ބޭރުގެ އެސޯސިއޭޝަންތަކުން ރައީސަށް ސިޓީއެއް؛ އެދުނީ ފަނޑިޔާރުން ވަކިކުރުމުގެ ނިންމުން ބަދަލުކުރަން

ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: ބޭރުގެ އެސޯސިއޭޝަންތަކުން ރައީސަށް ސިޓީއެއް ފޮނުއްވައި އެދުނީ ފަނޑިޔާރުން ވަކިކުރުމުގެ ނިންމުން ބަދަލުކުރަން -- ފޮޓޯ/ ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން މި ސަރުކާރުގެ ސުޕް މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ގޮވާލައި، ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަން (ސީއެލްއޭ)އާއި އިތުރު ތިން އެސޯސިއޭޝަނަކުން މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވައިފިއެވެ.

ސުޕްރީމް ކޯޓުން ތިން ގޮނޑި ހުސްވީ، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމުންނެވެ. އަދި, ސަސްޕެންޝަންގައި ހުންނެވި ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާދެއްވުމުންނެވެ.

މަޖިލީހުން އަޒްމިރަލްދާއާއި މަހާޒު ވަކިކުރީ، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، އިދިކޮޅުން ސުޕްރިމް ކޯޓަށް ވެއްދުމާ އެކު، ސުޕްރިމް ކޯޓުން އެ މައްސަލަ ބަލަނިކޮށެވެ. އެގޮތުން މިދިޔަ ފެބްރުވަރީ މަހު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އަޒްމިރަލްދާއާއި މަހާޒާއެކު ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑުކުރިއެވެ.

ސުއޫދާއި އަޒްމިރަލްދާ ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ އެއީ ސަރުކާރުން ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުމަށް، ފަނޑިޔާރުންނަށް ބިރު ދައްކައި، ކޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.

އެ މައްސަލައަށް ބައިނަލްއަގްވާމީ ގޮތުން ސަމާލުކަން ލިބި، އެކިއެކި ޖަމިއްޔާތަކުން އެ ނިންމުން އަނބުރާ ގެންދަން ވެސް ވަނީ ގޮވައިލާފައެވެ.

އެކަން އެހެން އޮއްވައި ސީއެލްއޭ އަދި ދަ ލޯ އެސޯސިއޭޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ލަވާސިއާ)، ބާ އެސޯސިއޭޝަން އޮފް އިންޑިއާ (ބީއޭއައި) އަދި ނޭޕާލް ބާ އެސޯސިއޭޝަން (އެންބީއޭ) ގުޅިގެން ރައީސް މުއިއްޒަށް އެޑްރެސްކުރެއްވި ސިޓީގައި ވަނީ ފަނޑިޔާރުން ވަކިކުރުން ކުށްވެރިކޮށްފައެވެ.

އެ ސިޓީގައި ވަނީ ބައިނަލްއަގުވާމީ އަދި އިދާރީ ބާ އެސޯސިއޭޝަންތަކުން އެ ސިޓީ ލިޔުނީ، އެކަމުގެ ސަބަބުން ޝަރުއީ ދާއިރާގެ މިނިވަންކަމާއި، ގާނޫނީ ވެރިކަމާއި، އަދުލު އިންސާފު ގާއިމުކޮށް، ހަމަހަމަކަމާއެކު އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅިގެންދާތީ ކަމަށެވެ. އަދި އެ ކަންކަމާ މެދު އެ އެސޯސިއޭޝަންތަކުން ވަރަށް ބޮޑަށް ކަންބޮޑުވާކަން ފާހަގަކޮށްފައިވެއެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި، ސުލޫކީ މަރުހަލާތަކުގައި ބޭނުންކުރާ އިޖުރާއަތާއި، ޖޭއެސްސީން ހުށަހެޅި ލަފަޔާމެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަން ފާހަގަކޮށްފައިވެއެވެ.

އުއްތަމަފަނޑިޔާރާއި ރައީސް މުއިއްޒު ފަނޑިޔާރުންނާއެކު -- ފޮޓޯ/ ރައީސް އޮފީސް

އަދި އެކަމުގައި ބައިނަލްއަގްވާމީ އެހެން ޖަމިއްޔާތަކުން ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަށް ވެސް އެ އެސޯސިއޭޝަންތަކުން އެދިފައިވެއެވެ. އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ދިވެހި ސަރުކާރުގެ ކިބައިން އެ އެސޯސިއޭޝަންތަކުން އެދިފައިވަނީ:

  • ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ވަގުތުން މެދުކަނޑާލައި ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ނިންމުން އުވާލަން.
  • ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަނޑިޔާރުން ވަކިކުރުމަށް އިންސާފުވެރި އަދި ހުޅުވާލެވިފައިވާ މަރުހަލާއެއް ގާއިމުކުރުން.

އެ ސިޓީގައި ސީއެލްއޭއިން ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި:

  • ޝަރުޢީ ދާއިރާގެ މިނިވަންކަމަށް އިހުތިރާމްކޮށް ދެމެހެއްޓުމަކީ ސަރުކާރާއި އެހެނިހެން މުއައްސަސާތަކުގެ މަސްއޫލިއްޔަތެއްކަން.
  • ފަނޑިޔާރެއްގެ މައްޗަށް އުފުލާފައިވާ ދައުވާއެއް ނުވަތަ ޝަކުވާއެއް ވަގުތުން އަދި އިންސާފުވެރިކަމާއެކު ކުރިއަށް ގެންދަންވާނީ އެކަށީގެންވާ އިޖުރާއަތެއްގެ ދަށުންކަން.
  • އިންސާފުވެރި އަޑުއެހުމެއް ފަނޑިޔާރަށް ލިބިގެންވާންޖެހޭކަން.
  • ފަނޑިޔާރުން ސަސްޕެންޑް ކުރެވޭނީ ނުވަތަ ވަކިކުރެވޭނީ އެ ފަނޑިޔާރުންގެ ނާގާބިލުކަން ނުވަތަ އަޚުލާގާ ގުޅުން ހުރި ސަބަބުތަކުގައިކަން.

އެ ސިޓީގައި ބުނެފައިވަނީ ގާނޫނީ ނިޒާމާއި ކޯޓުތަކުގެ މިނިވަންކަމަށް އޮތް އިތުބާރު އަލުން އާރާސްތުކުރުމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން، ރައްޔިތުންގެ މަޖިލީހަށް ރައީސް މުއއިްޒު ވަނީ އެ ދެ ބޭފުޅުންގެ ނަން ވެސް ހުށަހަޅުއްވާފައެވެ.

އަދި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ވަނީ އެ ދެ ބޭފުޅުން އެ މަގާމަށް ޝަރުތު ހަމަވާކަމަށް ނިންމައި، އައްޔަނުކުރުމަށް ފާސްވެސްކޮށްފައެވެ.

comment ކޮމެންޓް