ކަލާ ފެނިލުމުން... 70 (ފަހުބައި)

ދެވަނަ ސިކުންތުގައި މައުވާގެ ހިތް ތެޅިލިއެވެ. އޭނާގެ ފަހަތުން އައިސް އަފްނާން ހުއްޓުމާއެކު އަފްނާން އެރޭ ޖަހާފައި ހުރި ސެންޓުގެ ހިތްގައިމު ވަސް ވެސް އޭނާގެ ނޭފަތުގައި ހަރުލިއެވެ.

މައުވާގެ ހިތުގެ ތެޅުން ބާރުވެގެން ދިޔުމާއެކު އެހުރިގޮތަށް އޭނާއަށް ހުރެވުނީއެވެ. އަފްނާން އޭނާގެ ދެކޮނޑުގައި އަތް ޖައްސާލާފައި އޭނާއާ ފަހަތުން ކައިރިވެލީ އެ ދެމެދުގައިވާ ދާއިރާ ހަނިކޮށްލަމުންނެވެ.

އަފްނާން އޭނާގެ އަތުގެ ހިމާޔަތް މައުވާއަށް ދިނެވެ. މައުވާވެސް އަފްނާންއާ ދުރުވާކަށް ނޫޅުނެވެ. އަފްނާންގެ ކޮންމެ ބީހުމަކަށް އޭނާ އުފަލާއެކު މަރްޙަބާ ކިޔަމުން ދިޔައެވެ. މައުވާއާ އެހާ ގާތުގައި ހުންނަންވުމުން ޚުދު އަފްނާންގެ ހިއްސުތަކަށްވެސް އެނގުން ވަމުން ދިޔައެވެ. އެހެންނަމަވެސް، ނިކަން އަވަސް އަވަހަށް އޭނާ އަމިއްލަ އިޙްސާސްތައް ހަމައަކަށް އަޅުވާލާފައި މައުވާއާ ދުރުވެލިއެވެ.

"ނަމާދު ކޮށްލަން ވާނެއެއްނު." އޭނާ ބުނެލިއެވެ. މައުވާ ބޯ ޖަހައިލިއެވެ.

ލައިގެން ހުރި ކޯޓު ބޭލުމަށްފަހު އަފްނާން ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން، ނުކުތްއިރު މައުވާ އިނީ އެނދުގައި އިށީނދެލައިގެންނެވެ. އަފްނާން މައުވާއަށް ބަލައިލިއެވެ. ހެދުމުގެ ފަހަތުގައި އަޅުވާފައިވާ ޒިބުގެ ސަބަބުން މައުވާ އެއިނީ އެއްޗެހި ބަދަލު ނުކުރެވިފައިކަން އަފްނާންއަށް އެނގުނެވެ. އޭނާ މައުވާގެ ގާތަށް ގޮސް އެހީތެރިކަން ބޭނުންވޭހޭ ސުވާލުކޮށްލުމުން މައުވާ އެންމެ ފުރަތަމަ ދެފަރާތަށް ބޯ ހޫރައިލިއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އޭނާ އާއެކޭ ބުނީ އެ ހެދުމާއެކު ވުޟޫކޮށް ނަމާދުކުރުމަކީ އުނދަގޫކަމަކަށް ވާނެތީއެވެ.

އަފްނާން މައުވާ ފަހަތަށް އަނބުރާލާފައި، ހެދުމުގެ ޒިބު ތިރިކޮށްލަން އެހީވެދިން ވަގުތު އަފްނާންގެ އަތުގެ ބީހިލުން ކުޑަކޮށް މައުވާއަށް އިޙްސާސްވިއެވެ. އެއާއެކު އޭނާގެ މުޅި ހަށިގަނޑުގައި ފިނިފިނި ރާޅެއް ދަތުރުކޮށްލިއެވެ. އަފްނާން ދުރަށް ޖެހިލުމަށްފަހު، މައުވާގެ ސޫޓް ކޭސް ނަގައިގެން ގޮސް އެތަނުގައި ހުރި ސޯފާ މަތީގައި ބާއްވަމުން، އެ ހުޅުވައިލިއެވެ. އަދި އޭގެ ތެރެއިން ހެދުމެއް ނަގާ މައުވާއަށް ދިއްކޮށްލިއެވެ.

