ދަތުރުކުރި ބޯޓުގައި މަސްތުވާތަކެތި ހުރުމުން ހައްޔަރުކުރި އިންޑޮނޭޝިއާ ދެމީހުން ދޫކޮށްލައިފި

ބަންދުން ދޫކޮށްލި އިންޑޮނޭޝިއާގެ ދެމީހުން: އެމީހުން ދޫކޮށްލީ ބަންދުގައި 75 ހޭދަކުރުމަށް ފަހުގައި ---- ފޮޓޯ/ ފުލުހުން

ކަނޑުމަގުން އެމީހުން ދަތުރުކުރި ބޯޓުގައި މަސްތުވާތަކެތި ހުރުމުން ހައްޔަރުކޮށް، ބަންދުގައި 75 ދުވަސް ހޭދަކުރުމަށް ފަހު އިންޑޮނޭޝިއާގެ ދެ މީހުން ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި ޝަރުތުކުރުމަށް ފަހު ކްރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު ދޫކޮށްލާފައި ވަނީ 25 އަހަރުގެ އެޑްރިއަންސްޔާ އާއި 30 އަހަރުގެ މުޙައްމަދު އިކްބަލް މަކްމުރެވެ.

ވަކިވަކިން ނެރެފައިވާ ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި، އެ ދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތުގައެވެ.

ބަންދުން ދޫކޮށްލި އިކްބަލްއަކީ ބޯޓުގެ ޗީފް އޮފިސަރު ކަމަށްވާއިރު، މި ދެ މީހުން ހައްޔަރުގައި ތިބިއިރު ބަންދާ މެދު ގޮތެއް ނިންމަން ހަ ފަހަރަށް ހުށަހެޅިއެވެ.

އެގޮތުން، ފުލުހުން ހަވަނަ ފަހަރަށް ކޯޓުގައި އެދުނީ ޖިނާއީ އިޖުރާއަތުގެ ގާނުނުގެ 60 ވަނަ މާއްދާގެ (ކ)ގެ ދަށުން ދެ މީހުންގެ ބަންދު 30 ދުވަހަށް އިތުރުކޮށްދިނުމަށެވެ.

ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ މާއްދާގައި އޮންނަނީ މީހަކު ބަންދުކޮށްފައި ވަނިކޮށް އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށްކުރި ކަމަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިއްޖެ ނަމަ 15 ދުވަހަށް ވުރެ އިތުރަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.

އެހެންވެ، އެމީހުން ކުށްކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވޭތޯ ސާފުކުރުމަށް، ފުލުހުންނާ، ޝަރީއަތުގައި ވަނީ ސުވާލުކޮށްފައެވެ.

އެގޮތުން މައްސަލައިގައި ފެނުނު މަސްތުވާތަކެއްޗާ، އެ މީހުންނާ ސީދާ ގުޅުވާލެވޭ ހެއްކެއް ނެތް ކަމަށާއި ފިންގަޕްރިންޓެއް ނުވަތަ ޑީއެންއޭއެއް ކަހަލަ އެއްޗެއް ވެސް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެކަމަކު، މަސްތުވާތަކެތި ފެނުނީ ބޯޓު ތެރޭގައި ހުރި އިންޖީނު ރޫމުގެ ތެރޭގައި ހުރި ވަތެއްގެ ތެރެއިން ކަމަށާއި އިންޖީނު ރޫމަކީ އެހެން މީހުންނަށް ވެސް ވަދެ ނިކުމެވޭހެން ހުރިތަނެއް ކަން އައިއޯ ޝަރީއަތުގައި ފާހަގަކޮށްފައިވެއެވެ.

ސީސީޓީވީ ފުޓޭޖު އަޅުވާފައި ހުންނާތީ އެކަން އިންޖީނު ރޫމަށް ވަދެ ނިކުމެ އުޅޭ މަންޒަރު ފެންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އައިއޯ ބުނެފައިވެއެވެ.

އެއާއެކު، އެ ކަންކަމަށް ރިއާޔަތްކުރުމަށްފަހު، ގާޒީ ހުސައިން ފާއިޒް ރަޝާދު ކުރެއްވި ހުކުމްތަކުގައި ވަނީ، މީހުން ބަންދުކުރުމަށް ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުންނަން ޖެހޭއިރު، އެފަދަ ހެކިތައް ނެތުމުން ޝަރުތުކުރުމަށް ފަހު ދެ މީހުން ބަންދުން ދޫކޮށްލުމަށް ނިންމާ ކަމަށެވެ.

comment ކޮމެންޓް