ހުސްވެފައިވާ ބްރޯޑްކޮމްގެ އެސްޖީގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ބްރޯޑްކޮމްގެ މެންބަރުން: އެ ކޮމިޝަނަށް އެސްޖީއަކު ހޯދަން ވަނީ އިއުލާނުކޮށްފައި ---- ފޮޓޯ/ ބްރޯޑްކޮމް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކެރެޓަރީ ޖެރެނަލްގެ މާގަމަށް ކުރިލަތިލާން މިއަދު ހުޅުވާލައިފިއެވެ.

ބްރޯޑްކޮމްގެ އެސްޖީ ކަމުގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ނިންމުތައް ތަންފީޒުކުރުމަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ، އެމަގާމުގައި ހުންނެވި މަރްޔަމް ޒީނިޔާ މަގާމުން ވަކިކުރުމުންނެވެ.

ބްރޯޑްކޮމްއިން ކުރި އިއުލާނެއްގައި ވަނީ، އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ މިމަހުގެ 23ވާ ހޯމަ ދުވަހުގެ 13:00އަށް ކަމަށެވެ.

އެގޮތުން، އެމަގާމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށް ކަމަށް އެ އިއުލާނުގައި ވެއެވެ. އެ މަގާމަށް އައްޔަންކުރާއިރު މަސައްކަތާ ގުޅޭ ދާއިރާއަކުން ހޯދާފައިވާ ތައުލީމާ ތަޖުރިބާއަށް ބަލާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެސްޖީގެ މަގާމަށް ހޮވޭ މީހަކަށް މުސާރައާއި ލިވިން އެލަވަންސާއި ފޯނު އެލަވަންސްގެ އިތުރުން މަގާމުގެ މަސައްކަތާ ގުޅިގެން ކަނޑައަޅާފައިވާ އެހެނިހެން އެލަވަންސްތައް ލިބޭނެއެވެ. އެގޮތުން:

  • މުސާރައަށް 20،500 ރުފިޔާ
  • ލިވިން އެލަވަންސް 15،000 ރުފިޔާ
  • ފޯނު އެލަވަންސަށް 700 ރުފިޔާ

މީގެ އިތުރުން ވެސް މަގާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވެންސްތައް ބްރޯޑްކޮމްގެ އެސްޖީއަށް ލިބޭނެއެވެ.

އިއުލާނުގައި ވަނީ، ކޮންމެ އަހަރަކު އެސްޖީގެ މަސްއޫލިއްޔަތުގެ ފެންވަރު ބެލާނެ ކަމަށެވެ.

އެމަގާމަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭ ޝަރުތުތަކަކީ:

  • މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ނުވައަކަށް މަތީ ސަނަދެއް ހާސިލްކޮށްފައިވުން
  • ހިންގުމުގެ ދާއިރާއިން މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ހުރުން ނުވަތަ މާސްޓާސް ޑިގްރީ ހާސިލްކޮށް، ހިންގުމުގެ ދާއިރާގައި މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ހުރުން
  • ލެވެލް ހަތެއް ނުވަތަ އަށެއް ހާސިލުކޮށް، ހިންގުމުގެ ދާއިރާގައި މަދުވެގެން ފަސް އަހަރުގެ އަހަރު ތަޖުރިބާ ހުރުން
  • ހިންގުމުގެ ދާއިރާގައި ސީނިއާ މެނޭޖްމެންޓާއި އެގްޒެކެޓިވް ލެވެލްގައި މުވައްޒަފުން ގޮވައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިހުރުން
  • ޕްރޮފެޝަނަލް، އެޑްމިނިސްޓްރޭޓިވް އަދި ޓެކްނިކަލް މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއިއެކު މުއާމަލާތު ކުރަން އެނގުން
  • މަސައްކަތުގައި ގިނަ ވަގުތު ހޭދަ ކުރެވޭ މީހަކަށް ވުން
  • ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި އެމީހެއްގެ އަމިއްލަ މަސްލަހަތެއް ނުހިމެނޭ މީހަކު ކަމަށްވުން
  • މަގާމަށް ގާބިލް މީހެއްކަމާއި ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވައިދުތަކާއި ވަޒީފާއާ ބެހޭ ގާނޫނާއި ގަވައިދުތައް އެނގޭމީހެއްކަން ކޮމިޝަންގެ މެންބަރުންގެ އިންޓަވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.

ބްރޯޑްކޮމްގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް، އެ ތަނުގެ ރައީސާއި މެންބަރުން ހައްދެއް ނެތި ހުރަސް އަޅަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް މިދިޔަ މަހުގެ 18ވަނަ ދުވަހު ވަނީ ޕެޓިޝަނެއް ހުށަހަޅައިފައެވެ.

އެ ޕެޓިޝަންގައި ވަނީ، ކޮމިޝަނުގެ ރައީސްގެ ފަރާތުންނާއި ބައެއް މެންބަރުންގެ ފަރާތުން އެ ކޮމިޝަނުގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަމަށް، ވަކި ހައްދެއް ހުދޫދެއް ނެތި، އަދި އިދާރީ އޮނިގަނޑަށް އިޙުތިރާމް ކުރުމެއް ނެތި، އެ ތަނުގެ ސެކްރެޓަރީ ޖެނެރަލާއި ޑިރެކްޓަރުންގެ ވާޖިބުތަކަށް ހުރަސް އަޅަމުންދާ ކަމަށެވެ.

ނަމަވެސް، ޕެޓިޝަނެއް ހުށަހެޅިއިރު, އެ ކަންބޮޑުވުންތައް ކޮމިޝަންގެ މެންބަރުންނާ ހަމައަށް ގެނެސްފައި ނުވާ ކަމަށް, ކޮމިޝަންގެ ރައީސް ޞަފާ ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ޞަފާ ވިދާޅުވީ އޭނާ އާއި ކޮމިޝަންގެ އެހެން މެންބަރުން ވެސް މަސައްކަތް ކުރަމުން އަންނަނީ މުވައްޒަފުންނާ ވަރަށް ގާތުން, ގުޅިގެން ކަމަށެވެ. މުވައްޒަފުންގެ ވާހަކަތައް އަބަދުވެސް އަޑުއަހާ ކަމަށާއި ނަމަވެސް ޕެޓިޝަންގައި އެ އޮތް ބޮޑެތި ކަންބޮޑުވުންތަކަކީ އޭނާ އާއި ކޮމިޝަންގެ މެންބަރުންނާ ހަމައަށް ގެނެސްފައިވާ ކަންކަން ނޫންކަން ޞަފާ ފާހަގަ ކުރެއްވިއެވެ.

comment ކޮމެންޓް