ފާޑެއްގެ ޖެހިލުންވުމެއްގެ އަސަރުވެސް ހަށިގަނޑަށް ވެރިވާން ފަށައިފިއެވެ.
އެކަން އަފްނާންއަށް ވެސް ފާހަގަވީ ކަންނޭނގެއެވެ. އޭނާ މަޑުމަޑުން ވާހަކަ ދެއްކި އެވެ.
"ޑޯންޓް ވޮރީ. ބައްޕަ މައުއާ ދިމާލަށް އެއްޗެއް ނުބުނާނެ!" އަފްނާން ޔަޤީންކަން ދިނެއްކަމަކު މައުވާގެ ނުތަނަވަސްކަމަށް ހައްލެއް ނައެވެ. އޭނާއާ ދިމާލަށް ނަޖީބު އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު މައުވާގެ ހިތް ނެގި ނެގިފައި ޖެހެން ފެށިއެވެ. ނަޖީބަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ބާޒާރުގައި ކިހާ ނުފޫޒުގަދަ މީހެއްކަން އޭނާއަށް އެނގެއެވެ. އެއީ ކިހާ މަޝްހޫރު މީހެއްކަންވެސް އެނގެއެވެ. އޭނާ ފަދަ ނިކަމެއްޗަކާ އަފްނާން ގުޅުމަށް ނަޖީބު ނުރުހިދާނެޔޭ މައުވާއަށް ހީވަނީއެވެ.
"މީ އަފްނާންގެ ބައްޕަ." މައުވާމެން ގާތަށް ހުއްޓުމަށްފަހު ނަޖީބު ހިނިތުންވެލިއެވެ.
"އައްސަލާމު ޢަލައިކުމް." އަދަބުވެރިކަމާއެކު، މައުވާ ބުނެލިއެވެ.
"ވަޢަލައިކުމުއްސަލާމް." ނަޖީބު ސަލާމަށް ޖަވާބު ދިނެވެ.
"އެއްޗެއް ކާލައިފިންތަ މިހާރު؟" މައުވާގެ ގާތުގައި ނަޖީބު އަހައިލީ އޯގާތެރިކަމާއެކުގައެވެ. މައުވާ އޭނާއަށް ފެނުނީ އަލަށްހެން ހީވެސް ނުވެއެވެ. އޭނާއަށް ވީޑިއޯއިން މައުވާ ފެނުނު ވަރަށް ވުރެ މާ ބޮޑަށްވެސް މައުވާ ވަނީ ހިކިފައެވެ. އެހެންނަމަވެސް މައުވާއަކީ ރީތިކުއްޖެކެވެ. އަފްނާންގެ ކައރީގައި ހުންނައިރު އެ ދެމީހުން ނުހަނު ގުޅޭވެސް މެއެވެ. އަފްނާން އެގޮތަށް މައުވާ އެ ގެނައީ އެ ދެމީހުންގެ ގުޅުން އެމީހުންނަށް އަންގާލަންކަން ނަޖީބުގެ އިތުރުން ރިސާމާއަށް ވެސް އެނގުނެވެ.
މައުވާއަށް ހަމަނޭވާއެއް ދޫކޮށްލެވުނީ ނަޖީބުމެން ދިޔުމުންނެވެ.
"އަހަރެން ބުނީމެއްނު މަންމަމެން އެއްވެސް އެއްޗެއް ނުބުނާނެޔޭ. މައު މާ އަވަހަށޭ ހާސްވަނީ." އަފްނާން ބުނެލިއެވެ.
"އަފޫ ބުނިހެން އަފޫ ބައްޕަވެސް މަންމަވެސް ވަރަށް ރަނގަޅު." މައުވާއަށް ބުނެވުނެވެ. އޭނާގެ ހުރިހާ ކުށްހީއެއް ފިލައިފިއެވެ. އަފްނާން އޭނާގެ މައިންބަފައިންނާ ބެހޭގޮތުން ދައްކާފައިވަނީ ތެދު ވާހަކަތަކެއްކަން މައުވާއަށް އެ ހިނދު ފަހުމްވެސް ވިއެވެ.
