ސިންގަޕޫރާއި ޓިމޯ ލެސްޓޭ މެޗަށް ގައުމީ ޓީމު ފުރައިފި

ފުރުމުގެ ކުރިން ގައުމީ ފުޓުބޯޅަ ޓީމު ބަސް ޓާމިނަލުގައި-- ސަން ފޮޓޯ: މާނިއު މުޙައްމަދު

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗާއި، އެ މެޗުގެ ކުރިން ސިންގަޕޫރުގައި ކުޅެން ތާވަލުކޮށްފައިވާ އެކުވެރިކަމުގެ މެޗަށް ގައުމީ ފުޓުބޯޅަ ޓީމު ފުރައިފިއެވެ.

ސިންގަޕޫރުގައި ކުޅޭ އެކުވެރިކަމުގެ މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ ބުރާސްފަތި ދުވަހަށެވެ. އެ ގައުމުގައި ޖުމްލަ ފަސް ދުވަސް މަޑުކުރުމަށްފަހު ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗަށް ގައުމީ ޓީމު ދަތުރުކުރާނީ އޮސްޓްރޭލިއާ އަށެވެ.

ފުރުމުގެ ކުރިން ގައުމީ ފުޓުބޯޅަ ޓީމު ބަސް ޓާމިނަލުގައި-- ސަން ފޮޓޯ: މާނިއު މުޙައްމަދު

މި މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ޖޫން 10 ގައެވެ. މިއީ ރާއްޖޭގެ ފުޓުބޯޅަ ތާރީޚުގައި އޮސްޓްރޭލިއާގައި ކުޅޭ ފުރަތަމަ މެޗެވެ. މެޗު ކުޅެނީ އޮސްޓްރޭލިއާގައި ޓިމޯ ލެސްޓޭގެ ގިނަ ބަޔަކު ދިރިއުޅޭ ސަރަހައްދެއްގައެވެ.

މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ ޑާވިންގައި ހުންނަ ޓެރިޓަރީ ރަގްބީ ލީގު ސްޓޭޑިއަމްގައެވެ. މިއީ 10،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. ނަމަވެސް މިއީ ރަސްމީ ފުޓުބޯޅަ މެޗުތައް ކުޅުމަށް އެހާ ގިނައިން ބޭނުންކުރާ ސްޓޭޑިއަމެއް ނޫނެވެ.

ރާއްޖެއާއި ޓިމޯ ލެސްޓޭ މެޗަކީ އަވޭ މެޗެކެވެ. އެހެން ނަމަވެސް ޓިމޯ ލެސްޓޭގައި ފީފާގެ މިންގަނޑުތަކަށް ފެތޭ ސްޓޭޑިއަމެއް މިވަގުތު ނެތެވެ. އެ ގައުމުގައި ފީފާ ފެންވަރުގެ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ފުރުމުގެ ކުރިން ގައުމީ ފުޓުބޯޅަ ޓީމު ބަސް ޓާމިނަލުގައި-- ސަން ފޮޓޯ: މާނިއު މުޙައްމަދު

ކޮލިފައިންގައި ރާއްޖޭން ކުޅެން ހަމަޖެހިފައިވާ ހަ މެޗުގެ ތެރެއިން ފުރަތަމަ ތިން މެޗު ކުޅޭނީ ރަށުން ބޭރުގައެވެ. މިދިޔަ މާރިޗް މަހު، ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ވަނީ ފިލިޕީންސް އަތުން 4-1ގެ ނަތީޖާއަކުން ބަލިވެފައެވެ.

ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ ދެވަނަ މެޗަށްފަހު ރާއްޖެ ކުޅޭ ތިންވަނަ މެޗުގައި އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހު ރަށުންބޭރުގައި ނިކުންނާނީ ތަޖިކިސްތާނާ ދެކޮޅަށެވެ.

comment ކޮމެންޓް