މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް، ޖުމްހޫރީ މައިދާނުގައި ފައުންޓެއިން ޝޯއަކާއި ހުޅުމާލޭގައި ޖަޔަންޓް ވޯޓާ ސްލައިޑުގެ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ތައްޔާރުވެއްޖެއެވެ.
މި އަހަރުގެ އަޟްހާ އީދުވަނީ މާދަމާ އަށެވެ. އެމްޓީސީސީން ބުނީ، ޖުމްހޫރީ މައިދާނުގައި ބާއްވާ "ޖުމްހޫރީ ފައުންޓެއިން ޝޯ" ކުރިއަށްދާނީ މާދަމާއިން ފެށިގެން އަންނަ އާދިއްތައިގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00ގެ ނިޔަލަށް ކަމަށެވެ.
އެ ކުންފުނިން ބުނީ ޖަޔަންޓް ވޯޓާ ސްލައިޑުގެ ހަރަކާތްތައް ވެސް އަންނަ އާދިއްތައިގެ ނިޔަލަށް ކުރިޔަށް ގެންދާނެ ކަމަށެވެ.
މީގެ ތެރެއިން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި ހަރަކާތް ކުރިޔަށްދާނީ މާދަމައިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. ޖެހިގެން އަންނަ އާދިއްތައިގައި މި ހަރަކާތް އޮންނާނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކު ބީޗު ސަރަހައްދުގައެވެ.
އެމްޓީސީސީން ބުނީ މި ހަރަކާތުގައި ބައިވެރިވުމަށް އަންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ޗޭންޖިން ރޫމްތަކެއް ވެސް، މި ހުރިހާ ސަރަހައްދެއްގައި ތައްޔާރުކޮށްފައިވާ ކަމަށެވެ.
އާއިލާއާއި އެކުވެރިންނާ އެކު މި ހަރަކާތްތަކުގައި ބައިވެރިވުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.
މުސްލިމުންގެ ދެ ޢީދަކީ ވެސް ރާއްޖޭގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ދެ މުނާސަބަތެވެ. އުފާވެރި އަޟްހާ އީދުގެ ތައްޔާރީތައް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ވަމުންދާއިރު، ބައެއް ހަރަކާތްތައް މިހާރުވަނީ ފަށައިފައެވެ.
މި އަހަރުގެ އަޟްހާ ޢީދު ސަރުކާރުން ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ތިން ރަށަކީ، ލ. ގަމާއި، ކ. ގުރައިދޫ އަދި ހއ. ކެލާއެވެ.
އީދުގެ ހަރަކާތްތަކުގައި، އިސްލާމީ އަދި އިޖުތިމާއީ މިންގަޑު ހިފެހެއްޓުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އާއި ލޯކަލް ގަވަނަންސް މިނިސްޓްރީން ވެސް ވަނީ ހަނދާންކޮށްދީފައެވެ.