އަށްގަޑި ބައިގައި ފެށި ހަފްލާ ނިމުނު އިރު އެގާރަ ގަޑި ބަޔަށްވުރެ ބޮޑުވެއްޖެއެވެ. އައި މެހެމާނުން ގޮސް ޓެރެސް ހުސްވިއިރު، ބާރަޖަހާ ބޮޑުވެއްޖެއެވެ. އަފްނާން ވެސް އެގާރަ ޖަހާއިރު މައުވާ ގޮވައިގެން ދިޔަ ގޮތަށް ގެއަކަށް ނާދެއެވެ. ރިސާމާވެސް އާއިން ގޮވައިގެން ތިރިއަށް ގޮސް ކޮޓަރިއަށް ވަތްތަނާ އާއިންވެސް ވަރުބަލިވެގެން ނިދައިފިއެވެ.
ލުޔޫނާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަތް އަޒްލަފްގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. ކޮޓަރިއަށް ވަނުމަށްފަހު ތަނަވަސްކަމުން ފުރިގެންވާ އެކޮޓަރިތެރެއަށް ވަށައިގެން ލުޔޫނާއަށް ބަލައިލެވުނެވެ. އޭނާ އަޒްލަފްއަށް ބަލައިލިއިރު އަޒްލަފް ވެސް ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ. ލުޔޫނާ ލަދުގަންނަ ގޮތްވިއެވެ. އޭނާ އިސްޖަހައިލިއެވެ. އަޒްލަފްއާއެކު އެއްކޮޓަރިއަށް ހިއްސާކުރަންވުމުން ފާޑެއްގެ ފިނިކަމެއް ހަށިގަނޑުގެ ހުރިހާ ސެލްތަކެއްގައި ފެތުރިގަތެވެ. ދެވަނަ ހިނދުކޮޅުގައި އޭނާގެ ހިތުގެ ތެޅުން ބާރުވީ އަޒްލަފް އޭނާއާ ދިމާލަށް ފިޔަވަޅު އަޅަން ފެށުމުންނެވެ. އެހެންނަމަވެސް ލުޔޫނާ ދުރަށް ދާކަށް ނޫޅުނެވެ. އޭނާ އަޒްލަފްއަށް ފުރުސަތު ދީގެން ހުރީއެވެ. އެއީ އޭނާގެ ފިރިމީހާއެވެ. އޭނާގެ ލޯތްބެވެ. މިހާރު އޭނާއަކީ އަޒްލަފްގެ ހައްޤެެކެވެ.
އަޒްލަފް އެ ދިޔަ ގޮތަށް ގޮސް ލުޔޫނާގެ ދަތްދޮޅީފައި ހިފާ އިސްއުފުލުވައިލިއެވެ.
"ތެންކިއު ސޯ މަޗް. އަހަރެން މިރޭ ވަރަށް އުފާވެއްޖެ!" އަޒްލަފް ބުނެލިއެވެ. އޭނާ ބަލާކަށް ނުހުރެ ލުޔޫނާ ގެނެސް އޭނާގެ މޭގައި ޖައްސާ ބާރުކޮށްލިއެވެ. ހީވަނީ ވައިރޯޅިއަކަށްވެސް ޖާގަ ދޭން ބޭނުންނުވާހެންނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު، އޭނާ ލުޔޫނާ ދުރުކޮށްލާފައި ނިތުގައި ބޮސް ދިނެވެ. ލުޔޫނާވެސް އަޒްލަފްއަށް ފުރުސަތު ދިނެވެ. މިރޭ އޭނާވެސް ބޭނުންވަނީ އަޒްލަފްގެ އަތުތެރޭގައި ވިރިގެންދާން ހެން ހީވެއެވެ. ކައިވެންޏެއް ރޫޅުމަކީ ނުވަތަ ޙަޔާތުގެ ބައިވެރިޔާ ތިމާ ދޫކޮށްލާފައި ދިޔުމަކީ އަނެކާގެ ދިރިއުޅުމުގައި ސިއްކަޖެހެން ޖެހޭ ސަބަބެއް ނޫންކަން އެ ދެމީހުން ސާބިތުކޮށްދީފިއެވެ. މާޔޫސްވިއެއްކަމަކު ދިރިހުރުމަށްޓަކައި އަމިއްލަ އުފާތަކަށްވެސް އިސްކަން ދިނުން މުހިންމެވެ. ބޭފަވާތެރިކަމުގެ ސަބަބުން ހިތުގައި ލެވޭ ފާރުތައްވެސް ޙަޔާތަށް ދެން އަންނަ މީހެއްގެ ސަބަބުން ފަސޭހަވެގެން ހިނގައދާނެކަމަށް އަޒްލަފްވެސް ޤަބޫލުކޮށްފިއެވެ. ލުޔޫނާއަކީ އޭނާގެ ނަސީބެވެ. ލުޔޫނާ ނޫންނަމަ އޭނާއަށް އަދިވެސް ޝައުފާގެ ހަނދާނުގައި ޙަޔާތުން ދުވަސްތަކެއް ބޭކާރު ކޮއްލެވުނީސް ކަންނޭނގެއެވެ. އަޒްލަފް އަދިވެސް ލުޔޫނާ ގާތްކޮށްލިއެވެ. އޭނާގެ ކުދި ކުދި ގޯނާތަކުން ލުޔޫނާގެ ތުންފަތަށް ވެރިވީ ލަދުރަކި ހިނިތުންވުމެކެވެ.
