މާލީ ލުއިތައް ތަންފީޒުވެއްޖެނަމަ އިންޑިއާ ފަތުރުވެރިންގެ އަދަދު 20 ޕަސެންޓުން އިތުރުވާނެ: ސަފީރު

ފައިސާގެ މުއާމަލާތްތަކަށް ބޭނުންކުރާ އިންޑިއާގެ ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫޕީއައި) ފަދަ ކަންކަން ތައާރަފްވުމާއެކު ރާއްޖެއަށް އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު، މިހާރަަށްވުރެ 20 ޕަސެންޓުން އިތުރުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޖީ.ބަލަސުބްރަމާނިއަން ވިދާޅުވެއްޖެއެވެ.

"ސަން"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި، ސަފީރު ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތި ކަމަކީ، ރާއްޖެއަށް ފަތުރުވެރިންގެ ޝައުގު ހުއްޓޭ އެންމެ މައި ސަބަބު ކަމާމެދު ޝައްކުނުކުރައްވާ ކަމަށެވެ.

އެއާއެކު ވެސް، އެއްވަނައިގައި އޮތުމަށްފަހު ދަށަށް ގޮސްފައިވާ އިންޑިއާ މާކެޓު ކުރިއެރުވުމަށް ޓަކައި، މާލީ ގޮތުން ލިބޭ ލުއިތަކަކީ ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

އެގޮތުން، ލޯކަލް ކަރަންސީ ސެޓަލްމަންޓާއި، ޔޫޕީއައި ފަދަ ޚިދުމަތްތައް ރާއްޖޭގައި ފެށިއްޖެނަމަ 20 ޕަސެންޓުގެ އިތުރުވުމަކުން، އިންޑިއާ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު މަތިވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސަފީރު ވިދާޅުވިއެވެ.

"މި ޚިދުމަތްތައް ގާއިމްވެއްޖެ ނަމަ އަޅުގަނޑަށް ވަގުތުން އެބަ ފެނޭ، ވަރަށް ރަނގަޅު މަތިވުމެއް، އެންމެ މަދުވެގެން 15 އާއި 20 ޕަސެންޓާ ދެމެދުގެ އަދަދަކަށް އިންޑިއާއިން ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަން،" ސަފީރު ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޖީ.ބަލަސުބްރަމާނިއަން ---

ހަމައެއާއެކު ފަތުރުވެރިން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާމެދު، އެމްއެމްޕީއާރްސީއާ އެކު މިފަހުން ބޭއްވި ބައްދަލުުވުންތަކުގައި، ރާއްޖޭގެ ފުޑް ފެސްޓިވަލެއް އިންޑިއާގައި ބޭއްވުމާއި، އިންޑިއާގެ މެދުފަންތީގެ އެކި ވިޔަފާރިތަކާ ގުޅިގެން މަސައްކަތް ކުރުން ފަދަ ކަންކަމާމެދު މަޝްވަރާ ކުރެވުނު ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.

އިންޑިއާގެ ފަތުރުވެރިންގެ މާކެޓު އިތުރުވަމުން އަންނަަކަމަށާއި، އެ ކަމަށް ޓަކައި އެމްއެމްޕީއާރްސީން މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

އެގޮތުން ފާއިތުވި އަހަރެއް ތެރޭ، އިންޑިއާގެ އެކި ސަރަހައްދުތަކުގައި ރޯޑްޝޯތައް ބޭއްވި ކަަމަށާއި، ވަރަށް އަވަހަށް އިންޑިއާއިން، ރާއްޖެއަށް ޓޫރިޒަމް އެމްބެސެޑަރަކު ކަނޑައެޅުމާމެދު ވެސް މަޝްވަރާތަކެއް ކުރެވުނު ކަމަށް ސަފީރު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތަށް އިފްތިތާހުކުރައްވައިފައިވެއެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްތަކުން ރުޕޭ ކާޑު ބޭނުންކުރެވޭނެއެވެ.

https://sun.mv/198130

ޔޫޕީއައިގެ ޚިދުމަތަށް ކުރަން ޖެހޭ ކަންކަން ފެށުމަށް ނިންމެވީ މިދިޔަ އަހަރުގެ އޮކްޓޯބަރު 20ވަނަ ދުވަހެވެ.

އިންޑިއާގެ ޓޫރިސްޓުން އެންމެ ގިނައިން ރާއްޖެ އަންނަނީ އެންމެ މުހިންމު ދުވަސްވަރެވެ. އެއީ ޔޫރަޕުގެ މާކެޓްތަކުން އަންނަ ޓޫރިސްޓުންގެ އަދަދު ދަށަށް ދާ ދުވަސްވަރެވެ. ޔޫރަޕުގެ ޓޫރިސްޓުން ފިނި މޫސުމުގައި ގިނައިން ރާއްޖެ އަންނައިރު އިންޑިއާގެ ޓޫރިސްޓުން ގިނައިން އަންނަނީ ހޫނު މޫސުމުގައެވެ. ނުވަތަ ރާއްޖޭގެ އޮފް ސީޒަންގައެވެ. މީގެ ސަބަބުން އޮފް ސީޒަންގެ މުއްދަތުތަކުގައި ފަތުރުވެރިކަމުގެ ޙަރަކާތްތަކާއި އާމްދަނީ ދެމެހެއްޓުމަށް އިންޑިއާގެ ފަތުރުވެރިން އެހީތެރިވެދެއެވެ. އެކަން ވަނީ އިންޑަސްޓްރީއަށް ވަރަށް ވެސް މުހިންމު ކަމަކަށެވެ.

އިންޑިއާއަކީ 2021 ވަނަ އަހަރާއި 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. އެއީ، އަހަރެއްގެ މައްޗަށް ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކޮށްގެންނެވެ.

ނަމަވެސް ސަރުކާރުގެ އިސް ބޭފުޅުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާހެން ވާހަކަ ދެއްކުމުން، މި ވެރިކަމުގެ ކުރީކޮޅު ދެ ގައުމުގެ ގުޅުން ގޯސްވެ، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް މަދުވީއެވެ.

comment ކޮމެންޓް