މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި އދ. މާމިގިލިން ފަސް މީހަކު އިއްޔެ ހައްޔަރުކޮށްފިއެވެ.
މި މައްސަލަގައި ހައްޔަރުކުރި މީހުންނަކީ:
- އދ. މާމިގިލީ، ރޯޅި، މުޙައްމަދު ޝަހުދު (27އ)
- އދ. މާމިގިލި، ވިލެޖް، އަޙުމަދު ފިރުޝާން (28އ)
- އދ. މާމިގިލި، ރީފްސައިޑް، ރިސްވާން އިބްރާހީމް (30އ)
- އދ. މާމިގިލި، އެވަރެސްޓް، އަލީ ޝާނީޒް (39އ)
- އދ. މާމިގިލި، ކުވައިތު، މުޙައްމަދު މަޙްމޫދު (34އ)
ފުލުހުން ބުނީ، އެ މީހުންނާ ގުޅޭ ހަތް ތަނެއް އޮޕަރޭޝަންގެ ތެރެއިން ބަލައިފާސްކުރިއިރު، އެ ތަނުން 9.6 ގުރާމުގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ރިސްވާނާއި މަޙްމޫދު 15 ދުވަހަށް ބަންދުކުުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި، ފިރުޝާނާއި ޝަހުދުގެ އިތުން ޝާނީޒް ބަންދުކުރުމަށް އަމުރުކުރީ ފަސް ދުވަހަށް ކަމަށް ފުލުހުން ބުންޏެވެ.
މި ސަރުކާރުގެ އަމާޒުތަކުގެ ތެރޭގައި، މަސްތުވަތަކެތީގެ މައްސަލައެއް ދާއިމީ ހައްލެއް ހޯދުން ހިމެނެއެވެ. އެ މަސައްކަތަށް މި އަހަރު ނިމޭ އިރުވެސް ބޮޑު ކާމިޔާބީއެއް ލިބޭނެކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ދެއްވާފައެވެ.
ހޯމް މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ މަސްތުވާތަކެތީގެ ބޮޑެތި ވިޔަފާރިވެރިންގެ ސަޕްލަޔަރުންތައް ހޯދައިގެން، އެ ވިޔަފާރީގެ އެންމެ ފުނުގައި ތިބި މީހުންނާމެދު ފިޔަވަޅު އެޅުމެވެ.