*****
6 މަސް ފަސް
----------------
"ހާދަ ބަައިވަރު ތައްޔާރީތަކެކޭ ކުރަން މިޖެހެނީ." ގޭތެރޭގައި ދެކޮޅަށް ހިނގަމުން ދިޔަ، ރިސާމާ ފޯނު ނަގާ ކޮންމެވެސް މީހަކަށް ގުޅައިލިއެވެ. އެއަށްފަހު، ކަންތައްތައް ކުރަންވީ ގޮތުގެ އިރުޝާދުދޭން ފެށިއެވެ. އެތަނަށް މިރޭ އެމީހުން ދާއިރު ތަން ހުރިހާ ގޮތަކުންވެސް ފުރިހަމަވާން ޖެހޭނެކަމަށް އޭނާ ބުނަމުން ދިޔައެވެ. ފޯނު ކޯލު ނިންމާލާފައި ފަހަތަށް އެނބުރުނުއިރު ނަޖީބު ހުރީ، ހިނިތުންވެލައިގެންނެވެ. ހެނދުނު ހޭލިއްސުރެ ރިސާމާ އެއްތާކު ހިމޭނުން ނުހުރެއެވެ.
"ތިހާ ބުރަކޮށް ނޫޅުނަސް މިރެއަށް ހުރިހާކަމެއްވެސް ނިމޭނެޔޭ…" ނަޖީބު ބުނެލިއެވެ. "ކުޑަކޮށް އަރާމުކޮށްލަބަލަ."
"ވަގުތެއް ނެތެއްނު ނަޖީބު. އަދި އެބަޖެހޭ ރާ…" ރިސާމާއަށް ބުނެވުނީ އެހާ ހިސާބަށެވެ. ގެއަށް ވަދެ މީހަކު ސަލާމްގޮވާލައިފިއެވެ. އެއީ ދަންނަ އަޑެކެވެ. އޭނާ ފަހަތް އެނބުރުނުއިރު ހުރީ، ޝައުފާއެވެ. ރިސާމާގެ ތުންފަތް މަތީގައިވީ ހިނިތުންވުން ފަނޑުވާގޮތްވިއެވެ. އެހެންނަމަވެސް އޭނާ ސަލާމަށް ޖަވާބު ދިނެވެ.
"މީ… އާއިން… އެބަ އުޅޭތަ؟ އަޒްލަފްއަށް ގުޅާފަ މިއައީ…" ޝައުފާ ވާހަކަ ދެއްކިއެވެ.
"މަޑުކޮށްލާ!" އެހެން ބުނެލާފައި ރިސާމާ އަޒްލަފްއަށް ގޮވާލަން މައްޗަށް ދާން އުޅުނު ވަގުތު ސިޑިއާ ދިމާލަށް ދިޔަ ލުޔޫނާ ފެނުމާއެކު ގޮވައިލިއެވެ.
