ބޮޑު ޢީދަކީ އެންމެ އުފާވެރި އެއް ޢީދެވެ. ކޮންމެ ރަށެއްގައި ވެސް ޚާއްސަ ގިނަ ކުޅިވަރުތައް ކުޅެހަދައެވެ. ގިނަ ރަށްރަށުގައި ފަސް ދުވަހަށް ބަހާލައިގެން މުޅި ޢީދުގައި ވަރަށް ފޯރި ނަގައެވެ.
އެހެންވެ، ކޮންމެ ބޮޑު ޢީދަކަށް ރަށްރަށަށް ދިއުމަކީ ދިވެހީންގެ ވަރަށް ބޮޑު ސަގާފަތެކެވެ.
އެކަމަކު، ވަޒީފާ ނުވަތަ އެ ނޫން ވެސް ސަބަބުތަކާ ހުރެ ޢީދު ބަންދު އެއްކޮށް މާލޭގައި ހޭދަކުރަންޖެހޭ މީހުން ވެސް މަދެއް ނޫނެވެ. ޚާއްސަކޮށް، އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ އޮފީސްތަކުގެ ތެރެއިން ވެސް ބަންދުނުކުރެވޭ އޮފީސްތަކުގައި މަސައްކަތްކުރާ 'ނަސީބުދެރަ' މީހުންކޮޅެވެ.
"ވަރަށް ދުރާލައި ޕްލޭންކުރިން ޢީދަށް ދާން. އެކަމަކު، އޮފީސް ކޮޅުން ފަހު ވަގުތު ތާށިވީ. އެހެންވެ، މާލޭގައި އޮފީހުގައި ހުންނަން ޖެހޭނީ ޢީދުގައި،" ޢީދަށް ދިއުމުގެ ނަސީބު ނުލިބި މާލޭގައި ތާށިވެފައި ހުރި ރައްޓެއްސަކު އޭނާގެ ހިޔާލު ކިޔައިދިނެވެ.
"ރަށުގައި ވަރަށް ވަރުގަދައަށް ފާހަގަކުރާނެ ޢީދު. އެހެންވެ، ވަރަށް މިސްވޭ. އަނެއްކާ، ވޯކްގައި އިންނަން ޖެހުނީމާ ފާޑަކަށް ދުނިޔެ މަތިން ފޫހިވަނީ. ގޭ އެހެން އެންމެން ވެސް ވީ ޢީދަށް ގޮސް،"
ޢީދަށް ނުދެވޭ މީހުންނަށް ދެން އޮތީ މާލޭގައި އުފާ ކުރުމެވެ.

ހުޅުމާލޭގައި ރޭ ޢީދު ހުޅުރޯކޮށްފައި: މާލެއާއި ހުޅުމާލޭގައި ވެސް ޢީދު ފާހަގަކުރާނެ --- ސަން ފޮޓޯ/ މާނިއު މުހައްމަދު
ކޮންމެ އަހަރަކު ވެސް މިހާރު ރަށްރަށުގެ 'ފޯރި' ނޭރުވުނު ނަމަވެސް މާލޭގައި ވެސް ޢީދު ފާހަގަކުރެއެވެ. އެހެންވެ، މާލޭގައި 'ތާށި'ވެފައި ތިބި މީހުންނަށް މާލޭގައި ވެސް ކުޅިވަރުތައް އެބައޮތެވެ. އޮފީސް ނިންމާފައި ގޭގައި އިންނާނެ ކަމެއް ނެތެވެ.
މާލޭގައި ހުރި ބައެއް ހަރަކާތްތައް:
- ހުޅުމާލޭގައި ވޯޓާ ސްޕޯޓްސްގެ ހަރަކާތްތައް - މިއަދު ހަވީރު ރުއްގަނދު އެކެއް ސަރަހައްދުގައި
- ކުޑަކުދިންގެ ހަވީރު - ޢީދުގައި ހުޅުމާލޭ ސެންޓްރަލް ޕާކް، ހިޔާ ޕާކް އަދި މާލޭ ޖުމްހޫރީ މައިދާނުގައި
އެ ނޫން ވެސް އެކިއެކި ހަރަކާތްތައް މާލޭގައި ވެސް އެބައޮތެވެ. މިއަދު ހެނދުނު ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރާއިރު ނަމާދަށް ފަހު ބައެއް ސަރަހައްދުތަކުގައި ޢީދު ސައި ވެސް އެބައޮތެވެ. އެއަށް ފަހު، އުޟްހިޔާ ކަތިލުމާއި އެ ނޫން ވެސް ހަރަކާތްތައް އެބައޮތެވެ.
ރަށްރަށަށް ނުދެވި ތިބި މީހުންނަށް ކުރެވިދާނެ އިތުރު ކަމަކީ ރަށަށް ނުގޮސް ތިބި އާއިލާގެ މީހުން ގާތަށް ޒިޔާރަތްކޮށް، ގުޅުން ބަދަހިކުރުމެވެ. ޢީދުތަކުގެ އެންމެ މުހިންމު އެއް ބޭނުމަކީ ގުޅުން ބަދަހިކޮށް އެއްބައިވަންތަކަމާއި އަހުވަންތަކަން އާލާކުރުމެވެ.
ޢީދަށް ރަށަށް ނުދެވުނު މީހުންނަށް މިއީ ކުރެވިދާނެ ބައެއް ކަންކަމެވެ.