ޙައްޖުވެރިންނާއި އުމްރާވެރިންނަށް ފަހިކޮށްދޭ ފުރިހަމަ އިންތިޒާމަށް ރައީސްގެ ޝުކުރު ސައުދީ ރަސްގެފާނަށް

ރަސްގެފާނު ސަލްމާނާއި ރައީސް މުއިއްޒު --

ހައްޖުގެ އަޅުކަން އަދާކުރުމަށާއި އުމްރާވުމަށް މައްކާއަށްދާ މީހުންނަށް ފަހިކޮށްދޭ ފުރިހަމަ އިންތިޒާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލްސައުދަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައިވަނީ ސައުދީ ރަސްގެފާނާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދާއި، ސައުދީގެ ރައްޔިތުންނަށް، އިސްލާމްދީނަށާއި މުސްލިމުންނަށް މަންފާ ކުރާނެ ހުރިހާ ކަމެއްގައި ކާމިޔާބު ދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ދެ ހަރަމްފުޅުގެ ބިން ރައްކާތެރި ކުރައްވައި، އެ ތަނުގެ ސަލާމަތްތެރިކަމާއި ފާގަތިކަން ޔަގީން ކުރައްވައި، އެ ތަން ފަޚުރުވެރިކަމާއި އިއްޒަތާއެކު ބޭއްވެވުމަށް އެދި ރައީސް ވަނީ ދުއާ ދަންނަވައިފައެވެ.

އަދި ޚިޔާނާތްތެރިންގެ ކިބައިންނާއި، ހަސަދަވެރިންގެ ނުބައިކަމުންނާއި، މަކަރުވެރިންގެ ރޭވުންތަކުން އެތަން ރައްކާތެރިކަންމަތީ ލެހެއްޓެވުން އެދި ދުއާ ކުރެއްވިއެވެ.

"ސައުދީ ރަސްގެފާނާއި ވަލީއަހުދު، މުޙައްމަދު ބިން ސަލްމާން ރައްކާތެރި ކުރައްވާށިއެވެ. ﷲ ސުބުހާނަހޫ ވަތައާލާ އެ ދެ ބޭފުޅުންނަށް، އެ ދެ ބޭފުޅުންގެ ބަރަކާތްތެރި މަސައްކަތްޕުޅުތަކަށާއި، މާތްވެގެންވާ ޚިދުމަތްތަކަށާއި، ދެ ހަރަމްފުޅަށާއި، ޙައްޖުވެރިންނަށާއި، އުމްރާވެރިންނަށާއި، ޒިޔާރަތްތެރިންނަށް ފޯރުކޮށްދެއްވާފައިވާ އުންމީދަށްވުރެ ފުރިހަމަ ވަސީލަތްތަކަށް، މަތިވެރި ދަރުމަ ދެއްވާށިއެވެ،" ރައީސްގެ ޓްވީޓުގައިވެއެވެ.

ސައުދީ އަރަބިއްޔާއިން ދެއްވި ޚާއްސަ ދައުވަތަކަށް ރައީސް މުއިއްޒުގެ ދެކަނބަލުން މައްކާއަށް ވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހެވެ.

ހައްޖުގެ އަޅުކަމަށް މި އަހަރުގެ ވެސް ރާއްޖެއިން ފުރީ 1000 މީހުންނެވެ.

ރާއްޖެ ފަދަ، ކުޑަ ގައުމަކަށް، މައްކާ ރޫޓު އިނީޝިއޭޓިވްގެ ޚިދުމަތް ލިބި، ޙައްޖުވެރިން ދަތުރުކުރުމުގެ އިންތިޒާމުތަކަށް ވަރަށް ބޮޑު ލުއިފަސޭހައެއް މި އަހަރު ވަނީ ލިބިފައެވެ.

އެގޮތުން، ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވިއިރު އެކަމުގެ ހިތްހަމަޖެހުން ހައްޖުވެރިން ފާހަގަކުރާ ކަމަށް ޙައްޖު މިޝަނުން ބުނެއެވެ.

comment ކޮމެންޓް