނެއް ގާއިމުކުރުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

މިނިސްޓަރު މަރިޔަމް މާރިޔާ ---- ސަން ފޮޓޯ/ މޫސާ ނަދީމް

އޮސްޓްރޭލިއާއިން ރާއްޖެއަށް އެހީތައް ވަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ، ކަނޑުމަތީގެ ސަލާމަތާއި ތައުލީމާއި ސިއްހީ ދާއިރާއިން ފޯރުކޮށްދޭ އެހީ ފާހަގަކުރައްވައިފައެވެ.

އެ ރަސްމިއްޔާތުގައި މާލްސް ވިދާޅުވީ، އެ ގައުމުގެ ހައި ކޮމިޝަނެއް ރާއްޖޭގައި ހުޅުވުމަކީ ދެ ގައުމުން ގުޅުން ބަދަހިކުރަން ބޭނުންވާ ކަމުގެ ހެއްކެއް ކަމަށެވެ.

ރާއްޖޭގައި އޮސްޓްރޭލިއާ ހައިކޮމިޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ މޫސާ ނަދީމް

އެގޮތުން، ތައުލީމާއި ތަމްރީނު ކުރުމުގެ ދާއިރާއިން އެގައުމުން ގިނަ އެހީތަކެއް ރާއްޖެއަށް ވެފައިވާ ކަމަށާއި ދިފާއީ ދާއިރާއިން ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމާއި އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ޖޭސަޕް ވެސް ބައިވެރިވަޑައިގަތެވެ.

އިއްޔެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތް މާލްސްގެ ދެ ދުވަހުގެ ދަތުރުފުޅުގައި، އޮސްޓްރޭލިއާގެ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް ގާޑިއަން-ކްލާސް ޕެޓްރޯލް ބޯޓެއް ހަދިޔާކުރާކަން ވަނީ އިއުލާން ކުރައްވައިފައެވެ.

https://sun.mv/206806

ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓުތަކަކީ އޮސްޓްރޭލިއާގައި ޑިޒައިންކޮށް ހަދާފައިވާ، ކުދި ޕެޓްރޯލް އުޅަނދުތަކުގެ ބާވަތެކެވެ. އޮސްޓްރޭލިއާ ސަރުކާރުގެ 'ޕެސިފިކް މެރިޓައިމް ސެކިއުރިޓީ ޕްރޮގްރާމް'ގެ ދަށުން ދެކުނު ޕެސިފިކް ކަނޑުގެ ކުދި ގައުމުތަކަށް އެ ބޯޓުތައް ދަނީ ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން މާލްސް ވަނީ، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާ ބައްދަލުކުރައްވައި ދެ ގައުމުގެ ދިފާއީ ގުޅުން ވަރުގަދަކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.

comment ކޮމެންޓް