އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން ބަރޯސާވެފައި އޮންނަ މަހުޖަނު އީލޮން މަސްކުގެ ޖައްވީ އުޅަނދު ޑްރެގަން އަތުލާނެ ކަމަށް ބުނެ މަސްކު ނާސާއަށް އިންޒާރުދީފިއެވެ.
މަސްކު އެގޮތަށް ބުނެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ މަނިކުފާނުގެ ސޯޝަލް މީޑިއާ ސައިޓް، ޓްރޫތް ސޯޝަލްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
ޓްރަމްޕްގެ ޕޯސްޓުގައި ލިޔުއްވާފައިވާ ގޮތުގައި ސަރުކާރުގެ ބަޖެޓުން ބިލިއަން ޑޮލަރުގެ ފައިސާ ރައްކާކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ ސަރުކާރުގައި ހުންނެވި ދުވަސްވަރު މަސްކު ދީފައިވާ ސަބްސިޑީތަކާއި ކޮންޓްރެކްޓްތައް އުވާލުމެވެ.
އެމެރިކާ ސަރުކާރުގެ ޑިޕާޓްމެންޓް އޮފް ގަވަމެންޓް އެފިކަސީ (ޑޯޖް)ގެ ޒިންމާތައް ނެގުމަށް ހަވާލުކުރި މަސްކު ވަނީ ދައުރު ހަމަވުމުން މިދިޔަ ހަފުތާ ސަރުކާރުން ވަކިވެފައެވެ.
މަސްކާއި ޓްރަމްޕްގެ ގުޅުން ގޯސްވީ އެމެރިކާ ސަރުކާރުން ހުށަހަޅާފައިވާ ހަރަދުގެ ބިލުގެ މައްސަލައިގައި ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެއެވެ. ސަރުކާރުން ވަކިވިއިރު ވެސް އެ ބިލަށް މަސްކު ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.
"ކޮންގްރެސްގެ މި ބޮޑު، ހަރުކަށި، ޚަރަދުގެ ބިލަކީ ވަރަށް ނުބައި ހުތުރު ބިލެއް،" މަސްކު އެކްސްގައި ލިޔުއްވާފައިވެއެވެ.
މަސްކުގެ އެ ވަހާތަކާ އެކު ޓެސްލާގެ ސްޓޮކް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
މަސްކުގެ ސްޕޭސްއެކްސްގެ ޖައްވީ އުޅަނޑު ޑްރެގަން އަކީ 4.9 ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއްގެ ދަށުން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް އެސްޓްރޯނެޓުން ގެންދިއުމަށާއި ބިމަށް އަނބުރާ ގެނައުމަށް ނާސާއިން ބަރޯސާވެފައި އޮންނަ އުޅަނދެވެ.
އެ ކެޕްސޫލަކީ އޯބިޓްގައި އިންސާނުން އުދުހުމުގެ ގާބިލުކަން ހުރި އެމެރިކާގެ ހަމައެކަނި ޖައްވީ އުޅަނދެވެ.
ޑްރެގަން އަތުލައިފިނަމަ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބައިނަލްއަގުވާމީ އެއްބަސްވުމެއްގެ ދަށުން އެތައް ގައުމެއް ބައިވެރިވާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ޕްރޮގްރާމަށް ބުރޫ އަރާނެއެވެ.
ޑްރެގަންގެ އިތުރުން ޖައްވަށް އެސްޓްރޯނެޓުން ފޮނުވާ ހަމައެކަނި އުޅަނދަކީ ރަޝިޔާގެ ސޯޔޫޒް ސިސްޓަމެވެ.
"އަޅުގަނޑާއި އީލޯންއާ ދެމެދު އޮތީ ވަރަށް ބޮޑު ގުޅުމެއް. އެ ގުޅުން އިތުރަށް ކުރިއަށްދާނެ ކަމެއް ނޭނގޭ،" ޓްރަމްޕް ވިދާޅުވިއެވެ.
ޑޯޖްގެ ޒިންމާއާ ހަވާލުވުމަށް ފަހު، އެތައް ބަޔަކު ވަޒީފާއިން ވަކިކުރުމާއި ގިނަ އިދާރާތަކެއް އުވާލައި، އެ ތަންތަން ކުޑަކުރުމުގެ ގޮތުން އެތައް ފިޔަވަޅެއް މަސްކު ވަނީ އަޅާފައެވެ.
ޓެސްލާ ކުންފުންޏާއި އެކްސް ޕްލެޓްފޯމްގެ އިތުރުން އެހެން ގިނަ ކުންފުނިތަކެއް ވެސް ހިންގާ މަސްކަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހާއެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 386 ބިލިއަން ޑޮލަރަށް އަރައެވެ.