ތިމާވެށީގެ ދުވަހާ ގުޅިގެން މި މަހުގެ ނިޔަލަށް ހަރަކާތްތައް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން ހާމަކުރި ގޮތުން، މި އަހަރުގެ ތިމާވެށީގެ ދުވަސް ކަމަށްވާ އިއްޔެ ހަރަކާތްތަކެއް ބާއްވާފައިވެއެވެ.
އެގޮތުން:
- އުހުލިހާ: ކުޑަކުދިންނާ އެކު ވަޒީރު (އިއްޔެ ބާއްވާފައި)
- އީދު ޕްރޮގްރާމް (އިއްޔެ ބާއްވާފައި)
- ޕީއެސްއެމް ޕޮޑްކާސްޓް (އިއްޔެ ބާއްވާފައި)
- މެރިން ލިޓާ ކްލީން އަޕް ހުޅުމާލޭގައި އިއްޔެ ފަށާފައިވާއިރު، ނިމޭނީ މި މަހު 15ގައި
- ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން ގަސް އިންދުމުގެ ހަރަކާތްތައް މި މަހު ތެރޭ ބޭއްވުން
- ލާމު އަތޮޅުގައި މި މަހު 27ގައި ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލެއް
- މި މަހު 28ގައި އުޖާލާ ލާމާއި އިތުރު ދެ ހަރަކާތަކާއި ތިމާވެށީގެ ދުވަހު ޖަލްސާ އޮންނާނެ
'އަވާ ޕްލެނެޓް އެކްޝަން މަންތް'ގެ ނަމުގައި ކުރިއަށްދާ މި ޙަރަކާތްތަކުގެ މަގުޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، މުޖުތަމަޢުގެ ހުރިހާ ފަރުދުންގެ ބައިވެރިވުން އިތުރުކުރުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމުތަކުގައި ސުކޫލުތައް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތައް ހިމެނޭއިރު، މި ޙަރަކާތްތަކުގައި ބައިވެރިވުމަށް ހުރިހާ އެންމެންނަށް ވެސް މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހަކީ ޖޫން ފަސްވަނަ ދުވަސް ކަމަށްވާއިރު، އެ ދުވަސް ފާހަގަކުރުމަށް ހަރަކާތްތައް ބާއްވައެވެ.