"ލުޔޫ… އަޒްލަފް ކައިރީގައި ބުނެލަބަ އާއިންއާ ބައްދަލުކުރަން އޭނަ މަންމަ އެބަ ހުއްޓޭ." ރިސާމާ ބުނެލިއެވެ. އެއާއެކު ލުޔޫނާގެ ފިޔަވަޅުތައް މަޑުޖެހި އޭނާއަށް ޝައުފާއަށް ބަލައިލެވުނެވެ. ހަމައެއާއެކު ޝައުފާއަށް ވެސް ހުރެވުނީ ލުޔޫނާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެއީ އާއިން ބެލި ޑޮކްޓަރުކަން އޭނާއަށް އެނގުނެވެ. ހިތުގައި ތަފާތު ޝުއޫރުތައް ދައުރުވާން ފެށިއެވެ. އެގޭގައި ލުޔޫނާ ހުންނަންވީ ސަބަބަކީ ކޮބައިބާއޭ ހިތަށް އެރި ހިނދު، އޭނާއަށް ތުންފަތުގައި ދަތް ވެސް އަޅައިލެވުނެވެ. އަޒްލަފް އޭރުވެސް ލުޔޫނާއަށް ޚާއްސަކަމެއް ބެހެއްޓިއެވެ. އަޒްލަފްގެ ހިތުގައި ލުޔޫނާއާ މެދު އިޙްސާސްތަކެއް އޭރުވެސް ވީކަން ގައިމެވެ. މިއަދު އަޒްލަފް ލުޔޫނާއަށް އޭނާގެ އަނތްބެއްގެ ދަރަޖަ ދިނީހެއްޔެވެ؟ މާޔޫސްވި ޝައުފާއަށް ލަސްލަހުން ނޭވާއެއް ދޫކޮށްލެވުނުއިރު، އޭނާގެ ހިތުގައި ކުޑަކޮށް ރިއްސައިލިއެވެ. ރިސާމާ އޭނާގެ ގާތުގައި އިށީންނަން ބުނެލި ނަމަވެސް ދެފަރާތަށް ބޯ ހޫރައިލަމުން ޝައުފާއަށް ހުރެވުނެވެ. ތުންފަތުގައި ދަތް އަޅައިލަމުން ހިފައްޓައިގެން ހުރި ދަބަހަށް އަތުން ބާރުކޮށްލެވުނެވެ. އެހެން ހުއްޓާ އަޒްލަފްއާއެކު އާއިން ތިރިއަށް ފޭބިއިރު އެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް، ލުޔޫނާވެސް އައެވެ. ނަޖީބު ފޯނު ކަންފަތުގައި ޖަހާލަމުން ގޮސް ސްޓަޑީއަށް ވަނުމުން ރިސާމާވެސް އެތަނުން ދިޔައީއެވެ.
"އާއިން! ދަރިފުޅު." ޝައުފާ އާއިންއަށް ގޮވައިލިއެވެ. "އައިސްކްރީމް ބޯން ދާނަން؟"
"ކޮއްކޮ މިއުޅެނީ ލުޔޫ މަންމިއާއެކު ތަނަކަށް ދާންވެގެން." އާއިން ލުޔޫނާއަށް ބަލައިލަމުން ބުނެލިއެވެ. އެއާއެކު ޝައުފާއަށް އަނެއްކާވެސް ލުޔޫނާއާ ދިމާލަށް ބަލައިލެވުނެވެ. އޭނާ ނޫން އެހެން މީހަކަށް އާއިން މަންމިއޭ ކިޔުމުން ޝައުފާއަށް ވީގޮތް ބަޔާންކުރަންވެސް ދަތިވިއެވެ. ހިތް ބާރުބާރަށް ރޯން ފެށިއެވެ. އާއިން އޭނާއާ ދުރުވި މިންވަރު ހިތަށް އަރާފައި ލޯ ފެންކަޅިވެސް ވާގޮތްވިއެވެ. މިއަދު އޭނާގެ ބަދަލުގައި އާއިންގެ މަންމައެއްގެ ރޯލު އަދާ އެކުރަނީ އެހެން މީހެކެވެ. އެ ފުރުސަތު އަމިއްލަ އަތުން ބީވެގެން ދިޔައީ ޚުދު އޭނާއަށް ކަންތައްކުރެވުނު ގޮތުންނެވެ. ވަރިވުމަށްފަހުވެސް އާއިންއަށް އަޅައިލާ ލޯބިދީގެން އާއިން ގެންގުޅުމުގެ ފުރުސަތު އޭނާއަށް ލިބިފައި އޮތެވެ. އެހެންނަމަވެސް އޭނާ ބޭނުންވީ އަރާމު ދިރިއުޅުމެކެވެ. ފައިސާއެވެ. އާއިން ރަނގަޅަށް ތަރުބިއްޔަތު ކުރުމުގެ ބަދަލުގައި އަބަދުވެސް އިސްކަން ދެވުނީ އަމިއްލަ މިނިވަންކަމާއި އުފާތަކަށެވެ. އަޒްލަފްއާ އިނދެގެން ހުރިއިރު ކުރެވުނު ކުށްތައް ރަނގަޅުކުރަން ލިބުނު ފުރުސަތުވެސް އޭނާ ނަގައިލީ އަމިއްލަ ދެ އަތުންނެވެ. ވީއިރު މިއަދު ޝަކުވާ ކުރުމުގެ ބޭނުމެއް ނެތެވެ. އޭނާއާ ދޭތެރޭ އަޒްލަފް އަބަދުވެސް ކަންތައްކޮށްފައިވަނީ ވީ އެންމެ ރަނގަޅަކަށެވެ. އަންހެނަކަށް ވީތީ ދޭން ޖެހޭ ޤަދަރާއި ޢިއްޒަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަޒްލަފް އޭނާއަށް ދިނެވެ. އޭނާގެ ކިބައިން ފެނުނު ނޭދެވޭ އަމަލުތައް ރަނގަޅުކުރަން ނަސޭހަތް ދިނެވެ. އެކުގައި އުޅެން މަސައްކަތްކުރިއެވެ. ކައިވެނި ސަލާމަތްކުރުމަށް ކުރެވެން އޮތް ކަމެއްވިއްޔާ އަޒްލަފް ކުރިއެވެ. އެހެންނަމަވެސް، ބަދަލުގައި އޭނާ ކުރީ ކީއްހެއްޔެވެ؟ އަޒްލަފް އޭނާ ދެކެ ވީ ލޯބީގެ ނާޖާއިޒް ފައިދާ ނަގާ އިސްލާމް ދީނުގައި ހަރާމްކުރައްވާފައިވާ ފާފަތަކަށް އޭނާ އަރައިގަތެވެ. ހިލޭ ފިރިހެނުންނާ ގުޅުން ބޭއްވިއެވެ. ފިރިމީހާއަށް އިޙްތިރާމް ކުޑަކުރިއެވެ. ފިރިމީހާގެ އާއިލާގެ މީހުންނަށްވެސް ކުޑަމިނުން އިޙްތިރާމެއް އޭނާ ނުކުރެއެވެ. މަންމައަކަށް އިސްލާމް ދީނުގައި ދެއްވާފައިވާ މަތިވެރި މަޤާމުގެ މާތްކަން އެނގުނު ނަމަވެސް، ދަރިފުޅުގެ ކަންތައްތަކަށް ފަރުވާކުޑަކޮށް އިހުމާލުވިއެވެ. އޭނާގެ ސަބަބުން އާއިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރުކުރިއެވެ. ވީއިރު މިއަދު އޭނާ ޝަކުވާ ކުރާނީ ކޮން ދުލަކުން ހެއްޔެވެ؟ ކާކު ކައިރީގައި ހެއްޔެވެ؟ އަމިއްލަ އެދުންތަކުގެ ސަބަބުން އޭނާގެ އަތުން ބީވެގެން ދިޔައީ އަގު ބޮޑު ޖަވާހިރެކެވެ. ހަމަ އޭނާއަށް އަގުވަޒަންކުރަން ނޭނގުމުގެ ސަބަބުންނެވެ. އިސްޖަހައިލެވުނީ ވެސް އެހެންވެގެންނެވެ. އެކަކާވެސް ކުރިމަތިލާނެ ހިތްވަރު ނެތީތީ އެވެ.
"ފަހުން އަހަރެން މެސެޖު ކުރިން މިއަދު ކުޑަކޮށް ބިޒީކަމަށް ބުނެ. މާދަން އަންނާށޭ ބުނެފަ..." އަޒްލަފް ވާހަކަ ދެއްކިއެވެ. އޭނާ ގަޑިއަށް ބަލައިލިއެވެ. އާއިންގެ ގަމީސް ވެސް ހެޔޮވަރު ކުރަން ދާން އެބަޖެހެއެވެ.
