ކޮރަޕްޝަންގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކޮށް, ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި, މުހައްމަދު ޝަމްއާން ވަހީދުގެ މައްސަލަ ބަލައިގަންނަން ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.
ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ.
އެ މައްސަލައިގައި ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ މާރިޗް މަހުގެ 22ގައެވެ. އެ މުއްދަތު ހަމަވުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން މިދިޔަ އޭޕްރިލް މަހުގެ ހަވަނަ ދުވަހު ވަނީ އަމުރުކޮށްފައެވެ.
ޝަމްއާން ބަންދުކުރުމަށް ކުރި ދެ އަމުރު އޭނާ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ނަމަވެސް އޭޕްރިލް މަހުގެ 29ގައި ހައި ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ އެ ދެ އަމުރު ވެސް ބާތިލު ކުރާނެ ތަނެއް ނެތް ކަމަށެވެ.
އެއަށްފަހު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވީ މައްސަލަ ބަލައިނުގަތުމަށެވެ. ރަޖިސްޓްރާގެ ނިންމެވުމުގައި ވަނީ ހައި ކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް ބަލަން ޖެހޭ ޝަރުއީ ނުވަތަ ގާނޫނީ ސަބަބެއް އިސްތިއުނާފީ ނުކުތާތަކުގައި ބުނެދެވިފައި ނުވާ ކަމަށެވެ.
އެ ނިންމެވުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅުމުން، ސުޕްރީމް ކޯޓުން މިއަދު ވަނީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ބަލައިގަތުމަށް ނިންމައިފައެވެ.
ނޮވެންބަރު 19، 2023ގައި އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމަށް އައްޔަނުކުރި ޝަމްއާން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތުހުމަތުގައި މިދިޔަ މާރިޗް މަހުގެ 20 ވަނަ ދުވަހު ވަނީ މަގާމުން ވަކިކޮށްފައެވެ. އޭގެ އެއް ދުވަސް ފަހުން އޭނާ ހައްޔަރުކޮށް މުއްދަތު ޖެހުމަށް ފަހު، މިހާރު އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އިމިގްރޭޝަންގެ އޮފިސަރުންތަކެއް ހިންގި ކަމަށް ބެލެވޭ ކޮރަޕްޝަނުގެ މައްސަލައިގައި ޝަމްއާނުގެ އިތުރުން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ:
- މުޙައްމަދު އަލްސަން އިސްމާއިލް، 21 އަހަރު، މޫނިމާގެ، ތ. ބުރުނި
- އިބްރާހިމް އަޙްމަދު، 37 އަހަރު، ގ. ހެޕީސައިޑް
- ހަސަން ސަހެޝާން، 47 އަހަރު، ގ. ހެޕީސައިޑް
- އަހްމަދު ލައްސާނު، 40 އަހަރު، މ. ހަޒާރީވިލާ
އެ މައްސަލައިގައި ޝަމްއާންގެ މައްޗަށް ވަނީ، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައެވެ. އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް އެއް އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ކުރުމުގެ ފުރުސަތު އޮންނާނެއެވެ.
އެ މައްސަލައިގައި ދެން ޝާމިލުވާ މީހުންނަށް ވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި އިތުރު ދައުވާތައް ކޮށްފައިވެއެވެ.
ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީ އޭނާގެ މައްޗަށް ފްރޭމްކޮށްފައިވާ މައްސަލައެއްގައި ކަމަށް އޭނާގެ އަނބިމީހާ ހިދުފާ ފާއިޒު ވަނީ ބުނެފައެވެ. އެގޮތުން ޝަމްއާނުގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތަކެއް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ ގޮތުން ކަމަށެވެ. އަދި ޝަމްއާން ބަންދުކުރަން އިހުސާން މަސައްކަތް ފެށި އަނެއް ސަބަބަކީ، އޭނާގެ އަތުގައި އިހުސާންގެ "ވީޑިއޯ"އެއް އޮތް ކަމަށް އިހުސާނަށް ގަބޫލުކުރެވޭތީ ކަމަށް ތުހުމަތުކޮށްފައިވެއެވެ.
އެ ކޮރަޕްޝަނުގެ ތުހުމަތުތައް ރައީސް ޑރ. މުޙައްމަދު މުއިއްޒާ ވެސް ޝަމްއާން ހިއްސާކުރުމުން، އެ މަނިކުފާނު ފިޔަވަޅެއް އަޅުއްވާފައިނުވާ ކަމަށް އާއިލާއިން ބުނެއެވެ. ނަމަވެސް ސަރުކާރުން ވަނީ ތުހުމަތުތައް ދޮގުކޮށްފައެވެ.