"މި އޯކޭތަ؟" އަފްނާން ބުނެލިއެވެ.

މައުވާ ބޯ ޖަހައިލިއެވެ. އަދި އެ ހިފައިގެން ގޮސް ފާޚާނާއަށް ވަނެވެ. އޭނާ އެއްޗެހި ބަދަލުކޮށްލައިގެން ވުޟޫކޮށްލައިގެން ނުކުތްއިރު މުސައްލަ ފަތުރާލާފައި އަފްނާން ތައްޔާރުވަނީއެވެ. މައުވާގެ ތުންފަތް މައްޗަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. މާ ގިނައިރުނުކޮށް ދެމަފިރިން އެކުގައި ނަމާދުކޮށްލަން އަވަސްވެގަތެވެ.

ނަމާދުކޮށް ނިމުމުން މައުވާ ގޮސް އެނދުގައި އިށީނދެލިއެވެ. އޭނާ މަޑުކުރީ އަފްނާން މުސައްލަ ނަގާފައި އަންނަންދެނެވެ. އަފްނާން އައިސް ޓައިލްސްތަކު މަތީގައި އިށީނދެފައި މައުވާގެ އަތުގައި ހިފައިލިއެވެ. މައުވާގެ ވާއަތުގެ ކަށި އިނގިލީގައި އަޅާފައި އޮތް އަނގޮޓިއަށް ބަލައިލުމާއެކު، އޭނާ އެ އަނގޮޓީގައި އަތް ޖައްސައިލިއެވެ.

"މައު އަހަންނަށް އިތުބާރު ކުރަންދޯ!" އަފްނާން ސުވާލުކޮށްލިއެވެ. އެއާއެކު މައުވާ ބޯ ޖަހައިލިއެވެ.

"ކުރިން އަހަންނަށް ކުރި ވަރަށް ކުރަންތަ؟" އަފްނާން ދެވަނަ ސުވާލެއް މައުވާއާ އަމާޒުކޮށްލިއެވެ. އަފްނާން މާޒީއާ ބެހޭގޮތުން ވާހަކަ ދައްކަން އުޅޭކަން އެނގުމުން މައުވާ އެކަން މަނާކުރިއެވެ. ފަހަރެއްގައިވެސް މާޒީގެ ވާހަކަ މިރޭ ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ. މިއީ އައު ފެށުމެކެވެ. ވީއިރު މާޒީގެ މޫނުބަލާ ލޯގަނޑުން އަމިއްލަ ސޫރަ ބެލުމުގެ ބޭނުމެއް ނެތެވެ.

"ދެން އެވާހަކަ ބާއްވާ އަފޫ. މިހާރު އެއީ މާޒީއެއްނު. އެ ހުރިހާކަމެއް ދޫކޮށްލާފައެއްނު އަހަރެމެން މުސްތަޤްބަލަށް ފުރުސަތު ދޭން ނިންމީ." މައުވާ ބުނެލިއެވެ.

"ޝްޝްޝް…" މައުވާގެ ތުންފަތުގައި އަފްނާން ޝަހާދަތް އިނގިލި ޖައްސައިލީ އޭނާއަށް ވާހަކަ ދައްކަން ފުރުސަތު ދޭށޭ ބުނާ ބީދައިންނެވެ.

