އިޓާލިއަން ސެރީއާގެ އެންމެ ފާހަގަކޮށްލެވޭ އެއް ކްލަބް ކަމަށްވާ އިންޓާ މިލާންގެ ކޯޗުކަމުން ސިމޯނީ އިންޒާގީ ވަކިވެއްޖެެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން އިންޒާގީ މަގަމުން ވަކިވެފައިވަނީ ކްލަބްގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު ދެ ފަރާތުން ވެސް އެއްބަސްވެގެންނެވެ. އިންޒާގީ އިންޓާގެ ކޯޗުކަމުގެ މަގާމުން ވަކިވެފައިމިވަނީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕެރިސް ސެއިންޓް ޖާމެއިންއާ ބައްދަލުކޮށް 5-0 އިން ބަލިވިތާ ތިން ދުވަސް ފަހުންނެވެ.
ކުރިން 2021 ވަނަ އަހަރު އިންޓާގެ ކޯޗުކަމާ ހަވާލުވި އުމުރުން 49 އަހަރުގެ އިންޒާގީ ބުނި ގޮތުގައި ހަތަރު އަހަރުގެ ދަތުރަކަށް ފަހު އިންޓާއާ އަލްވަދާއު ކިޔަންޖެހޭ ވަގުތު އައިސްފިއެވެ. މި ހަތަރު އަހަރު އިންޓާއަށް ކާމިޔާބީ ހާސިލުކޮށްދިނުމަށްޓަކައި އޭނާއަށް ކުރެވުނު ހުރިހާ ކަމެއް ކުރިކަމަށް ވެސް އޭނާ ބުންޏެވެ.
އިންޒާގީ ބުނީ ވޭތުވެދިޔަ ހަތަރު އަހަރު ކްލަބަށް ލިބުނު ކާމިޔާބީތަކުގައި އޭނާއާ އެކު އުފާފާޅުކުރި އަދި ނާކާމިޔާބީތަކުގައި އޭނާއާ އެކު ރޮއި ހެދި އިންޓާގެ އެތައް މިލިއަން ސަޕޯޓަރުންނަށް ބުނެލަން އޮތީ އެ ހުރިޙާ ފަރާތްތަކެއް މަތިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމެވެ.
އިންޒާގީ ވަނީ އިންޓާއާ އެކު ހަ ތަށި ކަމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިޓާލިއަން ސެރީއާގެ ތަށި އެއް ފަހަރު، ކޮޕާ އިޓާލިއާގެ ތަށި ދެ ފަހަރު އަދި ސުޕާ ކޮޕާ އިޓާލިއާގެ ތަށި ތިން ފަހަރެވެ.
އިންޓާގެ ރައީސް ގުއިސެއްޕޭ މޮރާޓާވަނީ އިންޒާގީ އެ ކްލަބަށް ކޮށްދިން ޚިދުމަތަށް ޝުކުރު އަދާކޮށްފައެވެ. އިންޒާގީގެ ކޯޗުކަމުގެ ދަށުން އިންޓާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ދެ ފަހަރު ކުޅުނު ނަމަވެސް ދެ ފަހަރު ވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. މި ސީޒަންގައި އިންޓާއަށް ވަނީ އެންމެ ޕޮއިންޓެއްގެ ތަފާތުން ސެރީއާގެ ތަށި ވެސް ދިފާއު ކުރެވޭގޮތް ނުވެފައެވެ.
އިންޒާގީ އިންޓާގެ ކޯޗުކަމުން ވަކިވެފައިވާއިރު ފީފާ ކްލަބް ވޯލްޑް ކަޕް ފެށެން މިހާރު މިވަނީ 10 ދުވަހަށް ވެފައެވެ. ޠުރަޕްގެ މީޑިއާތަކުން ބުނަމުންދާގޮތުގައި އިންޒާގީ މި މަގާމު ދޫކޮށްލާފައިވަނީ ޗެމްޕިއަންސް ލީގުގެ ނާކާމިޔާބީގެ އިތުރުން ސައުދީ ޕްރޯ ލިގުގެ އަލް ހިލާލްގެ ފަރާތުން އެ ޓީމުގެ ކޯޗަށްވުމަށް ރަނގަޅު ހުށަހެޅުމެއް އޭނާއަށް ލިބުމުންނެވެ. އަލް ހިލާލްއަކީ ވެސް ކްލަބް ވޯލްޑް ކަޕްގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ކްލަބެކެވެ.