ފަޔާ ލޮރީގައި މައްސަލައެއް ޖެހުމުން ފުނަދޫ އެއާޕޯޓަށް ދަތުރުތައް މެދުކަނޑާލައިފި

ފުނަދޫ އެއާޕޯޓް: އެ އެއާޕޯޓަށް ދަތުރުތައް ވަނީ މެދުކަނޑާލައިފައި -- ފޮޓޯ/ ރީޖަނަލް އެއާޕޯޓްސް

ށ. ފުނަދޫ އެއާޕޯޓުގެ ފަޔާ ލޮރީގައި މައްސަލައެއް ޖެހުމާ ގުޅިގެން އެ އެއާޕޯޓަށް ކުރަން އޮތް ދަތުރުތައް މިއަދު މެދުކަނޑާލައިފިއެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަންއިން ނެރުނު އިއުލާނެއްގައި ވަނީ އެއާޕޯޓުގެ ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ފުނަދުއަށް މިއަދު ޝެޑިއުލްކޮށްފައި އޮތް ދަތުރުތައް ކުރެވެން ނެތް ކަމަށެވެ.

ފުނަދުއަށް ދާން މިއަދަށް ޓިކެޓް ނަގައިފައިވާ މީހުންނަށް އެހެން ގޮތެއް ހޯދައި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މީހުންނާ ސީދާ ވާހަކަދައްކައިގެން ހައްލެއް ގެނެސްދޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

މޯލްޑިވިއަންއިން ވަނީ އެ މައްސަލައާ ގުޅިގެން ކުރިމަތިވެދާނެ ދަތިތަކަށް މައާފަށް އެދި، އެހީއެއް ބޭނުންވާ ނަމަ 1671އަށް ގުޅުމަށް އެދިފައެވެ.

ފުނަދޫ ކައުންސިލް ރައީސް އަހުމަދު އިބްރާހީމްފުޅު "ސަން"އަށް ވިދާޅުވީ، އެއާޕޯޓުގައި އޮތް ފަޔާ ލޮރީއަށް މައްސަލައެއް ދިމާވި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، ބޯޓުތައް ޖައްސާއިރު އެ ލޮރީ ތައްޔާރީ ހާލަތުގައި އޮންނަން ޖެހޭއިރު، ލޮރީއަށް މައްސަލައެއް ދިމާވުމުން ދަތުރުތައް ނުބޭއްވެނީ ކަމަށެވެ.

މޯލްޑިވިއަންއިން ފުނަަދުއަށް ދަތުރުތައް ކުރަނީ ހަފުތާއަކު ތިން ދުވަހެވެ. އުއްމީދަކީ، މައްސަލަ ހައްލުވުމާއެކު އަންނަ އަންގާރަ ދުވަހު އެއާޕޯޓުގެ ދަތުރުތައް ފެށޭނެކަމަށް ކަން ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ.

ފުނަދޫ އެއާޕޯޓުގެ ދަތުރުތައް މެދުކަނޑާލައިފައި ވަނީ، އީދު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ މީހުން ދަތުރުކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ބަންދު ފެށުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށްވާއިރު، ސަރުކާރު އޮފީސްތަކާއި ސްކޫލުތައް ހުޅުވޭނީ އަންނަ އަންގާރައިގައެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދަށުން ހިންގާ ފުނަދޫ އެއާޕޯޓު ހެދުމުގެ މަސައްކަތް ފެށީ ޖަނަވަރީ 14، 2018ގައެވެ. އެ އެއާޕޯޓުގެ ދަތުރުތައް ފެށީ ފެބްރުވަރީ 3، 2020ގައެވެ.

comment ކޮމެންޓް