ދަގަނޑޭ އެނބުރި ނިއުއަށް، ފެންނާނީ ދެވަނަ ޑިވިޝަނުން

މެއި 2، 2018: އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބަނގުލަދޭޝްގެ ދާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން: 1-5ގެ ބޮޑު ތަފާތަކުން މޮޅުވެ ނިއު ރޭޑިއަންޓުން ވަނީ ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އެއްވަނަ ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަންނަ ސީޒަނުގައި އޭނާގެ ކުރީގެ ކުލަބު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ގުޅެން ނިންމާފައިވާ ކަމަށް އެ ކުލަބުން ހާމަކޮށްފިއެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަޙްމަދު މުބީން ވަނީ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުގައި އެކަން ހާމަކޮށްފައެވެ. މީގެ ދުވަސްކޮޅެއް ކުރިންވެސް ދަގަނޑޭ ނިއުއާ ގުޅެން އުޅޭކަމުގެ ވާހަކަތަކެއް ވަނީ ދެކެވިފައެވެ. އަދި އެކަމުގެ އިޝާރާތެއްވެސް ނިއު އިން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއްގެ ގޮތުގައި ކޮށްފައެވެ.

ދަގަނޑޭ އެނބުރި ނިއު ރޭޑިއަންޓާ ގުޅެން ނިންމިކަން ހާމަކޮށް މުބީން ވަނީ ގިނަ ކަންކަން ފާހަގަކޮށްފައެވެ. އެގޮތުން ދަގަނޑޭ އެނބުރި ނިއުއާ ގުޅުމަކީ ބޮޑު އުންމީދެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

"އަޝްފާގަކީ ރާއްޖޭގެ އެންމެ މަގުބޫލު ކުޅުންތެރިޔާކަން އެންމެންނަށް ވެސް އެނގޭ. އޭނާގެ ހުނަރުވެރިކަމާއި ޓެކްނިކަލް ގާބިލުކަމަކީ އަޅުގަނޑުމެންގެ ޓީމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް," މުބީން ވިދާޅުވިއެވެ.

ދަގަނޑޭ ނިއުއާ ގުޅުމުން ކުރިއަށްއޮތް ދެވަނަ ޑިވިޝަނުގައި ނިއު ފެންނާނީ ވަރުގަދަކޮށްކަން ފާހަގަކޮށް މުބީން ވިދާޅުވީ, ދަގަނޑޭގެ ތަޖުރިބާގެ ސަބަބުން މުޅި ޓީމު ވަރުގަދަކޮށް ފެނިގެންދާނެކަމަށެވެ.

"އަޝްފާޤް ޓީމާއި ގުޅުމުން އަޝްފާގުގެ ތަޖުރިބާއާއި ހުނަރު އެހެން ޒުވާން ކުޅުންތެރިންނާ އެކުގައި ޓީމު ފެންނާނީ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި،"

"އަޝްފާގު ނިއުރޭޑިއަންޓާ ގުޅުމަކީ ހަމައެކަނި އަޅުގަނޑުމެންގެ ކްލަބަށް ލިބުނު ކުރިއެރުމެއް ނޫން، މުޅި ރާއްޖޭގެ ފުޓްބޯޅައަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް، އަޅުގަނޑުމެން އެންމެން މިތިބީ އަޝްފާގުގެ ކުޅުން ފެނުމަށް ވަރަށް ބޮޑަށް އިންތިޒާރުގައި" މުބީން ވިދާޅުވިއެވެ.

އުމުރުން 39 އަހަރުގެ ދަގަނޑޭ އެންމެ ފަހުން ޕްރޮފެޝަނަލް ލެވަލްގައި ކުޅެފައިވަނީ 2023 ވަނަ އަހަރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. އެހެންނަމަވެސް އެ ސީޒަންގައި ވެސް ދެ މެޗް ކުޅުމަށްފަހު އަނިޔާގެ ސަބަބުން ދަގަނޑޭ ނުފެނެއެވެ. ދާދިފަހުން އޭނާ ވަނީ ކަކުލުގެ އޮޕަރޭޝަނެއް ވެސް ކޮށްފައެވެ. އަދި, މުޅިން ފިޓުނުވި ނަމަވެސް އޭނާ ދަނީ ފިޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް