ޙައްޖުގެ އަޅުކަން އަދާކުރުމަށް ވިޒިޓް ވިސާގައި 108 މީހަކު މައްކާއަށް ވައްދަން އުޅުނު މައްސަލައިގައި 3 މީހުން ހައްޔަރުކޮށްފިއެވެ.
ގަވާއިދާ ހިލާފުވި މީހުން އެތެރެކުރަން މަސައްކަތް ކުރީ ބޮޑެތި އުޅަނދުތަކުގެ ތެރޭގައި ހުރި ކޮމްޕާޓްމެންޓްތަކުގައި ފޮރުވައިގެންނެވެ. ސައުދީ ގެޒެޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމީހުންނާ ދެކޮޅަށް ގާނޫނީ އަދަބުތައް ތަންފީޒު ކުރުމަށް ކަމާބެހޭ އިދާރާތަކަށް މިހާރު ވަނީ ފޮނުވާފައެވެ.
މީގެ އިތުރުން ސައުދީގެ އިންޓީރިއާ މިނިސްޓްރީން ވަނީ ޙައްޖުގެ ގަވާއިދާ ހިލާފުވެގެން 17 މީހަކަށް ފިޔަވަޅު އަޅާފައެވެ.
ޙައްޖު ހުއްދަ ނެތި 54 މީހަކު މައްކާއަށް ވައްދަން އުޅުނު ސައުދީގެ 11 މީހުންނާއި ސައުދީގައި ދިރިއުޅޭ ހަ މީހުން ވެސް ވަނީ ހައްޔަރުކޮށްފައެވެ.
މިނިސްޓްރީން ވަނީ އެކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް އަދަބު ކަނޑައަޅާފައެވެ. އޭގެތެރޭގައި ޖަލަށްލުމާއި، 100،000 ސައުދީ ރިޔާލާ ހަމައަށް ޖޫރިމަނާކުރުމާއި، ގަވާއިދާ ހިލާފުވި މީހުންގެ އައިޑެންޓިޓީ އާންމުކޮށް ހާމަކުރުން ހިމެނެއެވެ.
އެ ކަމުގައި ބައިވެރިވި ސައުދީގައި ދިރިއުޅޭ މީހުން ވަނީ 10 އަހަރަށް ޑީޕޯޓުކޮށްފައެވެ. ހުއްދަ ނެތި ޙައްޖުގެ އަޅުކަން އަދާކުރުމަށް މަސައްކަތް ކުރާ ފަރާތްތައް 20،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. ހުރިހާ ރައްޔިތުން ވެސް ޙައްޖުގެ ގަވާއިދުތަކަށް ތަބާވުމަށް އިންޓީރިއާ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.