"މައު އަތުގައި އަޅުވާފައި މިއޮށް އަނގޮޓިއަކީވެސް އަަހަރެން މައު ދެކެ ލޯބިވީކަމުގެ ހެއްކެތް. އިނގޭތަ؟ އަހަރެން ދުވަހަކުވެސް މިހާ އަގު ބޮޑު އެއްޗެއް އެހެން އެއްވެސް ކުއްޖަކަށް ނުދެން. ރިއަލައިޒް ވާން ލަސްވި ނަމަވެސް އަހަރެންގެ ހިތުގެ އެދުމަކީ އަބަދުވެސް ތީ. އެކަން އެންމެ ފުރަތަމަ އިޙްސާސްވީ ކޯމާގައި އޮއްވާ މައު ފުނުމުން. އޭރުވެސް ޤަބޫލުކުރާކަށް ބޭނުމެއް ނުވި އަހަރެންނަށް މައު ދެކެ ލޯބިވާނީކަމަށް. އޭރު ހިތަށް އެރި އެއީ ގިލްޓް އޭ. އެހެންނަމަވެސް ދުވަސް ވަމުން ދިޔަ ވަރަަކަށް އެއީ ހަމައެކަނި ކުރެވޭ ކުށްވެރި އިޙްސާސްއެއް ނޫންކަން އަހަންނަށް އިޙްސާސްވަމުން ދިޔަ. މައު ފެންނަ ކޮންމެ ފަހަރަކުވެސް އަަހަރެންގެ ހިތުގައި އުތުރިގަންނަނީ ހަމަ އެއްކަަހަލަ އިޙްސާސްއެއް. އެއްކަހަލަ ޖަޒުބާތުތަކެއް. އެކަމަށް ފުރުސަތު ދޭން ބޭނުންނުވެ އެތަކެއް ފަހަރަކު ހިތަށް އިންޒާރުވެސް ދިނިން. އެކަމަކު ވީ އެއްކަމެއް ވެސް ނެތް. ދުވަހެއް ދުވަހަކަށް އެ އިޙްސާސްތައް ދިޔައީ ބާރުގަދަވަމުން، އެއީ އަހަންނަށް ފިލޭނެ އިޙްސާސްތަކެއް ނޫންކަން ރިއަލައިޒްވި ހިސާބުން އެންމެފަހުން އަހަރެން އަމިއްލަ ހިތާ ހަނގުރާމަކުރުން ހުއްޓައިލީ. އަހަރެންގެ މިހިތުގެ ލޯތްބަކީ ތީކަން އަހަންނަށް އެއްވެސް ޝައްކަތްނެތް މިންވަރަށް ޔަޤީންވި. ސޮރީ މައު. އަހަންނަކަށް ނޭނގެ މައު އަހަރެން ދެކެ އެހާ ލޯބި ވީކަމެއް. ތެންކިއު ސޯ މަޗް ބޭބީ. އައި އައި ލަވްޔޫ ސޯ މަޗް. " އެއިން ގޮތަށް އިނދެ މައުވާގެ އަތަށް ބާރުކޮށްލަމުން، އަފްނާން ބުނެލިއެވެ. މައުވާގެ ލޯ ފެންކަޅިވަމުން ދިޔަމަންޒަރު ފެނި އޭނާ އެ ކަރުނަތައް ފުހެދިނެވެ.

"ދެން ނުރޮއިބަ." އަފްނާން ބުނެލިއެވެ.

"އަހަރެންވެސް ހަމަ އެހާ ލޯބިވޭ." މައުވާ ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ.

އެރޭ ވެގެން ދިޔައީ އެ ދެމީހުންގެ ޙަޔާތުގައިވެސް އައި އެންމެ އުފާވެރި އެއް ރެއަށެެވެ. މައުވާގެ ތުންފަތަށް ދިން ލޯބިވެތި ހަދިޔާއާއެކު އަފްނާން މައުވާ ގެނެސް އޭނާގެ އަތުތެރެއަށް ލުމުން މައުވާއަށް އިސްޖަހައިލެވުނީ ލަދުންނެވެ. އަފްނާންގެ ކޮންމެ ހަރަކާތަކަށް އޭނާއަށް މަރުޙަބާ ކިޔެމުން ދިޔައީ އެއްވެސް ޝަރުތަކާނުލައެވެ. އެ އަތުގެ ކޮންމެ ބީހުމަކުން އޭނާއަށް އިޙްސާސްވީ ލޯތްބާއި އޯގާތެރިކަމެވެ. ކައިވެނީގެ ހަޤީޤީ މާނައިގައި ދެ ހިތް ގުޅި ލާ މެހިއްޖެއެވެެ. އެކަކު އަނެކަކާ ދުވަހަކު ވަކިނުވާން ކުރި ހުވާތަކުން ދެހިތަށްވެސް ލިބުނީ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ. އަފްނާންގެ ކޮންމެ ފިރުމުމަކަށް މައުވާ ހުރީ އެ އަތުގެ ތެރެއަށް ވިރިގެންދާން ތައްޔާރަށެވެ. އެހާވެސް ބޮޑަށް އޭނާ އަފްނާން ދެކެ ލޯވިވެއެވެ.

