އިނގިރޭސިއާއި އުރުދޫ ހިމެނޭހެން ޙައްޖު ޚުތުބާ 35 ބަހަކުން ދައްކާނެ

މިއަހަރުގެ ހައްޖު ޚުތުބާ 35 ބަހަކުން ދިނުމަށް ވަނީ ހަމަޖެހިފައި. ފޮޓޯ/ސައުދީ ޕްރެސް އޭޖެންސީ

ގިނަ ބަޔަކަށް ޙައްޖު ޚުތުބާ ފޯރުކޮށްދިނުމުގެ މަގުސަދުގައި އެ ޚުތުބާ 35 ބަހަކަށް ތަރުޖަމާކޮށް ދައްކާނެ ކަމަށް ދެ ހަރަމްގެ ކަންކަން ބަލަހައްޓާ ސައުދީ އަރަބިއާގެ އިދާރާއިން އިއުލާނުކޮށްފިއެވެ.

އޭގެ ތެރޭގައި އިނގިރޭސި އަދި އުރުދޫ ބަސްވެސް ހިމެނެއެވެ. އެކަމުގެ ސަބަބުން މުޅި ދުނިޔޭގައި އެކި ކަންކޮޅުތަކުގައި އުޅޭ ފަސް މިލިއަނަށްވުރެ ގިނަ މުސްލިމުންނަށް ޚުތުބާ ފޯރުކޮށްދެވޭނެ އެ އިދާރާއިން ބުނެއެވެ.

މި އަހަރުގެ އަރަތު ދުވަހުގެ ޚުތުބާ ދެއްވާނީ މަސްޖިދުލް ޙަރާމުގެ އިމާމެއް ކަމަށްވާ ޝައިޚް ޑރ ސާލިޙް ބިން ހުމައިދުއެވެ.

ޚުތުބާ ތަރުޖަމާ ކުރުމުގެ މި މަޝްރޫއަކީ ސައުދީން މިހާތަނަށް ހިންގާ މި ފަދަ އެންމެ ބޮޑު ހަރަކާތެވެ. އެ މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވީ މާތްވެގެންވާ ދެ ހަރަމްފުޅުގެ ކަންކަން ބަލަހައްޓާ އިދާރާގެ ދީނީ ކަންކަމާގުޅޭ ރައީސް، ޝައިޚް ޑރ އަބްދުލްރަޙްމާން އަލް ސުދައިސްއެވެ.

އެކަމުގެ މަގުސަދަކީ އިސްލާމް ދީނަކީ މެދުމިނުގެ ދީނެއްގެ ގޮތުގައި ކުރިއެރުވުމާއި އެ މެސެޖް ދުނިޔެއަށް ފޯރުކޮށްދިނުން ކަމަށް ސުދައިސް ވިދާޅުވިއެވެ.

އެ ނިންމުމުގެ ދަށުން ޚުތުބާ ދެމުންދާއިރު ވަގުތުން ތަރުޖަމާ އަރަމުންދާނެއެވެ. އަދި، އިންޓަނެޓު މެދުވެރިކޮށް ވެސް ތަރުޖަމާއާ އެކު ޚުތުބާ ބަލައިލެވޭނެއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި ވެސް ޚުތުބާ ވަގުތުން ހިއްސާކުރާނެއެވެ.

މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ޙައްޖުވެރިން މިހާރު ވަނީ އަރަފާތު ބިމަށް ދަތުރުކޮށްފައެވެ.

މި އަހަރުގެ ޙައްޖުގެ އަޅުކަން ދެ މިލިއަނަށްވުރެ ގިނަ މީހުން އަދާކުރާނެ ކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް