ސިންގަޕޫރާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުން ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު މަސައްކަތްކުރާނީ ޓީމުގެ ރޭވުންތެރިކަން ރަނގަޅުކޮށް، ޓިމޯ ލެސްޓޭ މެޗަށް ޓީމު ރަނގަޅަށް ތައްޔާރުވުމަށް ކަމަށް ގައުމީ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.
ބުރާސްފަތި ދުވަހުުގެ ހަވީރު ސިންގަޕޫރާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ވާހަކަދައްކަމުން ސުޒެއިން ވަނީ އޭޝިއަން ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުގައި ފިލިޕީންސް އަތުން ބަލިވި މެޗުގައި ޓީމުގެ ފަރާތުން ރަނގަޅުކުރަން ޖެހޭ ކަންކަން ފާހަގަކޮށްފައެވެ. އެގޮތުން، އެ މެޗު ކުޅުނުއިރު ރާއްޖޭގައި ފުޓުބޯޅަ ލީގު ނެތްކަން ސުޒެއިން ފާހަގަކުރިއެވެ. އެ މެޗާ ކުރިމަތިލީ ވަރުގަދަ އެއްވެސް މެޗެއް ނެތިކަން ސުޒެއިން ފާހަގަކުރިއެވެ.
ސުޒެއިން ދެން ފާހަގަކުރީ ދާދިފަހުން މާލޭގައި ބޭއްވި އެފްއޭއެމް ލީގު ކަޕުގެ ސަބަބުން ޓީމުގެ ކުޅުންތެރިންނަށް އޭގެ ފައިދާކުރި ވާހަކައެވެ.
"ފިލިޕީންސް މެޗުގައި ހަގީގަތުގައި އުނދަގޫވީ ލީގު މެޗެއްނެތި ކުޅެން ޖެހުނީމާ. އެކަމަކު މި ފަހަރު ކުޅުނު ކުރު މުބާރާތަށް (އެފްއޭއެމް ލީގު ކަޕް) ފަހު ކުޅުންތެރިންގެ ކޮންފިޑެންސް ރަނގަޅު،" މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ސުޒެއިން ބުންޏެވެ.
މީގެ އިތުރުން، ޓީމުގައި ރަނގަޅުކުރަންޖެހޭ ކަންކަން ހުރިކަން މި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒެއިން ފާހަގަކުރިއެވެ. އެގޮތުން، ޓީމު ޑިފެންސްލައިންއާއި މެދުތެރެއިން ރަނގަޅުކުރަންޖެހޭ ކަންކަން ހުރިކަން ކޯޗު ސުޒެއިން ވަނީ ފާހަގަކޮށްފައެވެ.
"މަސައްކަތް މި ކުރަނީ ޑިފެންސިވްކޮށް، ދެން މެދުތެރޭގެ ރޭވުންތެރިކަން ސިންގަޕޫރު މެޗުން ރަނގަޅުކޮށްލަން،" ސުޒެއިން ބުންޏެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭއިރު ރާއްޖޭގެ މިޑްފީލްޑް ރަނގަޅަށް އޮތުން މުހިންމު ކަމަށާއި އެ ކަންކަމަށް ފުރިހަމަ ސަމާލުކަމެއް ދޭނެ ކަމަށް ކޯޗު ފާހަގަކުރިއެވެ.
ސިންގަޕޫރާއި ރާއްޖެ ބައްދަލުކުރާ އެކުވެރިކަމުގެ މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެ ހަވީރު ރާއްޖެގަޑިން 16:30 ގައެވެ.