ތޫނު އެއްޗަކުން ބިދޭސީއެއް ޒަޚަމްކޮށްލިކަމަށް ބުނެ 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

ހުޅުމާލެ: ތޫނު އެއްޗަކުން ބިދޭސީއެއް ޒަޚަމްކޮށްލިކަމަށް ބުނެ، ކުޑަކުއްޖަކު ހައްޔަރުކޮށްފި-- ފޮޓޯ/ ޔޫއެންޑީޕީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކުގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީ، ޒަޚަމުކޮށްލި ކަމަށް ބުނެ، 16 އަހަރުގެ ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޕާކު ސަރަހައްދުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށެވެ.

މި މައްސަލައާ ގުޅިގެން 16 އަހަރުގެ ދިވެހި ކުޑަކުއްޖަކު ހައްޔަރު ކޮށްފައިވާއިރު، އަނިޔާވީ އިންޑިއާ ފިރިހެނަކަށެވެ.

އެ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ހުޅުމާލޭގައި މިދިޔަ ހޮނިހިރު ދުވަހު ވެސް މާރާމާރީއެއް ހިނގައިފައި ވެއެވެ. މި މާރާމާރީގައި މީހެއްގެ ނޭފަތް ފަޅައިލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ސަރުކާރުގެ ވިސްނުމަކީ، ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ދަށްކުރުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ކުރިން ވަނީ ވިދާޅުވެފައެވެ.

ކުޑަކުދިންގެ ހައްޔަރުކޮށް އަދަބު ނުދެވޭތީ، ބޮޑެތި ކުށްތަކުގައި ކުޑަކުދިން ބޭނުންކުރާ މިންވަރު ރާއްޖޭގައި އިތުރެވެ.

comment ކޮމެންޓް