"މާދަން ފަހަރެއްގައި ފުރަން ޖެހިދާނެ ރަށަށް ދާން. ޑޮކްޓަރަށް ދައްކާލަންވެގެން މިއައީ. އެހެންވެ ކޮންމެހެންވެސް މިއައީ. އަހަރެން މާ ގިނައިރެއް ނުކުރާނަމޭ. މިތާ ކައިރީގައި އިން އައިސްކްރީމް ޝޮޕަށް ގޮސްލާފަ އަންނާނަމޭ." ޝައުފާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ. އަޒްލަފް ލުޔޫނާއަށް ބަލައިލުމުން ލުޔޫނާ ބޯ ޖަހައިލިއެވެ.
"އަހަރެން ގުޅާލާފަ އެބަ ބުނަން އަދި އިރުކޮޅެއް ނަގާނެ ވާހަކަ." ލުޔޫނާ ބުނެލިއެވެ. އަޒްލަފް އާއިން ގޮވައިގެން ދިޔަޔަސް އެންމެ ރަނގަޅޭ ބުނެލީ ދެނެވެ. ޝައުފާވެސް ޝުކުރު އަދާކޮށްފައި، އާއިން ގޮވައިގެން ދިޔައެވެ. ގޭގެ ގޭޓުން ނުކުމެފައި ޝައުފާ އާއިންއަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ. އެ ދަރިފުޅުގެ އުފާވެރިކަމުން އޭނާގެ ހިތަށް ފިނިކަން ގެނެސްދިނެވެ. ލުޔޫނާއާއި އާއިންއާ ދެމެދު އޮތް ގުޅުން ރަނގަޅުކަން އެވީ ކުޑަ ހިނދުކޮޅު ތެރޭގައިވެސް އޭނާއަށް ފަހުމްވެގެން ދިޔައެވެ.
"އެއީ ދަރިފުޅުގެ ލުޔޫ މަންމިތަ؟" ޝައުފާ ސުވާލުކޮށްލިއެވެ.
"ޔެސް. ކޮއްކޮ ކިޔަނީ ލުޔޫ މަންމި.. އެކަމަކު ތީ ވެސް ކޮއްކޮގެ އަސްލު މަންމިއޭ ޑެޑީ ބުނީ." ޝައުފާއަށް ބަލައިލާފައި ވިސްނާލުމެއްނެތި އާއިން އޭނާގެ ސިކުނޑިއަށް އައި ގޮތަށް ވާހަކަ ދެއްކީ އަޒްލަފް ހަޤީގަތުގައިވެސް އޭނާގެ ގާތުގައި އެފަދަ ގޮތަކަށް ވާހަކަ ދައްކާ ވިސްނައިދީފައިވާތީއެވެ. ޝައުފާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނާ އަތުގެ ނުފުށުން ކަރުނަތައް ފުހެލިއެވެ. އަޒްލަފް އޭނާގެ ދަރިފުޅަށް އެއްވެސް ކަމެއް އޮޅުވައެއް ނުލައެވެ. އޭނާއަށް ވެސް ދޭން ޖެހޭ ހައްޤެއް ވިއްޔާ އަޒްލަފް އެ އޮތީ ދީފައެވެ. ކިތަންމެ ދުރުގައި ހުއްޓެއްކަމަކު، އަޒްލަފް، އޭނާއާ މެދު އާއިންގެ ހިތުގައި ނަފްރަތެއް ނުއުފައްދައެވެ. ކުރިން ކަންތައް ކުރެވުނު ގޮތާ މެދު، ޝައުފާ ހުރީ ހަމަ ހަޤީގަތުގައިވެސް ދެރަވެފައެވެ. އާއިން އޭނާގެ ގާތުގައި ހުރި ދުވަސްތަކުގައި އޭނާ އެކި ގޮތްގޮތުން އަޒްލަފްއާ މެދު އާއިންގެ ހިތުގައި ޝައްކާ ވަސްވާސްތައް އުފައްދަން މަސައްކަތް ކުރިއެވެ. މިއަދު އެކަމުގެ ބަދަލު ހިފަން އަޒްލަފްއަށް ފުރުސަތު ލިބިފައިވީ ނަމަވެސް، އޭނާ ޚިޔާރުކޮށްފައި އެވަނީ އެންމެ ރަނގަޅު ގޮތެވެ.
