ލ. ގަން ކައިރި ފަޅު ރަށަކަށް މަސް ހިފަން ފޭބި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

ލ. ގަން: ން ކައިރި ފަޅު ރަށަކަށް މަސް ހިފަން ފޭބި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ -- ފޮޓޯ/ވިޒިޓް ލާމު ފޭސްބުކް

ލ. ގަން ކައިރީގައި އޮންނަ 'މަހަކަންފުށި' ފަޅު ރަށް ކައިރިއަށް މަސް ހިފަން ފައިބާ އުޅުނު ފިރިހެނަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ، ލ. ގަން ކައިރީ އޮންނަ ފަޅު ރަށެއް ކަމަށްވާ މަހަކަންފުށި ކައިރިއަށް މަސް ހިފަން މޫދަށް ފައިބާ އުޅުނު މީހަކު ގެއްލިފައިވާ މައްސަލައެއް މިއަދު ހެނދުނު 09:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ގަމު ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނީ މިއަދު ހެނދުނު ބަޔަކާ އެކުގައި މަހަކަންފުށި ކައިރިއަށް، ދާ ޖަހައިގެން މަސް ހިފަން ދިޔަ އަބުދުލްސަމަދު މުހައްމަދު (ސަމަދު) ތުނޑީ، ފެސްފަރީ ލ. ގަން، ގެެއްލިގެން ހޯދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

އޭގެ ފަހުން 'ސަން' އަށް މައުލޫމާތު ދެމުން ގަމު ކައުންސިލުން ބުނީ، އެ މީހާ ހޯދަމުން ދަނިކޮށް، މަރުވެފައި އޮއްވައި ފެނުނު ކަމަށެވެ. ފުލުހުން ބުނީ، އޭނާ ފެނުނީ 11:00 ހާއިރު މޫދުން ކަމަށެވެ. އަދި އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވެސް މައުލޫމާތު ދިން ކަމަށް ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައަ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، މޫސުން ވެސް ގޯސް ދުވަސްވަރެކެވެ. މީގެ ކުރިން މޫސުން ގޯސްވުމުގެ ސަބަބުން، މޫދަށް އެރި އުޅުމުގެ ތެރެއިން އެކިއެކި ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.

އެޕްރީލް މަހުގެ ދެވަނަ ދުވަހުގެ ރޭ ތ. އަތޮޅުގައި ދަތުރުކުރަމުން ދަނިކޮށް "ހޮޅުދޫ ބޯޓު"ގައި ހިނގި އަލިފާނުގެ ހާދިސާގައި ވެސް ކަނޑުމައްޗަށް ލ. އަތޮޅު ޒުވާނަކު ގެއްލުނެވެ. އެއީ ލ. މާވަށަށް އުފަން، އަލީ މުޝްފިގު ޝަރީފެވެ. އޭނާ ފެނިފައެއް ނުވެއެވެ.

comment ކޮމެންޓް