އަޟްހާ އީދުގެ އުފަލުގައި ހުރިހާ ފަންތިއެއްގެ ރައްޔިތުން ވެސް ބައިވެރިކުރުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު މިއަދު އެދިވަޑައިގެންފިއެވެ.
އުފާވެރި އަޟްހާ އީދުގެ ތަހުނިޔާއާއި މުބާރަކުބާދީ، އިސްލާމީ އުންމަތުގެ އެންމެހައި އަޚުންނާއި އުޚުތުންނަށް އަރިސް ކުރައްވަައި، ސިޔާމް ފޮނުއްވި ޚިތާބުގައިވަނީ އަޟްހާ އީދަކީ ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިލާމެހިފައިވާ އުފާފާޅުކުރުމުގެ ދުވަސްތަކެއް ކަމުގައިވާއިރު، ޙައްޖުގެ އަޅުކަމުން ލިިބިދޭ ފިލާވަޅުތަކުން އިބުރަތް ހާސިލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
އެ ޚިތާބުގައި މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަމުންގެންދާ އެންމެހައި މުސްލިމުންނަށް މަބުރޫރު ޙައްޖެއް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.
އިސްލާމްދީނަކީ އެއްބައިވަންތަ ކަމަށް ބާރުއަޅާ، އަދި ހުރިހާ ކަމެއްގައި ވެސް ހަމަހަމަ ކަމަށް އިސްކަންދޭ ދީން ކަމުގައިވާއިރު، ދިރިއުޅުމުގައި ވެސް މި މަތިވެރި އުސޫލުތައް ދެމެހެއްޓުމަށް އިޚުލާސްތެރިކަމާ އެކު ސިޔާމް ވަނީ ގޮވާލައްވައިފައެވެ.
އީދުގެ އުފާފާޅު ކުރުމުގައި އިސްލާމްދީނުގެ އުސޫލުތަކާއި މުޖުތަމައުގެ އަޚްލާގީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެންމެހައި ފަރާތްތަކަށް އެ މަނިކުފާނު އިލްތިމާސްކުރެއްވިއެވެ. އަދި، އީދުގެ އުފާވެރިކަމުގައި މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ ރައްޔިތުން ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމަށް ހިތްވަރުދެއްވިއެވެ. އީދަކީ އަޅައިލުމާއި އޯގާތެރިކަން އިސްކުރުމުގެ ޚާއްސަ ފުރުސަތެއް ކަމުގައިވާތީ، މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެ މަނިކުފާނުވަނީ އެދިވަޑައިގެންފައެވެ.
ސިޔާމުގެ ޚިތާބު ނިންމަވައިލެއްވީ މި އުފާވެރި އަޟްހާ އީދުގެ ދުވަސްތަކަކީ ދިވެހީންނަށާއި، މުޅި އިސްލާމީ އުންމަތަށް ހުރިހާ ރޮނގަކުން ވެސް ފާގަތިކަމާއި ބަރަކާތް ލިބިގެންވާ ދުވަސްތަކެއް ކަމުގައި ލެއްވުން އެދި ދުއާ ދަންނަވަމުންނެވެ.
މިއަދަކީ މި އަހަރުގެ ޙައްޖު ދުވަހެވެ. މާދަމާއަކީ ޢީދު ދުވަހެވެ.
މުސްލިމުންގެ ދެ ޢީދަކީ ވެސް ރާއްޖޭގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ދެ މުނާސަބަތެވެ. އުފާވެރި އަޟްހާ އީދުގެ ތައްޔާރީތައް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ވަމުން އެބަދެއެވެ.