"ލުޔޫ މަންމި އާއިންއަށް ރަނގަޅުތަ؟" ޝައުފާ ސުވާލުކޮށްލިއެވެ.
"ހެހެ. ޔެސް. ލުޔޫ މަންމި އަކީވެސް ޑެޑީ ގޮތަށް ޑޮކްޓަރ އެކޭ. މަންމިއަށް އެނގޭތަ؟ ކޮއްކޮ ބަލިވީމަ ކުރިން ދުވަހުވެސް ހޮސްޕިޓަލަކަށް ނުދަން. ލުޔޫ މަންމި އާއެކު ގޭގަ ހުރީ…. " އާއިން ހުރީ ވަރަށް ހެވިލާފައެވެ. އުފާވެފައެވެ. ޝައުފާ އާއިން އުރާލަމުން އޭނާގެ ކޮލުގައި ބޮސް ދިނެވެ. އަދި އާއިން ގޮވައިގެން ގޮސް އައިސް ކްރީމް ޝޮޕަށް ވަނެވެ.
*****
"ލުޔޫ… ސޮރީ. ލުޔޫ އެހާވަރުން ޓައިމް ސެޓް ކުރީމަ މިޖެހުނީ ލަސްކޮށްލަން ދޯ." އަޒްލަފް ބުނެލިއެވެ. އޭނާ ލުޔޫނާ ގޮވައިގެން ގޮސް ސޯފާގައި އިށީނދެލިއެވެ.
"ނޫން އޯކޭ ވާނެ." ލުޔޫނާ ބުނެލިއެވެ.
"ޔޫ ޝުއަރ.... އާއިންވެސް ހުރީ އެހާ އުފަލުން. ހުއްޓާ ޝައުފާ އެއައީ. އަހަަރެން ބުނީމޭ މާދަން އަންނާށޭ. އާއިންވެސް އެ ދިޔައީ އެހާ ދާހިތަކުން ނޫން ކަންނޭނގެ." އަޒްލަފް ފުންނޭވާއެއް ދޫކޮށްލިއެވެ.
"އިޓްސް އޯކޭ އޭ އަޒްލަފް. އެވަރުކަމެއް ނޫނެއްނު އެއީ. ޝައުފާ އެބުނީނު، އޭނަ މާދަން ފުރަން ޖެހޭތީއޭ. އައެމް އޯކޭއޭ. ކޮންމެ ގޮތެއް ވިޔަސް އެއީ އާއިންގެ މަންމަ. އަހަންނަށް ވުރެ ބޮޑަށް އޭނާއަށް އާއިންގެ މައްޗަށް ހައްޤު އޮންނާނެ. އެކަން އަހަރެން އަބަދުވެސް ޤަބޫލުކުރާނަން." ލުޔޫނާ އެހެން ބުނެލުމުން، އަޒްލަފް ލުޔޫނާގެ އަތަށް ފިތައިލިއެވެ.
"އައެމް ސޯ ލަކީ ޓު ހޭވް ޔޫ! ތެންކިއު ސޯ މަޗް." އަޒްލަފް ލުޔޫނާގެ އަތަށް ބޮސް ދިނެވެ. ކައިވެންޏަށް ހަ މަސް ވެގެން ދިޔައިރުވެސް، ލުޔޫނާގެ ފަރާތުން ޝަކުވާކުރާނެ ފުރުސަތެއް އަޒްލަފްއަކަށް ނުލިބެއެވެ. ލުޔޫނާއަކީ ކެތްތެރިކަމާއި އޯގާތެރިކަމުގައި ވެސް ނަމޫނާ އެކެވެ.
*****
"ފަހި މަންޒިލް" ޖަހާފައިވާ ގޭގެ ކައިރިއަށް ހުއްޓުމަށްފަހު ރާމިޒާ ގޮސް އެގެއަށް ވަދެލިއެވެ. އޭނާ މައްޗަށް އަރާ ގޭގެ ދޮރުގައި ޓަކި ޖަހައިލިއެވެ. އެއާއެކު ދޮރު ހުޅުވީ ޒުލްފާއެވެ.
