ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި ދަނޑުވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ އާބަން ފާބިންގެ ދެވަނަ މަޝްރުއާއެކު ދަނޑުވެރި ސްލޮޓްތަކާއި ޕްލާޒާ މިއަދު އިފުތިތާހުކޮށްފިއެވެ.
މިއީ ޖަޕާނުގެ ހިލޭ އެހީގައި ޔޫއެންޑީޕީ އާއި އެޗްޑީސީ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އާބަން ފާމިން ދެވަނަ މަޝްރޫއުގެ ޕްލާޒާ ހުޅުއްވައިދެއްވީ އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއެވެ.

އާބަން ފާމިންގެ ދެވަނަ ބުރާއެކު ދަނޑުވެރިންގެ ޕްލާޒާ އިފުތިތާހުކުރުން -- ފޮޓޯ/ އެޗްޑީސީ
މި މަޝްރޫއަކީ "ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވާމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމްއެސްއެމްއީސް" (ސީޑްސް) މަޝްރޫއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫއުކެވެ. މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުވެރިންނަށް ބޭނުންވާ ވަސީލަތްތަކާއި އެކަށީގެންވާ ޓްރެއިނިންގް ދިނުމުގެ އިތުރުން އެމީހުން ހައްދާ ބާވަތްތައް ވިއްކައި ދެމެހެއްޓެނިވި ގޮތެއްގެ މަތިން އާމްދަނީ ހޯދޭނެ މަގުފަހިކޮށްދިނުމެވެ.
އެގޮތުން، އާބަން ފާމިންގެ ދެވަނަ މަޝްރޫގެ ދަށުން ވަނީ 84 ދަނޑުވެރިން ތަމްރީނުކޮށް އެމީހުންނަށް ސެޓްފިކެޓް ހަވާލުކޮށްފައެވެ.

އާބަން ފާމިންގެ ދެވަނަ ބުރާއެކު ދަނޑުވެރިންގެ ޕްލާޒާ އިފުތިތާހުކުރުން -- ފޮޓޯ/ އެޗްޑީސީ
މިއަދު އިފުތިތާހުކުރި މަޝްރޫއުގެ ދަށުން ދަނޑު ހެއްދުމަށް 28 ސްލޮޓް ވަނީ ދޫކޮށްފައެވެ. މި ސްލޮޓުތައް ކައިރީގައި 28 ޕޮޕް އަޕް މާކެޓް ސްޓޯލް ގާއިމްކޮށްފައިވާއިރު މި ސްޓޯލްތަކުގެ ބޭނުމަކީ ދަނޑުވެރިން ހައްދާ ބާވަތްތައް ފަސޭހައިން ވިއްކޭނެ މަގުފަހިކޮށްދިނުމެވެ.
މި މަޝްރޫއު އިފުތިތާހު ކުރީ 2021ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.