މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އިންތިޚާބުވެވަޑައިގެންފިއެވެ.
ސްވިމިން އެސޯސިއޭޝަންގެ ރައީސްކަން ވެސް އަދާކުރައްވަމުން އަންނަ ޗަމްޕީ، އެމްއޯސީގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވީ 2025-2029 ގެ ނިޔަލަށެވެ.
މީރުމާގައި ބޭއްވި އެމްއޯސީގެ އިންތިޚާބުގައި މެންބަރު 14 އެސޯސިއޭޝަނަކުން ބައިވެރިވިއިރު އެތުލީޓން ތަމުސީލުކުރާ ކޮމިޝަނުގެ މެންބަރުން ވެސް ބައިވެރިވިއެވެ.
ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުުމަށް އޭޕްރީލް 22 އިން ފެށިގެން ހުޅުވާލި ފުރުސަތުގައި ރައީސްކަމަށް ކުރިމަތިލެއްވީ ޗަމްޕީ އެކަންޏެވެ. އެހެންކަމުން އޮލިމްޕިކް ކޮމިޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ސައްތާރަށް މަގާމުގައި ދެވަނަ ދައުރެއް ލިބިވަޑައިގެންނެވީއެވެ.
ސްވިމިން އެސޯސިއޭޝަންގެ ރައީސްކަން ހަތަރުވަނަ ދައުރު މިހާރު ފުރުއްވަމުން އަންނަ ޗަމްޕީ އެމްއޯސީގެ ރައީސްކަމުގެ ފުރަތަމަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވީ 2021 ވަނަ އަހަރުގައެވެ. އެ ފަހަރު އިންތިޚާބު ކާމިޔާބުކުރީ މޫސާ ނާޝިދާ ވާދަކޮށްގެންނެވެ.
މީގެ އިތުރުން، 2025-2029 ގެ އައު ދައުރަކަށް އެމްއޯސީގެ މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބުގައި ނައިބު ރައީސްކަމަށް އިންތިޚާބުކޮށްފައިވަނީ ޗެސް އެސޯސިއޭޝަންގެ ފަރާތުން ވާދަކުރި އަހުމަދު މުންތަގިމާއި ހޭންޑްބޯލް މޯލްޑިވްސްގެ ފަރާތުން ވާދަކުރި އަޙްމަދު އިސްމާއިލެވެ. މުންތަގިމް އަދި އަޙްމަދު އިންތިޚާބުވިއިރު ނައިބު ރައީސްކަމަށް ދެން ވާދަކުރެއްވީ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުސްތަފާ މުހައްމަދު (މުސްތޮ) އެވެ. އަހުމަދަށް 15 ވޯޓު ލިބުނުއިރު މުންތަގިމްއަށް ލިބުނީ 12 ވޯޓެވެ. އަދި މުސްތަފާއަށް ލިބުނީ ތިން ވޯޓެވެ.
އެމްއޯސީގެ ރައީސްކަމަށް އިންތިޚާބުވި ސައްތާރުގެ ފުރަތަމަ ދައުރުގެ ތެރޭގައި ރާއްޖޭން ވަނީ 2023 ވަނަ އަހަރު މަޑަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން 28 މެޑަލް ހޯދާފައެވެ. އަދި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކޮށް މެޑަލްއެއް ހޯދާފައެވެ.