*****

އާދުވަހަކަށް އިރު އުދަވެލައިފިއެވެ. އުންމީދުތަކަށް ދިރުމެއް ދެމުންނެވެ. އައު ޙަޔާތަކަށް މައުވާއާއި އަފްނާންއަށް މަރުހަބާ ކިޔާ ޙާލުގައެވެ. ކުޑަ ދޮރުތަކުން ކޮޓަރި ތެރެއަށް އެޅުނު އިރުގެ ރަން ދޯދިތަކުން މައުވާއަށް އުނދަގޫވިއެވެ. އޭނާ ދެފަރާތަށް ފުރޮޅިލުމަށްފަހު، ކުޑަކޮށް ލޯ ހުޅުވައިލިއެވެ. ތެދުވެ ހެޑްބޯޑުގައި ލެނގިލުމާއެކު އޭނާއަށް ރޭގެ ހަނދާންތައް އާވާން ފެށިއެވެ. އެނދުމަތީގައި އަފްނާން ނެތުމުން ހޯދައިލި ވަގުތު އަފްނާން ފާޚާނާއިން ނުކުމެއްޖެއެވެ. ހުސްގަޔާ ހަމައެކަނި ތުވާލި އޮޅާލައިގެން ހުރިއިރު އޭނާގެ ފިރިހެންވަންތަ ހަށިގަނޑު އޮތީ ހާމައަށެވެ. ބޮލާ ހަށިގަނޑުގައި އޭރުވެސް ފެންތިކިތައް މުތީތަކެއް ފަދައިން ވިދަމުން ދިޔައެވެ. ބަނޑުގައި މަސްތައް އެތުރިލާފައިވާލެއް ފުރިހަމައެވެ. އިސްތަށިގަނޑުން ފެންތައް ފޮޅާލި މަންޒަރަށް ގެއްލިފައި މައުވާއަށް އިނދެވުނެވެ.

"މޯރނިންގ..." އަފްނާން މައުވާއަށް ބުނެލިއެވެ. މައުވާ އޭނާއަށް ބަލަން އިން ގޮތް ލޯގަނޑުން އަފްނާންއަށް ރީއްޗަށް ފެނުނެވެ. އެއާއެކު އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"މޯރނިންގ." ލަދުވެތި ހިނިތުންވުމަކާއެކު، މައުވާ ޖަވާބު ދިނެވެ.

"ހިނގާ ފެންވަރާލައިގެން ބްރެކްފަސްޓް ނަގަން ދާން." އަފްނާން އެދުނެވެ. މައުވާ އާއެކޭ ބުނެ ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ.

ތައްޔާރުވެލައިގެން ދެމީހުން ހިނގާލާފައި ރެސްޓޯރެންޓާ ދިމާލަށް ދިޔައީވެސް އަތު ގުޅާލައިގެން ތިބެއެވެ. ހެނދުނުގެ ނާސްތާއަށްފަހު ރިސޯޓުގައި އޮތް އެކިއެކި ކުޅިވަރުތަކުގައި މައުވާއާ އަފްނާންއާ ދެމީހުން ބައިވެރިވިއެވެ. ދެމީހުން އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރިއެވެ. ވަރުބަލިކަން އިޙްސާސްކުރެވުނީވެސް އެރޭ ރޫމަށް އައިސްފައެވެ.