"ރާމިޒާ…" އޭނައަށް ބުނެވުނެވެ. ދެވަނަ ސިކުންތުގައި ކީއްކުރަންތޯ އޭނާ ސުވާލުކޮށްލިއެވެ.
"ބޭބެ އެބަ އުޅޭތަ؟" ރާމިޒާ ސުވާލުކޮށްލިއެވެ.
"ނެތް ގެއަކު. އަނެއްކާ އަނެއް ބޭނުމަކުތަ ތި ޖާވިދު ހޯދަނީ." ޒުލްފާ ކުޑަކޮށް ނުރުހުންތެރިކަމާއެކު ވާހަކަ ދެއްކިއެވެ. ރާމިޒާއާއި މައުވާއާ އެގެ ދޫކޮށްފައި ދިޔައީ މީގެ ދެ ހަފްތާކުރިންނެވެ. އޭރު ދިޔަ ގޮތަށް ރާމިޒާ އެގެއަށް އެ އައީ އަދި އަލަށެވެ. ޒުލްފާއަށް އެނގޭކަމަކީ ރާމިޒާ މެން އެގެއިން ބަދަލުވީ މައުވާ އިންނަން އުޅޭ ކުއްޖާގެ އެހީތެރިކަމާއެކުގައި ކަމެވެ. އަދި އެ ކުއްޖަކީ މުއްސަނދި ކުއްޖެއްކަމެވެ.
"ބޭބެ ކޮން އިރަކުން އަންނާނީ؟" ރާމިޒާ ސުވާލުކޮށްލިއެވެ.
"ކީއްކުރަން." ޒުލްފާ އަހައިލިއެވެ.
"މި ދޭންވެގެން." ރާމިޒާ އޭނާގެ އަތުގައި އޮތް ސިޓީ އުރަ ޒުލްފާއަށް ދިއްކޮށްލިއެވެ. ޒުލްފާ އޭގައި ހިފަމުން ލިޔެފައި އޮތް އެއްޗެއް ކިޔައިލިއެވެ. އެއާއެކު އޭނާގެ ދެބުމަ ކުޑަކޮށް ގޮށްޖެހުނެވެ. އެއީ މައުވާގެ ކައިވެނީގެ ކާޑެވެ. ޒުލްފާގެ ޠަބީޢަތު ބަދަލުވެގެން ދިޔަކަން ދޭހަކޮށްދިނީ އޭނާގެ މޫނުމަތީގެ ކުލަވަރު ވަގުތުން އޮއްސުމުންނެވެ. ހީވީ ސާރަވިލޭރޭގެ ހަނދު ވިލާތަކުން ފޮރުވާލިހެންނެވެ. ޕާރޓީ އޮތީ މާލޭގެ އެންމެ މަޝްހޫރު އެއް ހޮޓެލުގެ ބޯލް ރޫމުގައެވެ.
"އެންމެފަހުން މުއްސަންޖެއް އަތުއަޅުވާލީ ދޯ. އަދި ލަދުނުގަނެގެން އެ ފިރިހެން ސޮރު ހިފާފަ ހުންނަ ތަނެއްގައޭ އެ އުޅެނީވެސް." ޒުލްފާ މަލާމާތްކޮށްލިއެވެ. އޭނާގެ ބޭނުމަކަށްވީ ރާމިޒާ ދަށްކޮށްލާ ދެރަކޮށްލުމެވެ. ރާމިޒާއާ މައުވާއަށް ލިބުނު ނިޢުމަތާއި މުއްސަނދިކަމާ ހުރެ އޭނާގެ ޠަބީޢަތްވަނީ އެކީ ގޯސް ވެފައެވެ. މިވަގުތު އެހިތަށް ހަމަ ޖެހުމެއް ލިބޭނެ ހަމަ އެކަނި އެގޮތަކީ އެގޮތަށް އެއްޗެހި ކިޔުމެވެ. ޒުލްފާ ރާމިޒާއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ރާމިޒާގެ މޫނުމައްޗަށް ކުއްލިއަކަށް ދޮރު ޖެހިއެވެ.
(ނުނިމޭ)