ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އުފެއްދި ފަހުން މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް ސިޔާސީ މުވައްޒަފުންނަށް ލިވިން އެލަވަންސަށް އެކަނި 5.42 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ސަން"އިން އެދިފައިވާ މައުލޫމާތަށް ދިން ޖަވާބުގައި އެ މިނިސްޓްރީން ވަނީ، ނޮވެންބަރު 17، 2023އިން ފެށިގެން މި އަހަރުގެ އޭޕްރިލް 30ގެ ނިޔަލަށް ސިޔާސީ މުވައްޒަފުންގެ މުސާރައާއި އިނާޔަތަށް ކުރި ޚަރަދު ހާމަކޮށްފައެވެ.
އެ މައުލޫމާތުގައިވާ ގޮތުން މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދު 48އަށް އަރައެވެ. އޭގެ ތެރޭގައި ތިން ސްޓޭޓް މިނިސްޓަރުންނާއި 10 ޑެޕިއުޓީ މިނިސްޓަރުން ހިމެނެއެވެ. އަދި, 21 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި 13 ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނެއެވެ.
އެ އެންމެންނަށް ވެސް ލިވިން އެލަވަންސާއި ފޯން އެލަވަންސް ލިބެއެވެ. އެ ގޮތުން ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނަށް ލިވިން އެލަވަންސްގެ ގޮތުގައި 12،500 ރުފިޔާ ލިބޭއިރު، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކަށް 10،000 ރުފިޔާ ލިބެއެވެ. އަދި, ޕޮލިޓިކަލް ޑިރެކްޓަރުންގެ ލިވިން އެލަވަންސަށް 9،000 ރުފިޔާ ލިބެއެވެ.
ފޯނު އެލަވަންސްގެ ގޮތުގައި ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނަށް 1،000 ރުފިޔާ ލިބޭއިރު ޕޮލިޓިކަލް ޑިރެކްޓަރުންނަށް 500 ރުފިޔާ ލިބެއެވެ.
ޖުމުލަ މުސާރައަށް ބަލާއިރު:
- ސްޓޭޓް މިނިސްޓަރުންނަށް: 40،050 ރުފިޔާ
- ޑެޕިއުޓީ މިނިސްޓަރުންނަށް: 29،700 ރުފިޔާ
- ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނަށް: 24،000 ރުފިޔާ
- ޕޮލިޓިކަލް ޑިރެކްޓަރުންނަށް: 20،500 ރުފިޔާ
އެ މިނިސްޓްރީން މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ކޮށްފައިވާ ޖުމްލަ ޚަރަދަށް ބަލާއިރު، އަސާސީ މުސާރައަށް 6.91 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި، ފޯނު އެލަވަންސް 335،508.58 ރުފިޔާ ޚަރަދުކޮށްފައިވާއިރު، ލިވިން އެލަވަންސަށް 5.42 މިލިއަން ރުފިޔާ ދީފައިވެއެވެ.
އެއީ، މުސާރައާއި އެލަވަންސްތަކަށް ޖުމްލަ 12.7 މިލިއަން ރުފިޔާއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ފުރަތަމަ ވަޒީރު ޑރ. އާއިޝަތު ރަމީލާ: ސިއްހީ ހާލަތު ހުރި ގޮތުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައި -- ފޮޓޯ/ އެގްރިކަލްޗާ މިނިސްޓްރީ
ކުރީގެ ގިނަ ސަރުކާރުތަކުގައި ދަނޑުވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރަމުން އައީ ފިޝަރީސް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް، ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ ބޮޑު ކެބިނެޓާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ގުޅުންހުރި ކަންތައްތަކަށް ޚާއްސަ އިސްކަމެއް ދެއްވުމުގެ ގޮތުން އެކަމަށް ވަކި މިނިސްޓްރީއެއް އުފެއްދެވީއެވެ.
އެ މިނިސްޓްރީގައި ފުރަތަމަ ހުންނެވީ ޑރ. އާއިޝަތު ރަމީލާއެވެ. ނަމަވެސް ސިއްހީ ހާލަތު ހުރި ގޮތުން މިދިޔަ އަހަރުގެ ޑިސެންބަރު މަހު އޭނާ މަގާމުން އިސްތިއުފާ ދެއްވިއެވެ. އެއަށް ފަހު ރައީސް އެ މިނިސްޓްރީ ހަވާލުކުރެއްވީ، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ކަމުގައި ހުންނެވި ޑރ. މަރިޔަމް މާރިޔާއާއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު އެ މިނިސްޓްރީން އެއް މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިދިޔަ އަހަރު އެ މިނިސްޓްރީއަށް 31.9 މިލިއަން ރުފިޔާ ބަޖެޓުކުރިއިރު، 53.6 މިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އެއީ، ބަޖެޓުކުރި އަދަދަށްވުރެ 21.7 މިލިއަން އިތުރު އަދަދެކެވެ.
މި އަހަރު އެ މިނިސްޓްރީގެ ބަޖެޓު 65.7 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާއިރު، ފުރަތަމަ ފަސް މަސް ތެރޭގައި ޚަރަދުކޮށްފައިވަނީ 16.2 މިލިއަން ރުފިޔާއެވެ.
މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަކު، އެކި މަސްދަރުތަކުން 'ސަން'އަށް އެނގިފައިވާ ގޮތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު މިހާރު އުޅެނީ 2،000 އާއި 3،000 އާ ދެމެދުގައެވެ.
ސިޔާސީ މުވައްޒަފުން ގިނަކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން ފާޅުކުރަމުން އަންނަނިކޮށް މިދިޔަ އަހަރުގެ އޮކްޓޫބަރު 15 ގައި ރައީސް މުއިއްޒު ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމަވައި، އެކަން އިއުލާނުކުރައްވައިފައެވެ. އޭގެ ފަހުން މިދިޔަ ނޮވެންބަރު މަހުގެ އެއް ވަނަ ދުވަހު ރައީސް އޮފީހުން ވަނީ 248 ސިޔާސީ މުވައްޒަފުން ވަކިކުރިކަން ހާމަކޮށްފައެވެ.
އެ މީހުންގެ ތަފުސީލުތައް ހޯދަން އެދުމުން ރައީސް އޮފީހުން ވަނީ އެ ކަމަށް ދެކޮޅު ހަދައިފައެވެ. އެ މައްސަލަ އިސްތިއުނާފުކުރުމުން، އެ މަައުލޫމާތު ހާމަކުރަން ޖަނަވަރީ 23 ވަނަ ދުވަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް ވަނީ ނިންމައިފައެވެ. އެކަމަކު، ރައީސް އޮފީހުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ސިޔާސީ މުވައްޒަފުންނާއި ވަކިކުރި ކަމަށް އިއުލާނުކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ސިއްރުކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މައުލޫމާތު ހާމަކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ މިދިޔަ މަހުގެ ތިން ވަނަ ދުވަހު ބޭއްވެވި ތާރީޚީ ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަނުކުރަން ހައިކޯޓުގައި މައްސަލަ އޮތްކަން ވެސް އެ މަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މައުލޫމާތު ހާމަނުކޮށް އޮވެގެން ނުވާނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ.
ސަރުކާރުގައި އެކި ފެންވަރުގައި އައްޔަންކޮށްފައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ވެސް ލިޔުމުން ހާމަކުރައްވާނެ ކަމަށް އެ މަނިކުފާނު އެ ދުވަހު އިއުލާނުކުރެއްވިއެވެ.
ނަމަވެސް އޭގެ ފަހުން މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވިއިރު ވެސް ހާމައެއް ނުކުރައްވައެވެ.