މައުވާއާއި އަފްނާންގެ މަންމަ ރިސާމާއާ ދިމާވި ދުވަހުގެ ވާހަކަތައް މައުވާ އަފްނާންއާ އެރޭ ހިއްސާކުރީ ދެކެވެމުން ދިޔަ ވާހަކައެއްގެ ތެރެއިންނެވެ. އެއާއެކު އަފްނާންގެ މޫނުމަތިން ހައިރާންކަން ފެނި ކުޑަކޮށް ހިނިތުންވުން ފަނޑުވިއެވެ.

"އަހަރެން މަންމަގެ ސަބަބުންތަ މައު އަހަންނާ ބައްދަލުކުރީ؟ މައު އަމިއްލަައަށް ބޭނުންވެގެންނެއް ނޫންތަ؟" އަފްނާންއަށް ސުވާލުކޮށްލެވުނެވެ.

"ނޫން. އަފޫ މަންމަގެ ވާހަކަތަކުން އަހަންނަށް ޔަޤީންވީ އަފޫ އަހަރެން ދެކެ އިންތިހާއަށް ލޯބިވާކަން. އަހަރެން އަފޫއާ ބައްދަލުކޮށް އަފޫއަށް ފުރުސަތު ދިނީ ހަޤީޤަތުގައިވެސް އަހަރެން ލޯބިވާތީ. އަހަރެން ބޭނުންވެގެން..." މައުވާ ބުނެލިއެވެ. އޭނާ އަފްނާންގެ ކޯތާފަތުގައި އަތް ޖައްސައިލިއެވެ. އެއާއެކު އަފްނާން މައުވާގެ ގައިގައި ބައްދައިލިއެވެ.

*****

އެގޮތުގައި ހަފްތާއެއް ފާއިތުވެގެން ދިޔައިރު އެ ދެމެދުގައި ވަރުގަދަ ގުޅުމެއް އުފެދިފައިވެއެވެ. އިތުބާރަކުން ގުޅި ލާމެހިފައިވާ ދެ ހިތުގައިވެސް އެކަކު އަނެކަކަށް ޓަކައި ވަނީ ވަރަށްވެސް ފުން ލޯތްބެކެވެ. ޖަޒުބާތުތަކެކެވެ.

ރޭގަނޑެކެވެ. ކެއުން ނިންމާލާފައި ދެމީހުން ވެސް ގަސްތުކުރީ ރަށުގެ ގޮނޑުދޮށުގައި ހިނގާލުމަށެވެ. މާދަމާ މާލެ ފުރަން ހަމަޖެހިފައިވާތީ އެރޭގެ ހިތްގައިމުކަމުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ދެމީހުންވެސް ތިބީ ބޭނުންވެފައެވެ.

"މައު ކޮން އިރަކު ކޯސް ލިބުނު ވާހަކަ މަންމަމެން ކައިރީގައި ބުނާނީ؟" އަފްނާން ސުވާލުކޮށްލިއެވެ. އޭރު އޭނާ ހުރީ މައުވާގެ އަތުގައި ހިފައްޓާލައިގެންނެވެ. އެމީހުން ހިނގަމުން ދިޔައީ ރަށުގެ ގޮނޑު ދޮށާ ދިމާލަށެވެ.

"މާލެ ގޮސް ބުނާނީ." މައުވާ ބުނެލިއެވެ. މީގެ މަހެއްހާ ދުވަސްކުރިން މައުވާ ޔޫކޭގެ ޔުނިވާރސިޓީއަކަށް އެޕްލައިކުރިއެވެ. އަފްނާންގެވެސް އެދުމާއެކުގައެވެ. އެ ކޯސް ލިބުނުކަމުގެ ލިޔުން ލިބުނީ އިއްޔެވެ. އަފްނާންވެސް ގަސްތުކޮށްގެން ހުރީ މައުވާއަށް ކޯސް ލިބުމުން އޭނާވެސް ކިޔަވަން މައުވާއާއެކު އެކޮޅަށް ބަދަލުވާށެވެ. މައުވާ އެ ވާހަކަ ބުނާއިރު އޭނާވެސް އެކަން އާއިލާއަށް ހާމަކުރުމަށް އަފްނާން ނިންމިއެވެ.

ގޮނޑު ދޮށަށް ފޭބިއިރު ހަނދުވަރުގެ ރިހިއަލިން ދުނިޔެމަތި ވަނީ އަލިކޮށްލާފައެވެ. މޫދުގެ ލޮނުގަނޑަށް ހަނދުގެ އަލި އެޅިފައިވާ ގޮތުން ރިހި ދަޅައެއް އަޅަމުން ދިޔައެވެ. ޖެހިލާ ލުއިލުއި ރޯޅިތަކުން ތަނުގެ މާހައުލުގައި ފިނިކަމެއް އުފައްދާފައިވެއެވެ. ހަމަހިމޭންކަމާއި އަމާންކަމުން ފުރިގެންވީ އެ މާހައުލުގައި ވަނީ އަޖައިބުކުރުވަނިވި ހިމޭންކަމެކެވެ. މަސްތީކަމެކެވެ. އުޑުމަތީގައި ވިލާ ރޮއްޖެއްހާ މިންވަރުވެސް ފެންނާކަށް ނެތެވެ. އެހެންކަމުން އެ ހަނދުގެ ދަރުބާރުގައި ފިޔަޖަހަމުންދިޔަ ތަރިތަކުން އުޑުމަތި ވަނީ ޖަރީކޮށްލާފައެވެ. ހީވަނީ އުޑުމައްޗަށް އުކާލެވިފައިވާ ކުދި ކުދި ޖަވާހިރު ކޮޅުތަކެއް ހެންނެވެ.

އަފްނާންގެ މައުވާގެ އުނަގަނޑުގައި އަތް އަޅުވާލާ ކައިރިކޮށްލިއެވެ.

"އަހަރެން ވަރަށް ލޯބިވޭ. ދުވަހަކު ދޫނުކޮށްލާނަން." އަފްނާން މައުވާގެ ކަންފަތް ދޮށުގައި ބުނެލިއިރު އަފްނާންގެ ތުންފަތް އޭނާގެ ކަންފަތުގައި ކުޑަކޮށް ބީހިލިއެވެ. އެއާއެކު މައުވާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.

"އަހަރެންވެސް ހަމަ އެހާ ލޯބިވޭ." ރައްދު ޖަވާބެއް ދީފައި މައުވާ ވެސް އަފްނާންއާ ކައިރިވެލިއެވެ. ފިނިކަންވާ އެ މާހައުލުގައި އަފްނާންގެ ހޫނުކަމުން މައުވާއަށް އަރާމުވިއެވެ.

ދެހިތުގައިވެސް ކުޅެވެމުން ދިޔައީ އެއް ރާގެކެވެ. އެކަކު އަނެކަކަށްޓަކައި ލޯބި ނޫން އެއްޗެއް ނުވެއެވެ. މުސްތަޤްބަލަށްޓަކައި ކުރެވެނީ ފޮނި އުންމީދެކެވެ. ހިތުގައިވި ބަރުކަންވެސް މާފުކުރުުމުގެ ސަބަބުންވަނީ ފިލައިގެން ގޮސްފައެވެ. މާފުކުރުމަކީ ހަމަ ޔަޤީންވެސް ހިތަށް ހަމަޖެހުން ލިބޭ ކަމެއްކަން ދެމީހުންވެސް ޤަބޫލުކޮށްފިއެވެ. އަފްނާންގެ ލޯތްބާއި ރައްކާތެރިކަމާއި ހިމާޔަތަށް މައުވާއަށް އަބަދު އެދެވެއެވެ.

އަފްނާން މައުވާއަށް ބަލައިލިއެވެ. ފުން ނަޒަރަކުންނެވެ. މައުވާ ފެނިލުމުން އޭނާއަށް އެވާ އިޙްސާސްތަކަށް އަދިވެސް ބަދަލެއް ނާދެއެވެ. އެކަން ދުވަހަކު ބަދަލުވާނެހެނެއް ހިޔެއް ނުވެއެވެ. އެއަށްވުރެ ބޮޑަށް އޭނާ މައުވާ ދެކެ ލޯބިވެއެވެ.

"ވަރަށް ފިނިވެފަ ދޯ ތިހުރީ. ހިނގާ ރޫމަށް ދާން." އަފްނާން މައުވާގެ ފިނިވެފައިވާ އަތްތިލައިގައި ހިފައްޓައިލަމުން ބުނެލުމާއެކު މައުވާ ބޯ ޖަހައިލިއެވެ.

އެވަގުތު ބީޗް ރެސްޓޯރެންޓުގައި ކުޅެން ފެށި މިއުޒިކާއި ލަވައިގެ އަޑު ފޭދިގެން އައިސް އެ ދެމީހުންގެ ކަންފަތާ ހަމައަކަށް ފޯރިއެވެ.

ހިތުގެ އިޙްސާސް އުތުރި އަރަނީ… ފެނިލުމުންނޭ ކަލާ…

ޔާރަކީ ތީކަން ޔަޤީންވީ…. ފެނިލުލުންނޭ ކަލާ….

ހިތުގެ ފުނުގައިވާ އިޙްސާސްތައް އަލުން އާވަނީ

މިތުރު ތީއޭ ހިތުގެ މަންޒިލް ހިތްމަގޭ ބުނަމުންދަނީ

އެތުރިލާ އިޙްސާސް މިމޭގައި ތިޔަނަމޭ ކިޔަމުން ދަނީ…..

އަތު ގުޅާލައިގެން އެ ދެމީހުން ވޯޓަރ ވިލާތަކާ ދިމާލަށް މިސްރާބުޖެހީ އެކަކު އަނެކަކާ އެކު މުޅި އުމުރު އެކުގައި ވުމަށް އެދި ދުޢާ ކުރާ ޙާލުގައެވެ. ދިމާވާ ކޮންމެ އުފަލަކާއި ހިތާމައެއްގައި އެކުގައި ހިއްސާވާން ވަޢުދުވާ ޙާލުގައެވެ. ދިރިއުޅުމަށްޓަކައި ފޮނި އުންމީދުތަކެއް ކުރަމުން އެތަކެއް ފޮނި ހުވަފެންތަކެއް ދެކޭ ޙާލުގައެވެ. އޭރުވެސް ލަވައިގެ އަޑު ހަމައެހާ ފަނޑުފަނޑުކޮށް އިވިއިވި ހުއްޓެވެ.

(ނިމުނީ)

ނޯޓް: ٱلْحَمْدُ لِلَّٰهِ. ވާހަކަ ނިންމާލުމުގެ ހެޔޮ ތައުފީޤު ދެއްވިކަމަށްޓަކައި މާތް ﷲ އަށް ޙަމްދާއި ޝުކުރުކުރަން. ވާހަކަ ފެށިގެން ނިމެންދެން ވިދާޅުވި ހުރިހާ ކިޔުންތެރިންނަށް ވެސް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. ވާހަކަ ކުރިއަށް ގެންދެވުނީ ކިޔުންތެރިންގެ ފަރާތުން ވާހަކައަށް ދެއްވި ތަރުހީބާއި އެއްބާރުލުމުގެ ސަބަބުންކަން އުފަލާއެކު ފާހަގަކޮށްލަން. ހަމައެއާއެކު ވާހަކަ ފެށިގެން ނިމެންދެން ކޮމެންޓްކުރި ހުރިހާ ކިޔުންތެރިންނަށް ވެސް އިޚްލާސްތެރިކަމާއެކު ޝުކުރުރައްދުކުރަން. މި ވާހަކައަކީ ވެސް ތިޔަ ކިޔުންތެރިންނަށް ކަމުދިޔަ، އިބުރަތްތެރި، ތަފާތު ރީތި ވާހަކައަކަށް ވީކަމަށް އުންމީދުކުރަން.

ޝުކުރިއްޔާ!

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު